މަސްތުގެ ދާނުން ކަނޑަށް: ހަޔާތަކުން ފުން ވާހަކަތަކެއް
މަސްތުގެ ދާނުން ކަނޑަށް: ހަޔާތަކުން ފުން ވާހަކަތަކެއް

ރާއްޖޭގައި އޭރު 'ހަކުރުގެ ވަބާއެއް' ނެތެވެ. ގޭންގު މާރާމާރީގައި މީހުން މެރުމާއި ލޭއޮހޮރުވުމެއް ނެތެވެ. އެކަމަކު 'ކަންމަތީ ޒުވާނުން' އޭރު ވެސް ތިއްބެވެ. ބިތަކަށް ޖެހިފައި ނެތަސް ގޭންގު ހެދިފައެވެ. އެގޮތުން މާލޭގައި އޭރު އޮތް އެއް 'ގޭންގަކީ' ކޭޑީ ނަމަކަށް ކިޔާ ގޭންގެކެވެ. 'ސްނޭކް' ގޭންގޭ ކިޔުނު ގޭންގެއް ވެސް އެ ދުވަސްވަރު މާލޭގައި މީހުން ޖެހިލުންވާ ވަރަށް މަޝްހޫރުވެގެންދިޔައެވެ. އެކަމަކު އެއީ ފާރުފާރުތަކުގައި 'ހަރުފައިގެ' ގްރެފިޓީ ކުރެހުމާއި ހަފުތާ ބަންދަށް ޕާޓީކޮށް ދެ ޖިންސުގެ ކުދިން ޓެރަސްތަކުގައި މަޖާކުރުން ފިޔަވައި މާ ބޮޑު 'ނުބައި ކަމެއް' ހިނގި ދުވަސްވަރެއް ނޫނެވެ.

މަސްތުގެ ދާނުން ކަނޑަށް: ހަޔާތަކުން ފުން ވާހަކަތަކެއް
މަސްތުގެ ދާނުން ކަނޑަށް: ހަޔާތަކުން ފުން ވާހަކަތަކެއް

އެއީ އަހުސަން (އަސްލު ނަމެއް ނޫން) އޭނާގެ ފުރާވަރުގެ ދުވަސްތައް ކުލަކޮށް ސިފަކޮށްދިން ގޮތެވެ.

މަސްތުގެ ދާނުން ކަނޑަށް: ހަޔާތަކުން ފުން ވާހަކަތަކެއް
މަސްތުގެ ދާނުން ކަނޑަށް: ހަޔާތަކުން ފުން ވާހަކަތަކެއް

ބައްޕަގެ ޖީއެން ސައިކަލްގައި ގޮސް 'ޓެރަސް ޕާޓީއެއް' އޮތް ރައްޓެއްސެއްގެ ގެއަށް މަޑުކޮށްލާއިރު އެހިސާބުގަނޑުން އިތުރު އެހެން ސައިކަލެއް، ކާރެއް އުޅަނދެއް ނުވަތަ އެހެން މީހެއްގެ ހިލަމެއް ވެސް އޭރަކު ނުވާނެއެވެ. މަގުގެ ދެކޮޅު ބަލައި، އެ ސައިކަލުން ފައިބައިގެން ގޮސް ކުލަބޮކިން ދިއްލާފައިވާ ޓެރަހަށް އަރައި މިއުޒިކާއި ދެ ޖިންސުގެ އުފަލާއި މަޖަލުގެ ތެރެއަށް ގެނބި ގެއްލި، މުޅި ރޭގަނޑު ކުޑަވެގެން ދަނީއެވެ.

މަސްތުގެ ދާނުން ކަނޑަށް: ހަޔާތަކުން ފުން ވާހަކަތަކެއް
މަސްތުގެ ދާނުން ކަނޑަށް: ހަޔާތަކުން ފުން ވާހަކަތަކެއް

"އޭރު އާންމުކޮށް މި ޕާޓީތަކުން ލިބޭނީ ކެނަބިސް. ގްރާސް. ހޭޝް އޮއިލް. ތެޔޮ. ހެރޮއިން މިކިޔާ އެއްޗެއް އޭރު އަދި މި ރާއްޖެއަކަށް ނުވެސް އާދޭ،" އަށްޑިހައިގެ ފަހުކޮޅުން މާލޭގެ މާހައުލު ސިފަކޮށް ޒުވާން ދުވަސްތަކާ މިކްސްކޮށް 32 އަހަރު ކުރީގެ ހަނދާންތައް އަނބުރަމުން އަހުސަން ފަށައިގަތެވެ.

މަސްތުގެ ދާނުން ކަނޑަށް: ހަޔާތަކުން ފުން ވާހަކަތަކެއް
މަސްތުގެ ދާނުން ކަނޑަށް: ހަޔާތަކުން ފުން ވާހަކަތަކެއް

އޭނާ އަށް މިހާރު 46 އަހަރެވެ.

މަސްތުގެ ދާނުން ކަނޑަށް: ހަޔާތަކުން ފުން ވާހަކަތަކެއް
މަސްތުގެ ދާނުން ކަނޑަށް: ހަޔާތަކުން ފުން ވާހަކަތަކެއް

"އަހަރެމެންނަކީ ހެރޮއިން އަށް ދިޔަ ފުރަތަމަ ބެޗް ރާއްޖޭގެ. އެހެންވީމަ ވީ ބޭސިކަލީ ހެޑް ނޯ އައިޑިއާ މި ޖެހެނީ ގޮސް ކޮން އެއްޗެއްގައި ކަމެއް، ކިހާ ވަރެއްގެ އެއްޗެއްގައި ކަމެއް. އަހަރެމެންނަށް ވާނީ ކިހާ ވަރެއް ކަމެއް ވެސް. އަތް މި ލެވެނީ، ނެގުނީ، ބޮވުނީ ކިހާ ވަރެއްގެ ޕޮއިޒަންއެއް ކަމެއް އޭރަކު ނުވެސް އެނގޭ."

ވިހި އެކާވީސް އަހަރު ވަންދެން މަސްތުވާތަކެއްޗަށް އަޅުދާސްތުވެ އުޅުމަށް ފަހު އޭނާ 'ކްލީންކޮށް' ހުންނަތާ މިހާރު 10 އަހަރަށް ވުރެ ގިނަ ދުވަސްވީއެވެ. މިއަދު އޭނާ އަކީ ކުޅަދާނަ ފޮޓޯގްރާފަރެކެވެ. އާމްދަނީ ހޯދުމަށް ކުރާ ރަސްމީ މަސައްކަތަކީ އެއީއެވެ. އެކަމަކު އެއަށް ވުރެ މުހިންމު ރޯލަކީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޒުވާނުން ސަލާމަތްކޮށް ފަސޭހަކޮށްދިނުމަށް އޭނާ ކޮންމެ ދުވަހަކުވެސް އަދާކުރަމުންގެންދާ ރޯލެވެ.

"އަޅުގަނޑަކީ (ނާކޮޓިކްސް ރިކަވަރީ އެންޖީއޯ) ޖާނީގެ ފައުންޑިން މެމްބާއެއް. ކައުންސެލިން ކޯޗެއްގެ ގޮތުގައި ވެސް އަޅުގަނޑު ހަތް އަހަރު ވަންދެން އެތަނުގައި މަސައްކަތްކުރިން. އަދި މިހާރު ވެސް މަސައްކަތްކުރަން،" އޭނާ ކިޔައިދިނެވެ.

"އެކަމަކު އައުޓް ރީޗް ވޯކާއެއްގެ ގޮތުގައި ކުރެވޭ މަސައްކަތް އެންމެ މުހިންމީ. ކޮންމެ ދުވަހަކުވެސް މަގުމައްޗަށް ނުކުމެ، ބޯން އުޅޭ ކުދިން ހޯދައިގެން އެމީހުންނާ ވާހަކަ ދައްކައި ޑައިލޮގެއް ކްރިއޭޓްކޮށް އެމީހުން މޯޓިވޭޓްކޮށް ޑިޓޮކްސް އަށް ފޮނުވުމާއި ޑޮކްޓަރުންނަށް ފޮނުވުން."

"އެގޮތަށް ކޮންމެ ދުވަހަކުވެސް 20-30 މީހުންނާ ބައްދަލުވާނެ ކޮންމެ ދުވަހަކުވެސް، މަސްތުވާތަކެތީގެ ބަވާގައި ޝިކާރަވެފައިވާ، މާލޭގެ މަގުތައް މަތިން. މަގުމަތީގައި އުޅޭ ބޯ ކުދިންނާ ބައްދަލުކޮށް އެމީހުންގެ ދިރިއުޅުން، ހާލަތު ބަދަލުކުރަން ވާހަކަ ދައްކާނެ ބަޔަކު ތިބުމަކީ ވަރަށް މުހިންމު ކަމެއް."

"އެ ޕުޝް އެމީހުންނަށް ދޭނެ ބަޔަކު އެބަ ތިބެން ޖެހޭ ކޮންމެ ދުވަހަކުވެސް. ހުއްޓާލެވޭނެއޭ. ހިނގާށޭ ރިހެބަށް ދާން. ހިނގާށޭ ޑިޓޮކްސް އަށް ދާން. ނުދެވެންޏާމު ފޯނުން ވެސް ޑޮކްޓަރާ ވާހަކަ ދައްކައިގެން ބޭސް ނަގައިގެން ހުއްޓާލެވެން އެބަހުއްޓޭ މިހާރު. އެ ޕުޝް އެ ކުދިންނަށް ދޭނެ ބަޔަކު އެބަ ތިބެން ޖެހޭ ކޮންމެ ދުވަހަކު ވެސް."

އަސްލު ނަމުގައި ނޫން ކަމުގައިވިޔަސް، އަހުސަން އޭނާގެ ވާހަކަ ކިޔައިދޭން ބޭނުންވި އެންމެ ބޮޑު ސަބަބަކީ ވެސް މި އެވެ. އަދި އޭނާ ގަބޫލުކުރަނީ މަސްތުވާތަކެތީގެ ދުނިޔެއެއްގައި ޝިކާރަވަމުންދާ ޒުވާނަކަށް ދެވޭނެ އެންމެ މުހިންމު އެއް ފަރުވާ އަކީ ވެސް މިފަދަ ވާހަކަތަކާއި ތަޖުރިބާ އެފަދަ ޒުވާނަކާ ހިއްސާކުރުން ކަމަށެވެ.

އެއީ އަވަށްޓެރި ސްރީ ލަންކާގައި ދާޚިލީ ހަނގުރާމައިގެ ހުޅުގަނޑެއް ރޯވެ ގަދަ އަށް އަނދަމުން ދިޔަ ދުވަސްވަރެވެ. ނުވަ ދިހައިގެ ކުރީކޮޅެވެ. އަހުސަން ކިޔައިދިން ގޮތުން ނަމަ އެ ދުވަސްވަރު ދިވެހި ޕާސްޕޯޓަކަށް ލަންކާއިން ހިތުހުރި ވަރަކަށް 'ހަކުރު' ލިބެއެވެ.

"އޭރުގަ ދިވެހި ޕާސްޕޯޓަކަށް ލިބޭނެ ޖޫސްޕެޓީ ކޮތަޅެއްގެ ފުރާ ހުންނަ އެއްޗެހި. ލަންކާގައި އެލްޓީޓީ ޒަމާނުގައި ވަރަށް ބޭނުންވާނެ ދިވެހި ޕާސްޕޯޓް. އެހެންވީމަ ދިވެހި ޕާސްޕޯޓަކަށް ހިތްފުރޭ ވަރަށް ލިބޭނެ އެއްޗެހި. އަދި އެ ދުވަސްވަރު މާލޭގައި ޕާސްޕޯޓް ގެންގުޅޭ މީހުންގެ ޕާސްޕޯޓް ވަރަށް ގިނައިން ގެއްލޭނެ،" އަހުސަން ކިޔައިދިނެވެ.

"އެ ދުވަސްވަރަކީ މާލޭގައި ވަކި ބަޔަކު ރާވައިގެން ހަކުރު ގެނެސް ފަތުރާލި ދުވަސްވަރެއް. އެކަން އެންމެ ގަދަ އަށް އޭރު ޖެއްސި ބަޔަކީ މާލޭގެ މަޖީދީމަގުގައި ތަޅުންއަޅަން އައިސް ތިބި ލަންކާ މީހުން. އެއީ ބަންގްލަދޭޝްގެ ލޭބަރުން މިހާރު ރާއްޖޭގައި ހަރަކާތްތެރިވާ ގޮތަށް ލަންކާ މީހުން މާލޭގައި އުޅުނު ދުވަސްވަރެއް."

އެ ދުވަސްވަރަކީ މަޖީދިއްޔާގެ ދުވަސްތަކަށް ފަހު ރައްޓެހިންނާ އެކު 'ޕާޓީކޮށް' މަޖާކުރަން ހަސަން އުޅުނު ދުވަސްތަކެވެ. ހިޔާލެއް ފިކުރެއް އޭނާގެ ނެތެވެ.

"ބައްޕަ އަކީ ވަރަށް ބޮޑު ވިޔަފާރިއެއް. އެހެންވީމަ އަހަރެން ނުޖެހޭނެދޯ ހާސްވާކަށް. އަހަރެން ހާސްވާން ޖެހުނު އެއްވެސް ކަމެއް ނެތޭ. އަހަރެން ކާން ދޭން ޖެހޭ، ބޯން ދޭން ޖެހޭ މީހެއް ނެތް. އަހަރެން ޚަރަދުކުރަން ޖެހޭ ބޮލެއް ނެތް. ފެން ބިލެއް، ކަރަންޓު ބިލެއް ކެއުމުގެ ބިލެއް ނެތް އަހަރެން ދައްކަން ޖެހޭ،" އަހުސަން ކިޔައިދިނެވެ.

"އަހަރެން މެލޭޝިއާ އަށް ދާން ބޭނުންވިޔަސް، ސްވިޓްޒަލެންޑަށް ދާން ބޭނުންވިޔަސް ހަމަ ފުރައިގެން ދާންވީއޭ."

އެންމެފުރަތަމަ އޭނާ އުޅުނީ ހަމިމްބާޑްގައި ކެބިންކްރޫއަކަށެވެ. އެ ދަތުރުތަކުގައި ރިސޯޓްތަކަށް ގޮސް މަސްތުގެ ދާނިން އަރައިނުގަންނަވަރުވުމުން އެންމެފަހުން ވަޒީފާއިން ކަނޑާލީއެވެ. އެއަށް ފަހު އެއާ ޓެކްސީގެ ވަޒީފާއަކަށް ކުރިމަތިލައިގެން އެތަނުން ވެސް ވަޒީފާ ހަމަޖެހުނެވެ.

"އެކަމަކު ހިތަށް އެރީ އަހަރެން ނޫޅެމޭ ކޮންމެހެން ލާރިއެއް ނުލިބިގެނެއް. ކީއްކުރަންހޭ ޖޮބަކަށް ދާންވީ، އެހެން ހިތަށް އަރާފައި ނުދިޔައީ ދެން ޖޮބަކަށް،" އަހުސަން ބުންޏެވެ.

"ދެން އަނެއްކާވެސް ޑްރަގްގެ އަނދިރި ދުނިޔެ އަށް ފުންމާލީ. ހަމަ ހަކުރުގެ ބޮޑު ކިއްލާއަކަށް ގޮސް ވަނީ."

އެއަށް ފަހު މަޑުމަޑުން އެ ކަތި ދުނިޔޭގައި ފިޔަވަޅު ކައްސަން ފެށީއެވެ.

"އެންމެ ފުރަތަމަ ލާރި ބޮރޯކުރާނީ. ދެން ލާރި އަށް ކިޔަން ފަށާނީ. ދެން ފަނުން ވައްކަން ވެސް ކުރަން ފަށާނީ. ގޭ ތެރޭގައި ހުންނަ އެއްޗެހިތައް ވިއްކަން ވެސް ފަށާނީ،" ދިރިއުޅުން ބޮއްސުންލަމުންދިޔަ ތަރުތީބު ކިޔައިދެމުން އޭނާ ބުންޏެވެ.

"އަހަރެމެން އެގޮތަށް ބޮއެގެން ޕާޓީކޮށްކޮށްތިއްބައި ރާއްޖޭގެ ފަލަ ސުރުހީތަކުގައި، މަސްތުވާތަކެތީގެ އާ ވައްތަރެއް ރާއްޖެ ގެނެސްފިއޭ ޖެހީ ވެސް. އެއީ ހެރޮއިންއޭ ބްރައުން ޝުގާއޭ. މަގުމަތީގައި އުޅޭ ކުދިން އެއަށް ކިޔަނީ ހަކުރޭ ކިޔައިގެން އެ ވާހަކަ އަލަށް ނޫހުގައި ޖެހީ ވެސް އަހަރެމެން ބޮއެގެން ކެނޑިކެނޑި ތިއްބައި."

މައްސަލަ ބޮއްސުންލައިގެން ގޮސް އެންމެފަހުން ފުލުހުންގެ އޮޕަރޭޝަނެއްގައި އަހުސަން އާއި އޭނާގެ އެކުވެރިން ވެސް ހައްޔަރުކުރިއެވެ.

"އެ ދުވަސްވަރު ގެނައި ހަކުރު، ބޯން ލިބުނު ހަކުރަކީ ވަރަށް ޕިޔޯ ރޭންޖެއްގެ ހަކުރު. ވަރަށް ހައި ގްރޭޑްގެ ހަކުރު. އެހެންވީމަ އޭގެ އަސަރު ހަށިގަނޑަށް ކުރާ މިންވަރު ވެސް ތަފާތުވެފައި ބޮޑު. އޭރު 10 ވަރަކަށް ދުވަސްވާއިރު ވެސް ވިތުޑްރޯވަލްސް ނުހުއްޓުވޭނެ ރަނގަޅަކަށް،" އަހުސަން ކިޔައިދިނެވެ.

ދޫނިދޫ ޖަލަށް ގެންގޮސް 'ތަހުގީގީ އަދަބެއް' ގެ ގޮތުން ޕްލާސްޓިކް ގޮނޑިއެއްގައި އެތައް އިރެއް ވަންދެން ބައިންދާފައި އިން ދުވަސްތަކެއްގެ ހަނދާން އާކުރި އެވެ.

"ދެން އެހެން އިންދައި ވަރަށް ގަދަ އަށް ސިކުވެއްޖެ. ފަތިސްވީއިރު މީހާ ހަމަ މޮޔަވަނީ. ހީބިހި ނަގައި، ފިނިވެގެން،" ބޯން ނުލިބި ސިކުވާންފެށުމުން ތަހައްމަލްކުރަން ޖެހޭ ވޭނާއި އިހުސާސް އޭނާ ކިޔައިދޭން ފެށިއެވެ.

"މިސާލަކަށް ފަންކާއެއް ދަށުގައި އޮއްވައި ވައި ޖެހުނީމަ ވެސް ގަޔަށް ތަދުއަރާނެ. ހީވާނީ ކަށި ކޮށްޕާހެން މުޅި ގަޔަށް. އަނެއްކޮޅުން ފަންކާ ނިއްވާލީމަ ހޫނުވެސް ވާނެ."

"މުޅި ހަށިގަނޑުގެ ރަސްމީ ނިޒާމު ހުންނަނީ ނަމްބުކޮށްލާފައި. ހަކުރު ބޮއެގެން މުޅި ހަށިގަނޑުން ކަނޑުވާލާފައި ހުރި ތަދު، އޮއްބާލާފައި ހުރި ތަދުތައް ކުއްލިއަކަށް، ހަކުރު ނުލިބިގެން، އެނބުރި އަންނަން ފެށީމަ އެ އަޅާ ވޭން ދެން ވަރަށް ގަދަވާނެ."

އެ ހާލަތުން އަރައިގަތުމަށް އަހުސަން ރޭވީ ދޫނިދޫ އިން ފިލައިގެން "ދޯންޏެއްގައި އެލިގަނެގެން" މާލެ އަށް ގޮސް ހިތްފުރެންދެން ހަކުރު ބޯށެވެ. އޭނާ އެ ވާހަކަ ކިޔައިދިންއިރު ސިފަވެގެން ދަނީ ފިލްމަކުން ފެންނަ ފަދަ މަންޒަރުތަކެކެވެ.

"ރޭގަނޑު ކައި ނިމުނީމަ ގާޑުން ދެން ތިބޭނީ ބޮޑު ސްޓޯރީގައި. ކަޅިއެއް އެއްލައި ބަލައިފާނެ. އެކަމަކު މާ ބޮޑު ސަމާލުކަމެއް ނުދޭނެ. އެއީ އަހަރެން އިން ގޮނޑި އިންޗިއެއް ދެ އިންޗިއެއް ކުރިއަށް ޖައްސަމުން ގޮސް އަނދިރިގަނޑު އޮތް ހިސާބުން ގަސްތަކުގެ ތެރެއަށް ވަން ހިސާބަކީ،" އޭނާ ކިޔައިދިނެވެ.

"ދެން ފިލައިގެން އެ ދިމާލުން ދިޔަގޮތަށް ގޮސް ފުންމާލީ މޫދަށް. އަހަރެން މޫދަށް ފުންމާލައިގެން ފަތައިގަތީ. ހީކަރުވައިގެން ގޮސް ނެތް ގޮތެއް. އެކަމަކު އަހަރެންނަށް އެނގޭ މިހާރު މޫދަށް ފުންމާލެވުނީކަން، ދެން އެނބުރި ދިއުމެއް ނެތް ކަން."

"ދެ ތިން ފޫޓެއްހާ ދުރުގައި އޮތީ ކަނޑު. އެކަމަކު އަހަރެން ހީކުރި ގޮތަކަށް އެތަނުގައި ދޯންޏެއް ނެތް. އިރުއިރުކޮޅުން ލޯންޗުތައް ލޮނުގަނޑު ކަފާލާފައި ދާތަން ފެނޭ. އެންމެފަހުން ސަލާމަތްނުވެދާނެހެން ހީވީމަ އަހަރެން ގޮސް އެރީ ހުޅުލެއަށް."

"އަހަރެން އަރައި އޮތީ ނެރުތޮށިގަނޑު މައްޗަށް. އަރައި އެއްގަމަށް މި ބަލައި ހޯދާލީ އެއްވެސް ބަޔަކު އަހަރެން ހޯދަމުންދޭތޯ. އެކަމަކު ވަރަށް ނޯމަލް ނައިޓެއް. މީހުންތައް އެ މީހުންގެ އާދައިގެ މަސައްކަތާއިގެން ކުރިއަށް ދަނީ."

ފިލްމެއްގެ މަންޒަރުތަކެއް ހެން އޭނާ ކިޔައިދެމުންދިޔައެވެ. އެކަމަކު މަސްތުގެ ކަނޑަކަށް ގެނބި ފެތެމުންނެވެ.

"ދެން އަހަރެން ފަތާލާފައި ގޮސް ކާގޯއާ ވީ ފަޅިން ތޮށިގަނޑު މައްޗަށް އަރައިގެން ދިޔައީމަ ބައެއް މީހުން ތިބި ބަލަން، ތެމިފަ ހުރި މީހަކު އެދިމާލުން އަރައިގެން ދިޔައީމަ. އަހަރެން ދިޔަ ގޮތަށް ގޮސް އަވަހަށް ވަނީ މަސައްކަތު މީހުންގެ ބަޔަށް،" އަހުސަން ކިޔައިދިނެވެ.

"އެތަނަށް ވަދެ މޫނު ދޮވެލައި، ބޮއިލަރު ސޫޓެއް ހޯދައިގެން އެއްޗެހި ބަދަލުކޮށް މި ބޮއިލަރު ސޫޓު ލައިގެން ގޮސް މި އިންނަނީ ތޮށިގަނޑު މަތީގައި މާލެ ދާން މަޑުކޮށްލައިގެން."

"ދެން މާލެ އަށް ގޮސް ގެއަށް ގޮސް ލާރިކޮޅެއް ހިފައިގެން ގޮސް ގަތީ ހަކުރު. އަހަރެން ޖަލުން ފިލައިގެން ދިޔައީ ހަމަ ސީދާ ހަކުރު ބޯން."

އެކަމަކު އެ ދަތުރާއި އުފާވީ ވަގުތީ އުފަލަކަށެވެ. ވަގުތީ ހިތްހަމަޖެހުމަކަށެވެ. އާއިލާއިން އެންމެފަހުން އޭނާ އަނެއްކާވެސް ފުލުހުންނާ ހަވާލުކުރީއެވެ. އަދި އެންމެފަހުން ދިރިއުޅުމުގެ ހާލަތު މޫނު މައްޗަށް ބިންދަން ފެށި ރާޅުތަކުން ހަމަ ދުނިޔެއަކަށް ހޭލަން މަޖުބޫރުވީ އެވެ.

"ވައްކަން ކުރުމާއި އޮޅުވާލުމާއި މީހުންގެ އަތުން ދަރަންޏަށް ލާރި ނެގުމާއި ކަންކަން އާންމު އާދަތަކަށްވެ މީހާ ބްރޯކްވެ އަތުގައި ހުރި އެއްޗެހި ވިއްކައި ހުސްކޮށް، ގޭތެރޭގައި ހުރި އެއްޗެހި ވިއްކައި ހުސްކޮށް އެކްސްޓްރީމަށް ކަންކަން ހިނގައްޖެ އެންމެފަހުން،" އަހުސަން ކިޔައިދިނެވެ.

"ވަޒީފާ ނުލިބި، ރައްޓެހިން ގެއްލި މީހާ އެކަހެރިވެ ބާކީވެ، އިމޯޝަނަލަކީ ފިޒިކަލީ މީހާ ހަލާކުވެގެންދާން ފެށީމަ ބޭނުންވީ ސަލާމަތްވާން. ހުރިހާ ރަނގަޅު ސިފަތައް ގެއްލި ނުބައި ސިފަތައް، ދޮގުހެދުމާއި މަކަރު ހެދުން ކަހަލަ ނެގެޓިވް ސިފަތަކެއް އަހަރެންގެ ކިބައިގައި މެނިފެސްޓްވާން ފެށީ."

"އަހަރެންގެ މުޅި ކޮންޓްރޯލް އަތުން ގެއްލިގެން ދިޔައީ."

އެކަމަކު އެ ކޮންޓްރޯލް އޭނާގެ މުށުތެރެއަށް އަލުން ގެނެސް ހަމަމަގު އަލުން ހޯދައި ސާފު ދިރިއުޅުމެއް އޭނާ އަލުން ހޯދައިފިއެވެ. އެއަށް ފަހު އޭނާ ދޭން ބޭނުންވާ މެސެޖަކީ މިއެވެ.

"އެކަކު ބޯ ސަބަބު އަނެކަކު ބޯ ސަބަބާ މުޅިން ތަފާތުވެދާނެ. އެކަމަކު ލައިފްގައި ކިތަންމެ ގޮންޖެހުމަކާ ދިމާވިޔަސް، އުއްމީދު ދޫކޮށްލައިގެން ނުވާނެ. އުއްމީދު ކަނޑާލައިގެން ނުވާނެ،" އަހުސަން ބުނެލިއެވެ.

"މުޖުތަމައުން އައިސް ތިމާ އަށް އެހީވާނެތޯ، ބަޔަކު މީހުން އައިސް އަހަރެން ކޮނޑަށް ލައިގެން އުޅޭނެތޯ ބަލާނެ ކަމެއް ނެތް. އަމިއްލަ އަށް އަމިއްލަ ނަފުސަށްޓަކައި ހުރިހާ ކަމެއް ކުރަންވީ."

"އަހަރެން މި ބޭނުންކުރަނީ ކީއްވެގެންތޯ. އަހަރެންނަށް މި ބޮވެނީ ކީއްވެގެންތޯ. އަހަރެން ހުއްޓާލަން ކުރަން ޖެހޭ ކަމަކީ ކޮބައިތޯ. މި ސުވާލުތައް ކުރަންވީ އަމިއްލަ ނަފުސާ."