ޗެއާޕާސަންގެ އިންތިހާބުގެ ތާރީހާ މެދު ގޮތެއް ނިންމަން ގައުމީ މަޖިލީހަށް
ޗެއާޕާސަންގެ އިންތިހާބުގެ ތާރީހާ މެދު ގޮތެއް ނިންމަން ގައުމީ މަޖިލީހަށް

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު މިހާރު ބާއްވަން ކަނޑައަޅާފައިވާ ތާރީހާ މެދު ދެބަސްވުން އުފެދިފައިވާތީ އިންތިހާބު ބާއްވާނެ ވަކި ތާރީހެއް ކަނޑައެެޅުމަށް ގައުމީ މަޖިލިސް ބާއްވައިދޭން އިންތިހާބާ ބެހޭ ކޮމިޓީން އެދިއްޖެ އެވެ.

އެ އިންތިހާބު ބާއްވަން މިހާރު ނިންމާފައި އޮތީ އަންނަ މަހުގެ 16 ވަނަ ދުވަހެެވެ.

އެކަމަކު އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެދިވަޑައިގަތީ މިހާރު ކަނޑައަޅާފައިވާ ތާރީހު ރޯދަމަހާ ދިމާވާތީ، އެހެން ތާރީހެއް ހަމަޖައްސައިދެއްވުމަށެވެ.

އެ އިންތިހާބުގައި ދެން ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވީ އިންތިހާބު މިހާރު ކަނޑައަޅާފައި އޮތް ތާރީހުގައި ބާއްވަން ނުވަތަ އެއަށް ވުރެން އަވަސްކުރިއަސް އިއުތިރާޒެއް ނެތް ކަމަށެވެ. އިންތިހާބު ފަސްކުރަން އޭނާ ތާއީދެއް ނުކުރައްވަ އެވެ.

ޗެއާޕާސަންގެ އިންތިހާބުގެ ތާރީހަށް ބަދަލެއް ގެންނަ ނަމަ އެކަން ކުރެވޭނީ ގައުމީ މަޖިލީހުން ފާސްކޮށްގެންނެވެ. އެހެންވެ، އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން މިއަދު ހުށަހެޅުއްވީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި ދިނުމަށެވެ.

ޗެއާޕާސަން އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާނެ ދުވަހެއް އަދި ނުނިންމަ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، އިންތިހާބު ބޭއްވުމުގެ 60 ދުވަސް ކުރިން، އެ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވައިލަން ވާނެ އެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިގެންވާ ލިސްޓެއް މަހެއް ކުރިން އިއުލާންކުރަން ޖެހޭތީ އެ ލިސްޓު މިހާރު އޮތީ އާއްމުކޮށްފަ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަނަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވައި އިންތިޒާމުކޮށް ހިންގައި ބެލެހެއްޓުމުގެ އެންމެ އިސް ފަރާތެވެ. އެމްޑީޕީގެ އެންމެ އިސް ގުނަންތައް ކަމަށްވާ ކޮންގްރެސް އާއި ގައުމީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ވެސް ޗެއާޕާސަން އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަނޑައަޅާ އިންތިހާބުގެ ކެމްޕެއިން ވަރަށް ފޯރިއާ އެކު ކުރިއަށްދާއިރު މި އިންތިހާބުގެ ކެމްޕެއިނުގައި ފެންނަނީ އެމްޑީޕީގެ އެތެރޭގައި ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް އުފެދިފައިވާ މަންޒަރެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން އުފެދި، އެމްޑީޕީގެ މެމްބަރުން ވެސް ދަނީ އެއް މެމްބަރަކު އަނެއް މެމްބަރަކަށް ބަހުގެ ހޫނު ހަމަލާތައް ދެމުންނެވެ.

ރައީސްގެ ތާއީދާ އެކު މި އިންތިހާބުގައި ވާދަކުރައްވާ ފައްޔާޒުގެ ކެމްޕެއިނަށް ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރާ ކަމުގެ ތުހުމަތާ އެކު ކުއްލި މައްސަލައެއް ވެސް މަޖިލީހަށް ހުށަހެޅި އެވެ. އެ ދުވަހު މަޖިލީހުގެ ތެރެއިން ވެސް ފެނުނީ އެމްޑީޕީ ދެފަޅިވެ، ވަރަށް ބޮޑަށް ހޫނުވެފައިވާ މަންޒަރެވެ.