06 މާޗް 2022 - 11:52

ޔޫކްރޭންގެ ހާރިޖީ ވަޒީރު ޑިމީޓްރޯ ކުލޭބާ އާއި އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން، ޔޫކްރޭނާއި ޕޮލެންޑް ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އިއްޔެ ބައްދަލުކުރައްވައިފި އެވެ.

ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވީ ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިން ޔޫކްރޭން ދިފާއުވުމަށް ބޭނުންވާ އަސްކަރީ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުންނެވެ. ދެ ބޭފުޅުންގެ މަޝްވަރާތަކަށް ފަހު، ބްލިންކެން ވަނީ ބެލަރޫސް އާއި ޕޮލެންޑް ވަކިކޮށްދޭ ސަރަހައްދީ ރޮނގު ހުރަސްކޮށް ޔޫކްރޭންގެ ތެރެއަށް ވަދެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވައިފަ އެވެ.

"އަހަރެންގެ އެކުވެރިޔާ އަދި ރަހްމަތްތެރިޔާއާ އެކުގައި ޔޫކްރޭންގެ ތެރޭގައި ހުއްޓިގެން މި ހުރި ފަދައިން، މުޅި ދުނިޔެ އޮތީ ޔޫކްރޭނާ އެކުގައި،" ޔޫކްރޭންގެ އިމުގެ ތެރޭގައި ހުންނަވައި ބްލިންކެން ވިދާޅުވި އެވެ.
"ހަގީގަތުގައި ވެސް އަހަރެމެންނަށް ހެޔޮ އެދޭ ރަހުމަތްތެރިންތަކެއް އަހަރެމެންނާ އެކުގައިވާކަން ރަމްޒުކޮށްދޭ މި މަންޒަރު، ޔޫކްރޭންގެ ރައްޔިތުން ވެސް ދެކޭނެ ކަމަށް އަހަރެން އުންމީދު ކުރަން،" ބްލިންކެން އަށް ޖަވާބު ދެއްވަމުން، ޔޫކްރޭންގެ ހާރިޖީ ވަޒީރު ޑިމީޓްރޯ ކުލޭބާ ވިދާޅުވި އެވެ.
ކުލޭބާ ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީތެރިކަން ފުރިހަމަ އަށް ލިބިއްޖެ ނަމަ، ރަޝިޔާގެ މައްޗަށް ޔޫކްރޭން ކާމިޔާބު ހޯދާނެ އެވެ. އެ ކަމަށްޓަކައި ޔޫކްރޭނަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި މިސައިލުން ދިފާއުވާނެ ނިޒާމުތައް ކަމަށް ވެސް ކުލޭބާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހުޅަނގުގެ ގައުމުތަކުން ފޯރުކޮށްދީފައިވާ ސްޓިންގާ މިސައިލް ނިޒާމަކީ އޭގެ ނަތީޖާ ވަރަށް ރަނގަޅު ހަތިޔާރެކެވެ. އެ ބާވަތުގެ މިސައިލް ބޭނުންކޮށްގެން އިއްޔެ އެކަނި ވެސް، ރަޝިޔާގެ ތިން މަތިންދާބޯޓު ވައްޓައިލެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަހަރެމެންގެ ވައިގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވަރުގަދަ ވައިގެ ދިފާއީ ނިޒާމެއް އަހަރެމެންނަށް ބޭނުންވޭ. އަހަރެމެންގެ ވައިގެ ސަރަހައްދުގެ ރައްކާތެރިކަން އަހަރެމެންނަށް ގެއްލިއްޖެ ނަމަ، އިތުރު ލޭއޮހޮރުވުންތައް އަހަރެމެންގެ ގައުމުގައި ހިނގާނެ،" ކުލޭބާ ވިދާޅުވި އެވެ.
ރަޝިޔާއާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން ވެދޭ އެހީތަކަށް ޝުކުރު އަދާކުރެއްވި ނަމަވެސް، ޔޫކްރޭންގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް ކަނޑައަޅައިދިނުމަށް ޔޫކްރޭން އެދުނު އެދުމަށް ނޭޓޯ އިން ދެކޮޅު ހަދާފައިވާތީ، ކުލޭބާގެ ވާހަކައިގައި ނޭޓޯ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
"އަހަރެން ދެކޭ ގޮތުގައި (ނޭޓޯ އިން އެކަމަށް ދެކޮޅު ހެދުމަކީ) އެއީ ބަލިކަށިކަމުގެ އަލާމާތެއް. ނޭޓޯ އިން އެކަމަށް އިޖާބަ ނުދިނުމުން، އެންމެ ފަހުން އެކަމުގެ އަގު އަދާކުރަންޖެހޭނީ ޔޫކްރޭންގެ ރައްޔިތުން،" ކުލޭބާ ވިދާޅުވި އެވެ.
ޔޫކްރޭންގެ އެ ހުށަހެޅުމާ މެދު މަޝްވަރާކުރުމަށް ފަހު ނޭޓޯ އިން ބުނެފައިވަނީ، ޔޫކްރޭންގެ އެދުމާ އެއްގޮތަށް ޔޫކްރޭންގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް ނޭޓޯ އިން ކަނޑައެޅުމަކީ، ނޭޓޯގެ ލަޝްކަރުތަކާއި ރަޝިޔާގެ ލަޝްކަރުތަކާ ދެމެދު ސީދާ ކުރިމަތިލުންތަކެއް އުފެދޭނެ ކަމެއް ކަމަށެވެ. އަދި އެއީ މިހާރު ހިނގަމުންދާ ހަނގުރާމަ އިތުރަށް ފުޅާވާނެ ކަމެއް ކަމަށް ވެސް ނޭޓޯ އިން ބުންޏެވެ.