05 މާޗް 2022 - 13:03

ޕަލްމިނަރީ އާޓެރީ ހައިޕަޓެންޝަނާއި ޝޯގްރީން ސިންޑްރޯމް ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް، އަރީޝާ އަބްދުﷲ މިއަދު ހެނދުނު ނިޔާވެއްޖެ އެވެ.
އާއިލާއިން ބުނީ އަރީޝާ، 23، ނިޔާވީ ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ކުއްލިއަކަށް ހާލު ދެރަވެގެން ކަމަށެވެ.
އޭރު އާއިލާއިން މަސައްކަތް ކުރަމުން ދިޔައީ ހިތާއި ފުއްޕާމޭގެ ޓްރާންސްޕްލާންޓް ހެދުމަށް އޭނާ އިންޑިއާއަށް ގެންދިއުމަށް ތައްޔާރުވަމުންނެވެ.
އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ލަފައާ އެކު 2017 ގައި އިންޑިއާއިން ހެދި ޓެސްޓުން ޔަގީންވީ ދުނިޔެއިން ވަރަށް މަދުން ނޫނީ ނުފެންނަ ދެ ބައްޔެއް އަރީޝާ އަށް ޖެހިފައިވާ ކަމެވެ. އެއީ ހިތާއި ފުއްމާޕެއާ ދޭތެރޭގައި އިންނަ ލޭ ހޮޅީގެ ޕްރެޝަރު މަތިވަމުން ދިއުމާއި ހަށިގަނޑު ބަލިކަށިކޮށްލާ ޝޯގްރީނެވެ.
އޭނާގެ ފިރިމީހާ، އަލީ ޝިފްރާޒް "މިހާރު" އަށް ކުރިން ބުނީ ގަވައިދުން ބޭސްތައް ކައި، ޓެސްޓުތައް ހަދަމުން މި ފަހަކާ ހަމައަށް އަރީޝާ އުޅެމުން ދިޔައީ އާދައިގެ ދިރިއުޅުމެއް ކަމަށެވެ. އޭނާގެ ހާލަތު ގޯސްވީ، މިދިޔަ އަހަރުގެ އޭޕްރީލް މަހު ގަދައަށް ކެއްސައި، އަނގައިން ލޭ އަންނަން ފެށި ފަހުންނެވެ. އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އެނގުނީ ނިއުމޯނިޔާ ޖެހިފައިވާކަމެވެ.
އެ ހާލަތު އިތުރަށް ގޯސްވީ މިދިޔަ ޖެނުއަރީ މަހު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އެ މަހުން ފެށިގެން އަރީޝާއަށް ދިޔައީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.