06 މާޗް 2022 - 06:32

މީގެ ހަ އަހަރު ކުރިން ގެނެސްދިން ލޯބީގެ ފިލްމު "ސަނަމް ތޭރީ ކަސަމް" ގެ ދެ ވަނަ ބައެއް ހަދަން ނިންމައިފި އެވެ.
އެ ފިލްމުގެ ލީޑު ރޯލު ކުޅުނު އެކްޓަރު ހަރްޝްވަންދަން ރާނޭ، ވަނީ އޭނާ އިންސްޓަގްރާމު މެދުވެރިކޮށް ފިލްމުގެ ދެ ވަނަ ބައެއް މި އަހަރު ނިކުންނާނެ ކަން އިއުލާންކޮށްފަ އެވެ.
އެ ފިލްމުގެ ދެ ވަނަ ބައެއް ނެރެން ތައްޔާރުވަމުން އަންނަ ކަން އިއުލާންކޮށް އޭނާ ބުނީ އެ ފިލްމު ބެލުންތެރިންނާ ހިސާބަށް އަންނަން މެދުވެރިވީ ސަޕޯޓަރުންގެ ފަރާތުން ލިބުނު ތަރުހީބު ބޮޑުވުމުގެ ސަބަބުން ކަމަށެވެ.
ސަނަމް ތޭރީ ކަސަމްގެ ދެ ވަނަ ބައިން ވެސް ފެންނާނީ ފުރަތަމަ ފިލްމުގައި ވެސް އިންދަރުގެ ރޯލުން ފެނުނު ހަރްޝްވަންދަން އެވެ. އެކަމަކު ބަތަލާގެ ރޯލުން ފެންނާނީ ކޮން ތަރިއެއް ކަމެއް އަދި ނޭނގެ އެވެ.
ފުރަތަމަ ބައިން ލީޑް ބަތަލާ ނުވަތަ ސަރޫގެ ރޯލުން ފެނުނީ މަވްރާ ހޮކޭން އެވެ. އެކަމަކު މިފަހަރު ޕާކިސްތާނަށް ނިސްބަތްވާ މަވްރާ އެ ފިލްމުން ފެންނާނެ ކަމަކަށް ނުބެލެވެ އެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި ސިޔާސީ ކޯޅުން ބޮޑުވެ 2016 އަހަރު ވަނީ އިންޑިއާގެ ފިލްމީ ދާއިރާގައި ޕާކިސްތާނުގެ ތަރިން މަސައްކަތްކުރުން މަނާކޮށްފަ އެވެ. އެކަމަކު ކުރިން ދިން އިންޓަވިއުއެއްގައި އެ ފިލްމުގެ ޑައިރެކްޓަރު، ރަދިކާ ރާއޯ ބުނެފައި ވަނީ ސަރޫގެ ރޯލަށް މަވްރާ އަކީ "ޕާފެކްޓް ޗޮއިސް" ކަމަށެވެ. އެހެންވެ، މިފަހަރު ބަތަލާގެ ރޯލަށް ނަގާނެ ތަރިއެއް އަދި ނޭނގެ އެވެ.
އެ ފިލްމު ނެރޭނެ ކަމަށް ބެލެވެނީ މިއަހަރުގެ ސެޕްޓެމްބަރު ހިސާބުގަ އެވެ.