05 މާޗް 2022 - 21:27

އަލަށް ފަށާ ވިޔަފާރިތަކަށް ފަންޑު ކޮށްދިނުމަށް ބީއެމްއެލުން ހުޅުވައިލި ސްޓާޓްއަޕް ގްރާންޓަށް އެދުމުގެ މުއްދަތު ހަމަވާތީ ފޯމު ހުށަހަޅަން އެ ބޭންކުން ހަނދާން ކޮށްދީފި އެވެ.
އެ ގްރާންޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހަމަވާނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 12:00 އަށެވެ.
މިއީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، އުފެއްދުންތެރި ވިޔަފާރިތަކަށާއި ޒުވާނުން ވިޔަފާރީގެ ދާއިރާ އަށް ނެރުމަށާއި އަލަށް ފަށާ ވިޔަފާރިތަކަށް އެހީތެރިވެދިނުމުގެ އަމާޒުގައި މިދިޔަ ޖެނުއަރީ މަހު ތައާރަފުކުރި ގްރާންޓެކެވެ.
ސްޓާޓްއަޕް ގްރާންޓުގެ ދަށުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ހަތަރު ވިޔަފާރިއެއް ފެށުމަށް ކޮންމެ ވިޔަފާރިއަކަށް 500،000ރ. ބީއެމްއެލުން ދޭނެ އެވެ. މިއީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ހިލޭ ދޫކުރާ ފައިސާ ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، މި ފުރުސަތުގެ ދަށުން ކޮންމެ ދާއިރާއަކުން ވެސް ވިޔަފާރި ފަށަން ބޭނުންވާ އާންމު ފަރުދުންނަށާއި ރަޖިސްޓަރީ ކުރިތާ އެއް އަހަރު ވެފައި ނުވާ ވިޔަފާރިތަކަށް ފޯމު ހުށަހެޅޭނެ ކަމަށެވެ. އަދި ވިޔަފާރި ކުރިއަރުވަން ނުވަތަ އެހެން ވިޔަފާރިއެއް ފެށުމަށް ބިޒްނަސް ޕްލޭން ވެސް ހުށަހެޅިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ގްރާންޓްގެ އިވެލުއޭޝަން އަޅުގަނޑުމެން ބަހާލާފައި މި ވަނީ ދެ ބަޔަކަށް. ފުރަތަމަ އޮންނާނީ ހުށަހަޅާފައިވާ ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުން. ބިޒްނަސް ޕްލޭންގައި ހިމަނަންޖެހޭ ތަފުސީލްތައް ވެސް އަޅުގަނޑުމެން ވާނީ ވެބްސައިޓްގައި ޝާއިއު ކޮށްފައި،" ސައީދު ވިދާޅުވި އެވެ.
ބީއެމްއެލުން ނިންމާފައި ވަނީ ބިޒްނަސް ޕްލޭންތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްލޭން ހޮވައި އެ ޕްލޭންތަކަށް ޕްރެޒެންޓޭޝަން ހުށަހެޅުމަށް ފުރުސަތު ދިނުމަށެވެ.
"އޭގެ ތެރެއިން އެންމެ ރަނގަޅު ހަތަރު ޕްރެސެންޓޭޝަން ހޮވާނީ،" ސައީދު ވިދާޅުވި އެވެ.
އެ ގްރާންޓަށް އެދި ފޯމު ހުށަހަޅަން ޖެހެނީ އީމެއިލުންނެވެ. ގްރާންޓާ ގުޅޭ މައުލޫމާތު ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/startup-grant އިން ލިބޭނެ އެވެ.