06 މާޗް 2022 - 06:33

މީގެ ފަސް އަހަރު ކުރިން، 2017 ގައި ސަނީ ލިއޯން އެޑޮޕްޓްކުރި އަންހެން ކުއްޖާ އަށް އޭނާ ރަނގަޅަށް ނުބަލާ ކަމަށް ބުނެ ފާޑުކިޔާ މީހުންނަށް ވަރުގަދަ ރައްދެއް ދީފި އެވެ.
ސަނީ އާއި އޭނާގެ ފިރިމީހާ ޑެނިއަލް ވެބާ، އަންހެން ކުއްޖަކު އެޑޮޕްޓް ކުރި ފަހުން ސަރޮގެސީ ހަދައިގެން އެމީހުންނަށް ވަނީ އެއްމާބަނޑު ދެ ފިރިހެން ކުދިން ވެސް ލިބިފަ އެވެ.
އޭގެ ފަހުން ސަނީ އަށް ބައެއް މީހުން ފާޑުކީ ސަނީ ބޮޑަށް އަޅާލާ ހަދަނީ ފިރިހެން ކުދިންނަށް ކަމަށާއި އަންހެން ކުއްޖާ އެޑޮޕްޓްކުރީ އާންމުންގެ ސަމާލުކަން ހޯދަން ކަމަށޭ ކިޔައިގެންނެވެ. ބައެއް ފަހަރު ކުދިން ގޮވައިގެން ބޭރަށް ނިކުމެ އުޅެނިކޮށް ޕަޕަރާޒީން ނަގާފައިވާ ވީޑިއޯތައް އާންމުވެ، މި ފާޑުކިޔުން އިތުރުވަނީ ސަނީ ދެ ފިރިހެން ކުދިންގެ އަތުގައި ހިފައިގެން ތިބޭ މަންޒަރު ފެންނާތީ އެވެ. އަދި އަންހެން ދަރިފުޅު ނިޝާގެ އަތުގައި ހިފައިގެން ހުއްޓާ ފެންނަނީ ސަނީގެ ފިރިމީހާ އެވެ.
މި ފާޑުކިޔުންތަކަށް ރައްދުދެމުން ސަނީ ބުނެފައި ވަނީ، އެއީ ވަރަށް ކުޑަކުދިން ދައްކާ ކަހަލަ ވާހަކަތަކެއް ކަމަށެވެ. ސަނީ ބުނީ އޭނާއޭ ކިޔައިގެން އެ ކަހަލަ ވާހަކަތައް ދައްކާ މީހުންނަކީ އޭނާގެ ދިރިއުޅުމާ ގުޅޭ ވެސް ބައެއް ނޫން ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެންމެ ފޮޓޯއަކުން އޭނާގެ ބެލެނިވެރިކަން ޖަޖްކުރުމުގެ ހައްގު މީހުންނަށް ލިބިފައިނުވާ ކަމަށާއި އޭނާގެ ދިރިއުޅުން އެންމެ ފަސް މިނެޓަށް ނަމަވެސް އުޅެލުމަށް ފަހު ޖަޖްކުރެވިދާނެ ކަމަށް އޭނާ ބުންޏެވެ. ކުދިންނާއި އާއިލާ ދެކެ އޭނާވާ ލޯބި އެހެން މީހުންނަށް ކިޔައިދޭން ޖެހޭ ކަމަށް އޭނާ ގަބޫލެއް ނުކުރެ އެވެ.
ފިލްމް "ޖިސްމް 2" އިން 2012 ގައި ބޮލީވުޑަށް ނިކުތް ސަނީ ވަނީ ފަހުން ގިނަ ފިލްމުތަކަކުން ފެނިފަ އެވެ.