06 މާޗް 2022 - 07:14

ބުދަ ދުވަހާ ގުޅޭ
"މެހެރީން ކިޔާ ކުއްޖަކު ތި ބައިގަ އުޅޭތަ؟" މީޒާއަށް ގުޅައިފައި ހަފީޒާ ސުވާލުކުރިއެވެ.
އެ ވާހަކަ އޮޅުވައިލަން ނުވަތަ ނީވޭކަމަށް ހަދަން މީޒާ ވަރަށް މަސައްކަތްކުރިއެވެ. މީޒާ ކަސްރަތުކުރަން ފެށި ވާހަކައާއި، ޗުއްޓީގައި ދުބާއީއަށް ދާ ވާހަކަ ވެސް ބުންޏެވެ. އެ ވަރުން ވެސް ކާމިޔާބު ނުވުމުން ދޮށީ ދަރިފުޅު ޝަހުދުގެ ނަން ބަދަލުކުރަން އުޅޭ ވާހަކަދައްކައިގެން ވެސް ހަފީޒާގެ ސަމާލުކަން ހޯދޭތޯ ބެލިއެވެ. އެކަމަކު ހަފީޒާއަކީ މީޒާގެ މަންމައެވެ. ދަރިފުޅުގެ މިޒާޖު ހަފީޒާއަށް އެނގެއެވެ.
"މިހާރު މަންމައަށް ޔަގީންވެއްޖެ އެއީ ތެދެއްކަން،" ހަފީޒާ ބުންޏެވެ. "ދަރިފުޅު ތިހިރީ ވަރަށް ދެރަވެފަ. އެހެންވެ ތި ވާހަކަ އޮޅުވަނީ. ދަރިފުޅު އަބަދުވެސް މަންމަޔާ ވާހަކަ ޝެއާކުރަމެއްނު. ކީއްވެ މި ފަހަރު ނުކުރީ؟"
މަންމަ އެހެން ނުބުނި ނަމަ މީޒާ ހިތްވަރުކުރީހެވެ. މަންމަގެ ކޮންމެ ސުވާލަކަށް ވެސް ޖަވާބުދިނީހެވެ. އެކަމަކު މަންމަ ވާހަކަދެއްކި ގޮތުން މީޒާއަށް ރޮވުނީއެވެ. އެތެރެއަށް ހިންދައި، ހިފާއްޓައިގެން ހުރި ކަރުނަތަކަށް މިނިވަންކަން ލިބުނީއެވެ. ހަފީޒާ އެއްވެސް އެއްޗެއް ނުބުނެ އަޑުއަހަން އިރުކޮޅަކު ހުއްޓެވެ. ހަފީޒާ ދަންނަ ގޮތުގައި، ހިތާމައެއް ލުއިކުރަން ބޭނުން ނަމަ ރޯން ފުރުސަތުދޭން ޖެހޭނެއެވެ.
"ދެން ހުއްޓާލާ ދަރިފުޅާ! މަންމަ އަންނަންތަ؟" ހަފީޒާ އެހިއެވެ.
"އުހުނ!" މީޒާ ޖަވާބުދިނެވެ. "އަހަރެން ބޭނުމެއް ނޫން މަންމައަށް އެ މެހެރީންގަނޑު ފެންނާކަށް. އޭނަ ނުލާހިކު ލޯބިކޮށް ހުންނަނީ. މިހިރީ އަހަރެން ހުންނަ ގޮތް. އިޓްސް މައި ފޯލްޓްކަން ނޭނގެ. އަހަރެން ބޭނުމެއް ނޫން މަންމަ ގާތުގަ މިހެން ބުނާކަށް. އެކަމަކު.. އެކަމަކު.."
ވަރަށް ހިތްވަރުކޮށްގެން ވެސް ޖަނާންގެ ގޯސް ވާހަކަ ބުނާނެ ހިތްވަރެއް މީޒާއަކަށް ނުލިބުނެވެ. ފިރިމީހާ ދެކެ މަންމަ ރުޅިއަންނަން މީޒާ ބޭނުން ނުވާތީއެވެ. އެއަށް ވުރެ އެހެން ކޮންމެ ގޮތެއް ވެސް މީޒާއަށް ރަނގަޅެވެ. މެހެރީނާ ތަޅައިފޮޅައިގެން އޭނަ ގެއިން ބޭރަށްލެވުން ވެސް، މަންމަ ގާތުގައި ޖަނާންގެ ގޯސް ވާހަކަދެއްކުމަށް ވުރެ މީޒާއަށް ރަނގަޅެވެ.
"ދެން އަޅާނުލާ!" މީޒާއަށް ހަމަ ކުއްލިއަކަށް އެހެން ހިޔާލެއް އައެވެ. "ހަދަންވީ ގޮތް އަހަންނަށް މިހާރު ވިސްނިއްޖެ!"
މީޒާއަކީ ވަރަށް ބަސްއަހާ ދަރިއެކެވެ. އެ ކަމާ މެދު ހަފީޒާއަށް އެއްވެސް ޝައްކެއް ނެތެވެ. އެހެނަސް މީޒާގެ އަނދިރި ފަރާތެއް ވެސް އޮވެއެވެ. އެ ކަން ދަންނާނީ ވަރަށް މަދު މީހެކެވެ. ހަމަ އެންމެ މީހެކެވެ. އެ މީހަކީ ހަފީޒާއެވެ. މީޒާ ދެރަކޮށް ރުޅިއެރުވުމަކީ ފަސޭހަކަމެއް ނޫނެވެ. ކެތްތެރިކަމާ އެކުގައި މީޒާ ހުރިހައި ކަމަކާ ކުރިމަތިލާނެއެވެ. އެކަމަކު، ފަހަރެއްގައި ވެސް މީޒާ ރުޅިއަތުވެއްޖެއްޔާ ސަހަލު ގޮތަކަށް އެ ރުޅި މަޑެއް ނުވާނެއެވެ. ލާނެތްކަމެއް ނުވަތަ ފަހުން ހިތާމަކުރަން ޖެހޭ ވަރުގެ ކަމެއް މީޒާ ކޮށްލާނެއެވެ. ކުރިން ކަން ހިނގައިފައި ހުރީ އެހެންނެވެ.
"ދަރިފުޅާ!" ހަފީޒާ ކުރީބައިގައި ފިޔަވަޅުއެޅިއެވެ. "މޮޔަކަމެއް ނުކުރާތި! ތި ގޭގަ އުޅެން ދަރިފުޅު ބޭނުން ނޫނިއްޔާ ކޮންމެ ވަގުތަކު ވެސް ދަރިފުޅަށް މި ގެއަށް އާދެވޭނެ. ދަރިފުޅުގެ ކޮޓަރި އެހެރީ ރެޑީގަ. ދަރިފުޅު ދިޔަ ފަހުން ވެސް ކޮންމެ ދުވަހަކު އެ ތަން ފޮޅާސާފުކުރަން."
މީޒާ ހިތަށްއެރިއެވެ. ޖަނާންގެ އަންބަކީ މީޒާއެވެ. ކުދިންގެ މަންމައަކީ ވެސް މީޒާއެވެ. ތަނަކުން އަންހެނަކު ގެއަށް ގެންނަ އިރަށް މީޒާ ގެއިން ނުކުންނާކަށް ނުޖެހޭނެއެވެ. މީހަކު ގެއިން ނުކުންނަންޏާ އެ މީހަކީ ދުރުން އައި ދުރުހިލޭ މީހާއެވެ.
"މަންމާ! އަހަރެން ހުންނާނީ މި ގޭގަ،" މީޒާ ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "މެހެރީން އުޅޭނެ ގޮތަކަށް އޭނަ އުޅެފާނެއްނު. އަހަރެން ވެސް އޭނަޔާ ގުޅާލީމަ ނިމުނީނު. މަންމަ ދެން އެ ކަމާ ނުވިސްނާ."
މީޒާ ނުވިސްނާށޭ ބުނި ނަމަވެސް ހަފީޒާ ވަރަށް ގިނަ ވާހަކަދެއްކިއެވެ. ކެތްތެރިކަމަކީ ކިހާ ސަވާބު ހުރި ކަމެއްކަމާއި، އަނބިމީހާ ޒިންމާތަކާއި، މަންމައެއްގެ ހުންނަންޖެހޭ ސިފަތައް ވެސް ކިޔައިދިނެވެ. އެއީ ކުރިން ވެސް ކިޔައިދެވިފައި ހުރި ވާހަކަތަކެކެވެ. އަލުން ހަނދާން އާކޮށްދިނީއެވެ.
އެ ދުވަހުގެ ފަހުން މީޒާ ބަދަލުވީ މެހެރީންގެ އެކުވެރިޔަކަށެވެ. ދެ މީހުން ހީނ ސަމާސާކުރާ ތަން ޖަނާނަށް ފެނުނެވެ. ޖަނާން ވަރަށް ހައިރާންވިއެވެ. އުފާ ވެސް ވިއެވެ. މީޒާ ނިދުމުން ޖަނާން ގެއްލޭކަން މީޒާއަށް އެނގުނެވެ. ޖަނާން ދަނީ ކޮން ތާކަށްކަމާއި، ކުރަނީ ކީއްކަން ވެސް އެނގުނެވެ. މީޒާ ދެނަހުރިކަމަށް ނެހެދީއެވެ. މީޒާ ބެލީ އަންބެއްގެ ވާޖިބުއަދާކުރެވޭތޯއެވެ. ޖަނާނާއި ކުދިންގެ ހުރިހައި ކަމެއް، ވަރަށް ބަރާބަރަށް މީޒާ ބެލެހެއްޓިއެވެ. އަންނައުނު ދޮވެ އިސްތިރިކުރުމާއި، ކެއްކުމަކީ މީޒާ އަބަދު ވެސް ސަމާލުކަން ދިން ކަންކަމެވެ. އެ ސަމާލުކަން ދެ ގުނައަށް އިތުރުކުރިއެވެ. މީޒާ ދަތުރުކުރަމުންދިޔައީ ވަކި މިސްރާބަކަށެވެ.
ކުޑަކޮށް ފޫހިވާން ފަށައިފައި ހުރި މީޒާގެ މިޒާޖު ކުއްލިއަކަށް ބަދަލުވުމުން ޖަނާން ވަރަށް ވިސްނިއެވެ. މީޒާ ކުރަން އެ އުޅެނީ ކީއް ހެއްޔެވެ؟ މެހެރީނަކީ، ފެށުނީއްސުރެ ވެސް މީޒާ ގަޔާވި ކުއްޖެއް ނޫނެވެ. އެކަމަކު، ބައެއް ރޭރޭ ޖަނާން ގެއަށް އައުމުން ކުދިން ނިންދަވައިފައި މެހެރީނާ އެކުގައި މީޒާ ބޭރަށްދާން ފެށިއެވެ. ތަންތަނަށް ކާން ގޮސް ޖަނާނަށް ފޮޓޯ ފޮނުވަން ފެށިއެވެ. މެހެރީންގެ އުފަންދުވަސް އެނގުމުން އެޕާޓުމަންޓުގައި ކޭކެއް ފަޅައި މެހެރީނަށް ހަދިޔާ ވެސް ދިނެވެ. އެ ވަރުން ނުވެގެން ޖަނާން ލައްވައި މެހެރީނަށް އަގު ބޮޑު ހަދިޔާ ވެސް ގަނުވިއެވެ.
އެންމެ އަވަހަށް ލިބުނު ޗުއްޓީގައި، ކުދިން ގޮވައިގެން މީޒާ ރިސޯޓަކަށް ދިޔައެވެ. އެކުގައި މެހެރީން ގެންދިޔައެވެ. މީޒާ އަމިއްލަޔަށް އެދިގެންނެވެ. މީޒާގެ ދެމަފިރިން އެއް ކޮޓަރިއެއްގައި ތިބެފައި، އަނެއް ކޮޓަރީގައި ތިބީ މެހެރީނާއި ދެ ކުދިންނެވެ. ރިސޯޓުގައި ހޭދަކުރި ފަސް ދުވަހު، މީޒާ ވަރަށް އަވަހަށް ނިދައެވެ. ޖަނާނާއި މެހެރީން އެކުގައި ވަގުތު ހޭދަކުރުމަށް ގަސްތުގައި ފުރުސަތުދިނެވެ. ޖަނާން ވަރަށް އުފާވިއެވެ. ޖަނާން ހިތުން ހުރިހައި ކަމެއް ހިނގަމުންދިޔައީ ޖަނާން އުންމީދުކުރި ގޮތަށެވެ.
އެ ފަދަ ރޭތަކުގެ ތެރެއިން ރެޔެކެވެ. ކުދިން ނިދުމުން ޖަނާނާއި މެހެރީން ނުކުތީ ކޮޓަރިޔާ ދިމާއިން ބޭރަށެވެ. މޫދު އޮތީ ދާދި ގާތުގައެވެ. ކޮޓަރީގެ ދޮރު ބެހެއްޓީ ހުޅުވައިފައެވެ. ކުއްޖަކު ރޮއިގަތަސް އަޑުއިވޭ ގޮތަށެވެ.
"އަހަންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ،" ޖަނާން ބުނެލިއެވެ. "މި ކަހަލަ ޓްރިޕެއް ރާވާ، އަހަރުމެން މީޓްކުރަން ޓައިމް ދީ، އޭނަ ކުރީބައިގަ ނިދާ. ކީއްވެބާ؟"
"ޖަނާއަކަށް ނުވިސްނޭތަ؟" މެހެރީން އެހިއެވެ. "ޑޭ ވަންއިން ފެށިގެން ވެސް އޭނަޔަށް އަސްލު އެނގޭ ޖަނާ ކީއްވެގެންކަން އަހަރެން ގެއަށް ގެނައީ. ފުރަތަމަކޮޅު މީޒާ އުޅުނެއްނު ވަރަށް ރުޅިއައިސްގެން. ފަހުން އޭނައަށް ވިސްނުނީ އަހަރުމެން ދުރު ނުކުރެވޭނެކަން. މިހާރު ކިހާ ނައިސް."
އަތިރިމަތީގައި އިށީނދެގެން ދެ މީހުން ތިބި އިރު، މީޒާގެ ކޮޓަރިޔާ ދިމާއަށް ބަލައިލާކަށް މެހެރީން ހިތަކަށްނާރައެވެ. މީޒާގެ ރުހުން ލިބިއްޖެކަން ދެ މީހުންނަށް ވެސް ޔަގީނެވެ. އެހެން ނޫނަސް މީޒާ އޮތީ ނިދައިމަރުވެފައެވެ.
"އަހަރެން ހިޔެއްނުކުރަން މިހެން ވާނެކަމަކަށް،" މެހެރީން ވަރަށް އުފާވެފައި ބުންޏެވެ. "މީޒާ މިހާރު އެހެރީ އޯކޭވެފަ. އެހެންވެ އަހަރެން ވެސް މިހާރު އޯކޭ. މީޒާ ޑިވޯސްކުރާނެކަމެއް ނެތް. ކުދިން މާ ދެރަވާނެ. އަހަރުމެންނަށް މިހާރު ފެމެލީއެއް ގޮތަށް އުޅެވިދާނެ."
ޖަނާން ބަލަހައްޓައިގެން އިނީ ޝައްކުގެ ނަޒަރަކުންނެވެ. އެހެން އިނދެފައި ޖަނާން ކުއްލިއަކަށް މީޒާގެ ކޮޓަރިޔާ ދިމާއަށް ބަލައިލިއެވެ. މީހަކު ހުރަސްކުރިހެން ޖަނާނަށް ހީވީއެވެ. އެހެނަސް އެއީ ޖަނާނަށް ހީވި ގޮތެއް ކަމުގައި ޖަނާން ނިންމިއެވެ. މީހަކު ފެންނަން ނެތީމައެވެ.
"ޔަގީންތަ؟" ޖަނާން އެހިއެވެ. "އަހަންނަށް އެނގޭ ދެ އަންބަށް އިނުމަކީ ދީނުގަ ހުއްދަކަމެއްކަން. އެކަމަކު ނުލާހިކު ދީންވެރިކޮށް އުޅޭ އަނބިން ވެސް ފިރިމީހާ ދެ އަންބަށް އިންނާކަށް ބޭނުމެއް ނުވެއެއްނު. ފުރަތަމައިނުން ވެސް ރޯން ފަށަނީ. ދެން ބޭނުންވާނީ ވަރިވާން. މީޒާ ކީއްވެ އެހާ ފަސޭހައިން އޯކޭވީ؟"
އެ ސުވާލުގެ ޖަވާބެއް މެހެރީނަކަށް ނޭނގެއެވެ. އެހެނަސް ހީވާ އެއްޗެއް ބުންޏެވެ.
"އަހަރެން ކަހަލަ ރީތި ކުއްޖަކާ ޗެލެންޖު ނުކުރެވޭނެކަން އޭނައަށް ވިސްނުނީ." ސަމާސައިގެ ރާގެއްގައި މެހެރީން ބުންޏެވެ.
ވީ ގޮތް ޖަނާނަށް އެނގެއެވެ. އެ ވާހަކަ މެހެރީނާ ހިއްސާކުރަން ވެސް ބޭނުންވިއެވެ. އެކަމަކު އެ ވަގުތު ޖަނާނަށް ފޯނެއްއައެވެ. ޖަނާން ފޯނަށް ބަލައިލިއެވެ. ފޯނުކުރީ "ހަސަން" އެވެ. އެ ފޯނު ނަގަން ޖަނާނަށް މަޖުބޫރެވެ.
"މި ކޯލު އެބަ ޖެހޭ ނަގަން." ޖަނާން ބުންޏެވެ.
ފޯނު ހިފައިގެން ޖަނާން ދުރަށްޖެހިލިއެވެ.
"ގުޅާފަ އޮތީމަ." ޖަނާން ފޯނުނެގުމުން ހަސަން ބުންޏެވެ.
"އާނ! ހުރިހާ ކަމެއް އޯކޭވެއްޖެ! އެހެންވެ ހިތަށްއެރީ އެ ވާހަކަ ބުނެލާނަމޭ. ކުދިން ގޮވައިގެން ރިސޯޓެއްގަ މިހާރު މި ތިބީ. އޭނަ އެބަ އޮތް ނިދާފަ. އަހަރެން މިހިރީ މެހެރީނާ އެއްކޮށް ބީޗުގަ. އަހަރެން ހަމަ ކޮސްވެއްޖެ! ކަލެޔަކީ މޮޅު މީހެއް. ބޮޑު ހަދިޔާއެއް ދޭނަން."
ހަސަން ހީނގަތެވެ. އެ ފަދަ ޖަވާބުތަކަކީ ހަސަންއަށް އާ އެއްޗެއް ނޫނެވެ. ފަންޑިތަހެދުމުގައި ހަސަން ހޭދަކުރި ދިގު މުއްދަތުގައި އެތައް މީހަކު އެހެން ބުނެފައި އެބަ ހުއްޓެވެ. ފޯނުން ވާހަކަދައްކަމުން މޭޒުމަތީގައި ހުރި ފޮތްތައް ތަރުތީބުކޮށް ހަމައަކަށް އަޅުވަން އުޅެނިކޮށް، ފަތްޖަހައިފައިވާ ރަތްކުލައިގެ ކަރުދާސްކޮޅެއް ހަސަންއަށް ފެނުނެވެ. ހަސަން ދިޔައީ ސިއްސައިގެންނެވެ. އެ ކަރުދާހުގައި ހަސަން ހެދީ އެންމެ ފަންޑިތައެކެވެ. އެއީ ޖަނާން ބުނެގެން މީޒާއަށް ހެދި "ތަވީދެވެ." އެ ތަވީދު މޭޒުމަތީގައި އޮތިއްޔާ ޖަނާނަށް ދެވުނީ ކޯޗެއްބާއޭ ހަސަން ހިތަށްއެރިއެވެ. އެކަމަކު އެ ވާހަކަ ބުނެފިއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ހަސަން މޮޅު މީހަކަށް ވާނެ ހެއްޔެވެ؟ ބޮޑު ހަދިޔާ ލިބޭނެ ހެއްޔެވެ؟ ޖަނާން ބޭނުން ކަންތައް ވެއްޖެއެވެ. ވީމާ، ހަގީގަތް ކިޔައިދީގެން ފަލީހަތްވާކަށް ހަސަން ބޭނުމެއް ނުވިއެވެ.
ނުނިމޭ