06 މާޗް 2022 - 18:32

ހުޅުމާލޭ މަގެއްގެ މަތީގައި އަނިޔާތަކަކާ އެކު އޮތް މީހަކު މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ އަނިޔާތަކެއް ލިބިފައި އޮތް ބިދޭސީއަކު ހުޅުމާލޭ މަގެއްގެ މަތީގައި އޮތް ކަމުގެ މައުލޫމާތު ލިބުމުން އޭނާ މިހާރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ ފެނުނު އިރު ބޯފަޅައިގެން ގޮސްފައި ހުރި ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވީ 27 އަހަރުގެ ފިރިހެނަކު އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި އޭނާއަށް އިމަޖަންސީ ރޫމުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
އެކަމަކު އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލު އަދި ނޭނގޭ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާނުކުރާތީ އެ މީހާއަށް ބަޔަކު އަނިޔާކުރުމަށް ފަހު މަގުމައްޗަށް އެއްލާލީ ކަމެއް ނޭނގެ އެވެ.
އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ބިދޭސީންގެ މެދުގައި ހަމަނުޖެހުން ހިނގައި އެކަކު އަނެކަކަށް އަނިޔާކުރާ މައްސަލަތައް ވެސް ފުލުހުންނަށް ދޭތެރެއަކުން ހުށަހަޅަ އެވެ.