06 މާޗް 2022 - 08:46

ލިވަޕޫލް (މާޗް 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު 1-0 ގެ ހަނި ތަފާތަކުން ކާމިޔާބު ކޮށްފި އެވެ.
ލިވަޕޫލުން މެޗުގައި ޖެހި ހަމައެކަނި ލަނޑު 27 ވަނަ މިނިޓުގައި ޖަހައިދިނީ ސަޑިއޯ މާނޭ އެވެ. ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް ތިރިތިރިން ނަގައިދިން ބޯޅައެއް މާނޭ ވަނީ ވެސްޓް ހޭމްގެ ކީޕަރު އެބޯޅަ ހޯދުމުގެ ކުރިން ގޯލަށް ފޮނުވާލައިފަ އެވެ.
ވެސްޓް ހޭމް އަށް ނަތީޖާ އެއްވަރު ކުރަން ލިބުނު ހުސް ފުރުސަތު ތަކުގައި މެނުއެލް ލަންޒިނީ ފޮނުވާލި ހަމަލާއެއް ގޯލު މަތިން ބޭރަށް ދިޔައިރު، މިޝޭލް އެންޓޯނިއޯ ފޮނުވާލި ހަމަލާއެއް ލިވަޕޫލްގެ ނަބީ ކެއިޓާ ވަނީ ގޯލު ކުރިމަތިން ދިފާއު ކޮށްފަ އެވެ.
މި މޮޅާ އެކު ލިވަޕޫލުން ވަނީ، އެއްވަނައިގައި އޮތް މެންޗްސްޓާ ސިޓީއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަ ކޮށްފަ އެވެ. ލިވަޕޫލް މިހާތަނަށް ކުޅުނު 27 މެޗުން ވަނީ 63 ޕޮއިންޓް ހޯދައިފަ އެވެ. މެންޗެސްޓާ ސިޓީން ވަނީ ހަމަ އެ އަދަދަށް މެޗު ކުޅެގެން 66 ޕޮއިންޓް ހޯދައިފަ އެވެ.
ތިންވަނައިގައި އޮތީ 26 މެޗުން 53 ޕޮއިންޓް ހޯދާފައިވާ ޗެލްސީ އެވެ. ޗެލްސީ ވަނީ ރޭ ބާންލީއާ ވާދަކޮށް 4-0 އިން މެޗު ކާމިޔާބު ކޮށްފަ އެވެ.
ވެސްޓް ހޭމް އިން ވަނީ އަމިއްލަ ދަނޑުގައި މިދިޔަ ނޮވެމްބަރު މަހު ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފަ އެވެ. އެއީ ލީގުގައި ލިވަޕޫލް އެންމެ ފުރަތަމަ ބަލިވި މެޗެވެ. އޭރު ދެވަނައިގައި އޮތް ލިވަޕޫލް ޓޭބަލްގެ ހަތަރު ވަނައަށް ވެއްޓުނުއިރު، ވެސްޓް ހޭމް ޓޭބަލްގެ ތިންވަނައަށް ޖެހިލި އެވެ.
ރޭ ލިވަޕޫލް އަތުން ބަަލިވުމާ އެކު ވެސްޓް ހޭމް އަށް ވަނީ މެޗުން މޮޅުވެގެން ހަތަރުވަނައަށް ޖެހިލަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. ވެސްޓް ހޭމް ކުޅުނު 28 މެޗުން ލިބުނު 45 ޕޮއިންޓާއެކު އޮތީ ޓޭބަލްގެ ފަސް ވަނައިގަ އެވެ. ހަތަރުވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު 27 މެޗުން ލިބިފައި ވަނީ 47 ޕޮއިންޓެވެ.
ޔުނައިތެޑް މިރޭ ނުކުންނާނީ ރަށުން ބޭރުގައި، އެއްވަނައިގައި އޮތް ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. ނޮވެމްބަރު މަހު ޔުނައިޓެޑުގެ ދަނޑުގައި ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑު ވަނީ ބަލިވެފަ އެވެ.