ރަޝިޔާގެ ލަޝްކަރު ވަޅުލާނަން: ޔުކްރޭން އޮފިޝަލް
ރަޝިޔާގެ ލަޝްކަރު ވަޅުލާނަން: ޔުކްރޭން އޮފިޝަލް

ކިއޭވް (މާޗް 5) - މިހާރު ފަށާފައިވާ ހަނގުރާމައިގައި ޔުކްރޭން ސިފައިން ކާމިޔާބު ހޯދާނީ އެކްސިޑެންޓަކުން ނުވަތަ ނަސީބުން ނޫން ކަމަށާއި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ ލަޝްކަރު ވަޅުލާނެކަމުގެ އިންޒާރު ޔުކްރޭންގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީގެ އެޑްވައިޒަރަކު ދެއްވައިފި އެވެ.

ފޭސްބުކްގައި ކުރި މެސެޖެއްގައި އެކެކްސީ އަރެސްޓޯވިޗް ވިދާޅުވީ ޔުކްރޭން ސިފައިންގެ ހަމަލާތައް ކުރިއަށް ގެންދަނީ ރޭވުންތެރިކަމާ އެކު ކަމަށާއި އެ ހަމަލާތަކުގެ ނަތީޖާ ފެންނާނެ ކަމަށެވެ. އަދި ޔުކްރޭން ސިފައިންގެ ރައްދު ހަމަލާތައް ވަރުގަދަވުމާއި ޔުކްރޭންގެ އާއްމު ރައްޔިތުން އެކަތިގަނޑަކަށްވުމުގެ ނަތީޖާ އަކީ ރަޝިޔާގެ ހަނގުރާމައިގެ މެޝިން ފުނޑި ލަޝްކަރު ވަޅުލެވިގެން ދިއުން ކަމަށެވެ.

"ރަޝިޔާގެ ލަޝްކަރު ބޮޑު ނަމަވެސް އެއީ އެހާ ވަރުގަދަ ބައެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.

އަރެސްޓޯވިޗް ވިދާޅުވީ ޔުކްރޭނުން ހަނގުރާމައިގެ ރޭވުންތައް ކުރިއަށް ގެންދާ ގޮތުން ބޭރުގެ އަސްކަރީ އޮފިޝަލުން ވެސް ހައިރާންވާ ކަމަށެވެ. އަދި ރަޝިޔާ ސިފައިން އެރުމާ އެކު ހަނގުރާމަ އަށް ތައްޔާރުވާން ލިބުނީ ކުޑަ ވަގުތުކޮޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ޕުޓިންގެ ލަޝްކަރުގެ ދިހަބައިކުޅަ އަށް ބައި އޮތީ ޔުކްރޭނަށް އަރާފައި،" އޭނާ ވިދާޅުވި އެވެ.