05 މާޗް 2022 - 13:47

ވޮޝިންޓަން (މާޗް 5) - ރަޝިޔާއާ ދެކޮޅަށް ކުރާ ހަނގުރާމައިން ޔުކްރޭން ކާމިޔާބު ހޯދާނެ ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.
ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ބްލިންކެން ވިދާޅުވީ ހަނގުރާމަ ދިގުލައިގެންދާނެ މުއްދަތު ދަންނަވަން ދަތި ކަމަށެވެ. ނަމަވެސް ޔުކްރޭނަށް ނާކާމިޔާބުވާ މަންޒަރު ފެންނަން އަދި ނެތް ކަމަށް ވިދާޅުވި އެވެ.
ޔުކްރޭނުގެ އަސްކަރީ ބާރާ އަޅާބަލާއިރު ރަޝިޔާގެ އަސްކަރީ ގާބިލްކަން މާބޮޑުތަން ވެސް ވަރުގަދަކަން ބްލިންކެން ފާހަގަކުރެއްވި އެވެ. އަދި ޔުކްރޭނުގެ ވެރިކަން ބަދަލު ކުރުމަކީ ވެސް ރަޝިޔާ އަށް ކުރަން ފަސޭހަ ކަމަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މޮސްކޯގެ އަމާޒަކީ ޔުކްރޭނުގެ ވެރިކަން ބަދަލުކޮށް ރަޝިޔާ އަށް ތާއީދުކުރާ ޕަޕެޓަކު ގެނައުން ކަމަށްވާއިރު އެއީ ޔުކްރޭނުގެ 45 މިލިއަން މީހުންގެ ތާއީދު އެއްގޮތަކަށް ވެސް ލިބޭނެ ކަމެއް ނޫން. އެއްގޮތުން ނޫނީ އަނެއް ގޮތަކުން ނަމަވެސް ޔުކްރޭން މީހުން އެކަމާ ދެކޮޅު ހަދާނެ،" ބްލިންކެން ވިދާޅުވި އެވެ.
ޔުކްރޭން ހަނގުރާމަ އިތުރަށް ފުޅާވެދާނެތީ އެމެރިކާ އާއި އެ ގައުމުގެ ބައިވެރިން ކަންބޮޑުވާ ކަމަށް ބްލިންކެން ވިދާޅުވި އެވެ.
ޔުކްރޭނަށް ރަޝިޔާ އިން ހަމަލާދޭތާ މިހާރު 10 ދުވަސްވެއްޖެ އެވެ.