05 މާޗް 2022 - 13:04

މޮސްކޯ (މާޗް 5) - ރަޝިޔާ އިން ހިފި ޔުކްރޭނުގެ އިރު ދެކުނުގެ ދެ ސިޓީ ކަމަށްވާ މަރިއުޕޮލް އާއި ވޮލްނޮވަކާގައި ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމަށް ފަހު އާއްމުން އެ ސިޓީތަކުން ނުކުތުމުގެ ފުރުސަތު ދީފައިވާ ކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ރަޝިޔާއިން ބުނެފައި ވަނީ ހަމަލާތައް ހުއްޓާލައިފައި ވަނީ ރަޝިޔާގެ ގަޑިން ހެނދުނު 10 ޖެހިއިރު (ރާއްޖޭ ގަޑިން މެންދުރު 12 ޖެހިއިރު) ކަމަށެވެ. އަދި ހަމަލާތައް ހުއްޓާލިކަން ޔުކްރޭނަށް ވެސް އަންގާފައިވާ ކަމަށާއި ޔުކްރޭނުން ހަމަލާ ނުދޭނެކަމުގެ ގެރެންޓީ ދީފައި ނުވާ ކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވެ އެވެ.
މަރިއުޕޮލް އަކީ ރަޝިޔާ ސިފައިން މީގެ ދުވަސްކޮޅެއް ކުރިން ހިފި ބަނދަރު މަތީ ސިޓީ އެކެވެ. އެ ސިޓީ ހިފުމުން ރަޝިޔާ އަށް ވަނީ ބަނދަރުތަކުގެ ކޮންޓްރޯލް ލިބިފަ އެވެ. އަދި ރަޝިޔާ އިން 2014 ވަނަ އަހަރު ހިފި ކްރައިމިއާ އަށް އެއްގަމު މަގުން ގުޅާލެވޭނެ އެވެ. ވޮލްނޮވަކާ އޮންނަނީ ރަޝިޔާގެ ކޮންޓްރޯލް އޮންނަ ޑޮނެޓްސްކް ސަރަހައްދާއި މަރިއުޕޮލްއާ ދެމެދު އެވެ.
ޔުކްރޭނުގެ އެހެން ސިޓީތަކުގައި އަދިވެސް ދަނީ ވަރުގަދަ އަށް ހަނގުރާމަ ކުރަމުންނެވެ.