06 މާޗް 2022 - 17:34

މާލޭގެ ދެކުނު ފަރާތު، ކުރީގެ އެއް ނަމްބަރު ކުނިކޮށި ހިމެނޭ "ނީލަން ފިހާރަ" ސަރަހައްދުގެ މަގުތައް ހުސްކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.
ނީލަން ފިހާރަ ކައިރީގައި ހުރި މުދާތައް ނަގައި އެތަން ސާފުކުރަން ސިޓީ ކައުންސިލުން އަންގާފައި ވަނީ އެކި ފަރާތްތަކުން އެތަނުގައި މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމާއި ގިނަ އަދަދަކަށް ކުނި އަޅަމުންދާތީ އެވެ. މި ޝަކުވާ އާންމުންނާއި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން ވެސް ހުށަހަޅަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.
މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި ނީލަން ފިހާރަ މަގުތަކުގައި މުދާ ބަހެއްޓުން ކައުންސިލުން އެތައް ފަހަރު މަނާކޮށް އެގޮތަށް އެކަން ނުކުރުމަށް ވަނީ އަންގައިފަ އެވެ.
ނީލަން މުދާ ވިއްކާ ގޮޅިތަކުން ބޭރުގައި އަތުރާފައިވާ މުދާތަކާއި ކުނިތައް އެތަނުގައި ބެހެއްޓި މީހުން އަންނަ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6 ގެ ކުރިން ނެގުމަށް ވަނީ އަންގައިފަ އެވެ. އަދި އެވަގުތު ހަމަވާއިރު ވެސް މުދާތައް ނުނަގާ ހުރި ނަމަ ނައްތާލާނެ ކަމަށާއި ނައްތާލާއިރު މުދަލަށް ލިބޭ ގެއްލުމަށް ކައުންސިލުން ޒިންމާ ނުނަގާނެ ކަމަށް ބުނެ ވަނީ އިންޒާރުދީފަ އެވެ.