ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް ރަޝިޔާއިން އަމަލެއް ނުކުރި
ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް ރަޝިޔާއިން އަމަލެއް ނުކުރި

ކިއޭވް (މާޗް 5) - ޔުކްރޭނުގެ މަރިއުޕޮލް އިން އާއްމުން ނުކުތުމަށް ވަގުތު ދިނުމަށްޓަކައި، ހަމަލާތައް ހުއްޓާލުމަށް ރަޝިޔާ އިން އެއްބަސްވި ނަމަވެސް އެ އެއްބަސްވުމަށް އިހްތިރާމް ނުކޮށް ހަމަލާތައް ކުރިއަށް ގެންދާ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

ޓެލެގްރާމްގައި ޕޯސްޓްކުރި މެސެޖެއްގައި ކައުންސިލުން ބުނީ ޒަޕޯރިއްޒިއާ ސަރަހައްދުގައި ހަމަލާތައް ކުރިއަށްދާ ކަމަށެވެ. މެސެޖުގައި ބުނެފައި ވަނީ ހަމަލާތައް ކުރިއަށް ގެންގޮސްފައި ވަނީ ރަޝިޔާ އިން ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލިކަން ޔަގީން ކުރުމުގެ މަޝްވަރާތައް ޔުކްރޭނުގެ އޮފިޝަލުން ކުރިއަށް ގެންދަނިކޮށް ކަމަށެވެ.

މަރިއުޕޮލްގެ ޑެޕިއުޓީ މޭޔަރު ސެރްހިޔް އޯލޯފް ވިދާޅުވީ ހަމަލާތައް ހުއްޓާލުމަށް ރަޝިޔާ އިން އެއްބަސްވި ނަމަވެސް އެކަމަށް އިހްތިރާމް ނުކުރާ ކަމަށެވެ. އަދި އެ ސިޓީގައި ހަމަލާތައް އަދިވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާއްމުން ތިބީ ސިޓީން ނުކުތުމަށް ތައްޔާރުވެގެން. އެކަމަކު ހަމަލާ ދެންޏާ ކިހިނެއް އެ މީހުން ނުކުންނާނީ،" އޭނާ ސުވާލު ކުރެއްވި އެވެ.

މަރިއުޕޮލްގައި ދިރިއުޅޭ 44 އަހަރުގެ އިންޖިނޭރެއް ކަމަށްވާ އެލެގްޒެންޑާ ބުނީ އެ ސިޓީގައި ކޮންމެ 3-5 މިނިޓަކުން ބަޑީގެ އަޑުފައްގަނޑު އިވޭ ކަމަށެވެ.

ހަމަލާތައް ދެން ހުއްޓާލި ވޮލްނޮވަކާގެ ގާތްގަނޑަކަށް ހުރިހާ އިމާރާތެއް ވަނީ ބިމާ ހަމަކޮށްލާފައި ކަމަށް އޮފިޝަލުން ބުނެ އެވެ. އެ ސިޓީގައި ހަމަލާތައް ކުރިއަށްދާ ކަމަށް ބުނެފައެއް ނުވެ އެވެ.