07 މާޗް 2022 - 06:22

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސްޓެން ސްޓުވާޓް އަމިއްލަ ފިލްމެއް ޑައިރެކްޓްކޮށް ނެރެން ތައްޔާރުވެއްޖެ އެވެ.
އެންމެފަހުން ޕްރިންސަސް ޑަޔާނާގެ ރޯލު ކުޅުނު ކްރިސްޓެން އަކީ ހޮލީވުޑްގެ އޭލިސްޓުންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ.
އޮސްކާ އަށް ނޯމިނޭޓް ވެފައިވާ 31 އަހަރުގެ ކްރިސްޓެން އަށް ވަނީ މި ފަހުން އެހެން އެވޯޑްތައް ވެސް ލިބިފަ އެވެ. ދާދިފަހުން ބޭއްވި ސެންޓާ ބާބަރާ އިންޓަނޭޝަނަލް އެވޯޑްސްގައި ކްރިސްޓެން އަށް ވަނީ އޭނާގެ ހުނަރު އަގުވަޒަން ކުރުމުގެ އެވޯޑެއް ލިބިފަ އެވެ.
އެ އެވޯޑާ ހަވާލުވެ ވާހަކަދައްކަމުން އޭނާ ބުނީ މި ވަގުތު ވަރަށް ތަފާތު ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އޭގެތެރޭގައި އޭނާ ޑައިރެކްޓު ކުރާ ފުރަތަމަ ފިލްމު ވެސް ހިމެނޭ ކަމަށެވެ. އެ ފިލްމާ ގުޅޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ޕްރިސެސް ޑަޔާނާގެ ރޯލު ކްރިސްޓެން ކުޅުނު "ސްޕެންސާ" އަކީ މިދިޔަ އަހަރު ނެރުނު އެންމެ ވަރުގަދަ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމެވެ. އެ ފިލްމުގައި ކްރިސްޓެންގެ އެކްޓިން ވަރަށް ފުރިހަމަ އަށް ފެންނަ ކަމަށް ބުނެ އެތައް ބައެއްގެ ލޯބި އޭނާ އަށް ލިބުނެވެ.