06 މާޗް 2022 - 10:58

މެންޗެސްޓާ (6 މާޗް) - މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާގެ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވުމުން، ވާދަވެރި މެންޗެސްޓާ ސިޓީ އަށް އޭނާ ގެންދަން، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ޝައުގުވެރިކަން ފާޅު ކުރުމުން، މިރޭ ކުޅޭ މެންޗެސްޓާ ޑާބީގެ ކުރިން ޕޮގްބާ އަށް ސަމާލުކަން ހުއްޓިއްޖެ އެވެ.
ދެހާސް ސޯޅަ ވަނަ އަހަރު، އޭރުގެ ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ، 95 މިލިއަން ޑޮލަރަށް ޔުނައިޓެޑުން ޕޮގްބާ ސޮއިކުރި ނަމަވެސް އެ ޓީމުގައި އޭނާ ހުރީ ހިތްހަމަޖެހިގެންތޯ ވަނީ ސުވާލު އުފެދިފަ އެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގާޑިއޯލާ ބުނީ ޕޮގްބާ ހޯދުމަށް ސިޓީގެ އެޖެންޓް 2018 ގައި ކްލަބަށް ހުށަހެޅި ކަމަށެވެ.
މި އަހަރު އޭނާގެ ކޮންޓްރެކްޓް ހަމަވުމުން ސިޓީ އަށް އޭނާ ސޮއިކުރަން މަސައްކަތް ކުރާނެތޯ އެހުމުން ގާޑިއޯލާ އެކަމަށް އިންކާރެއް ނުކުރެ އެވެ.
"އަހަރެންގެ ސިކުނޑި އަބަދު ވެސް ވަނީ ހުޅުވިފައި. އެކަމަކު މި ވަގުތު އެކަމަކާ އަހަރެން ނުވިސްނަން،" މިރޭ ކުޅޭ މެޗުގެ ކުރިން ގާޑިއޯލާ ބުންޏެވެ.
އަނެއްކާވެސް ވިދިވިދިގެން ދެވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބު ކުރަން ނުކުންނަ ޓީމުން ކުޅެމުންދަނީ ސެންޓަ ސްޓައިކަރެއް ނެތި އެވެ. ގާޑިއޯލާ ބުނީ ޔުނައިޓެޑް، ސައުތުހެމްޓަން، ލިވަޕޫލާ ދެކޮޅަށް ކުޅޭއިރު ސެންޓްރަލް ސްޓައިކަރެއް މުހިންމު ކަމަށެވެ.
"ސަބަބަކީ އެ ޓީމުތައް ކުޅެނީ މުޅިން ތަފާތު ފިލޯސަފީއަކަށް ވާތީ،" ގާޑިިއޯލާ ބުންޏެވެ. "ކްލަބަށް މި ވަގުތު ބޭނުން ވަނީ ސެންޓްރަލް ސްޓައިކަރެއް. އަހަންނަށް ހީވަނީ ކްލަބުން އެކަމަށް މަސައްކަތް ކުރާހެން."
ޕްރީ މެޗު ޕްރެސްގައި ޔުނައިޓެޑްގެ ކޯޗް ރާފް ރަންގްނިކް ބުނީ ޔުނައިޓެޑްގެ ޓްރާންސްފާ ޕޮލިސީ އަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އޭނާ ބުނީ ޔުނައިޓެޑުގެ ކުރީގެ ކޯޗް އެލެކްސް ފާގަސަން ޔުނައިޓެޑް ދޫކޮށްލި ފަހުން ޓްރާންސްފާގައި ބޮޑެތި ހޭދަތަކެއް ޔުނައިޓެޑުން ކުރި ނަމަވެސް އެންމެ އެކަށީގެންވާ ފެންވަރުގެ ކުޅުންތެރިންތަކެއް ހޯދިފައި ނުވާ ކަމަށެވެ.
ފާގަސަން، 2013 ގައި ޔުނައިޓެޑް ދޫކޮށްލި ފަހުން އެޓީމުން ވަނީ 1.5 ބިލިއަން ޑޮލަރު ޓްރާންސްފާގައި ހޭދަކޮށްފަ އެވެ.
"އޭގެ ތެރެއިން މަދު އަދަދެއްގެ ކުޅުންތެރިން ޔުނައިޓެޑަށް އެދެވޭ ގޮތުގައި ބޭނުން ކުރަން ފުރުސަތު ލިބުނީ،" ރަންގްނިކް ބުންޏެވެ.
ސިޓީ އާއި ޔުނައިޓެޑް މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން 9:30 ގަ އެވެ. ސިޓީ އެއްވަނައިގައި އޮތީ 66 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރުވަނައިގައި އޮތް ޔުނައިޓެޑަށް ލިބިފައި ވަނީ 47 ޕޮއިންޓެވެ.