05 މާޗް 2022 - 06:56

މިލާން (މާޗް 5) - އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން އަމިއްލަ ދަނޑުގައި ރޭ އިޓާލިއަން ސެރީއާގައި، ސެލަނިޓާނާއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 5-0 އިން ކާމިޔާބުކޮށް، އަލުން ޓޭބަލްގެ އެއްވަނަ އަށް ޖެހިލައިފި އެވެ.

ރޭގެ މެޗުގައި ފުރަތަމަ ފުރުސަތު ހޯދީ ލީގްގެ ފުލުގައި އޮތް ސެލަނިޓާނާ އެވެ. ނަމަވެސް އެ ފުރުސަތުގައި ފޮނުވައިލި ހަމަލާ ގޯލާ އަމާޒުކޮށެއް ނުލެވުނެވެ. އިންޓަ މިލާނަށް ކުޅޭ އާޖެންޓީނާގެ ސްޓްރައިކަރު ލައުޓާރޯ މާޓިނޭޒް އޭގެ ފަހުން ފޮނުވައިލި ހަމަލައެއް ގޯލު ހުރަސް ދަނޑި އަށް ވެސް އަމާޒުވި އެވެ. އެކަމަކު، އެ ހަމަލަ ކާމިޔާބު ނުވި ނަމަވެސް މާޓިނޭޒް ވަނީ މެޗުގެ ފުރަތަމަ ތިން ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށް، އިންޓަ އަށް ފުރިހަމަ ލީޑެއް ހޯދައިދީފަ އެވެ.
ފުރަތަމަ ހާފުގައި މާޓިނޭޒްގެ ދެ ގޯލު ވެސް ޖެހީ ނިކޯލޯ ބަރޭލާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ދެވަނަ ހާފުގެ 11 ވަނަ މިނިޓުގައި އޭނާގެ ހެޓްރިކް ފުރިހަމަކުރީ އެޑިން ޒެކޯ ދިން ބޯޅައަކުންނެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މާޓިނޭޒް ލީގްގައި ސެލަނިޓާނާގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ލަނޑުޖެހި މެޗަށް ފަހު، އިންޓަ އަށް ކާމިޔާބު ކޮށްދިން ފުރަތަމަ މެޗެވެ. ސެލަނިޓާނާގެ ދަނޑުގައި ވެސް އިންޓަ އިން މޮޅުވީ ހަމަ މި ނަތީޖާއިންނެވެ.
އިންޓަގެ ފަހު ދެ ލަނޑު މެޗުގެ 64 އަދި 69 ވަނަ މިނިޓުގައި ޖަހައިދިނީ އެޑިން ޒެކޯ އެވެ. އޭނާގެ ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އިންޓަގެ ދެ ފުލްބެކުން ކަމަށްވާ ޖަރުމަނުގެ ރޮބިން ގޮސެންސް އާއި ނެދަލެންޑްސްގެ ޑެންޒެލް ޑަމްފްރީސް އެވެ.
ޒެކޯގެ ދެ ލަނޑާއެކު އޭނާ ވަނީ ލީގްގައި މިހާތަނަށް 12 ލަނޑު ޖަހައިދީފަ އެވެ. ލީގްގައި އިންޓަ އަށް އެންމެ ގިނަ ގޯލް ކާމިޔާބު ކޮށްދިން ކުޅުންތެރިއަކީ ރޭ ހެޓްރިކް ހެދި މާޓިނޭޒް އެވެ. އޭނާ ވަނީ 14 ލަނޑު ޖަހައިފަ އެވެ.
ރޭގެ މެޗާއެކު ލީގު ގަދަ ތިނެއްގައި އުޅޭ އިންޓަ އާއި އޭސީ މިލާން އަދި ނަޕޯލީ ވެސް ވަނީ 27 މެޗު ކުޅެފަ އެވެ. ކޮންމެ ޓީމަކަށް ވެސް ލީގްގައި ބާކީ އޮތީ 11 މެޗެވެ. ރޭގެ ނަތީޖާއާއެކު އިންޓަ އަށް އަލުން އެއްވަނަ ލިބުނީ 58 ޕޮއިންޓް ހޯދައިގެންނެވެ.
ދެވަނައިގައި އޮތް ނަޕޯލީ އަދި ތިންވަނައިގައި އުޅޭ އޭސީ މިލާނަށް ވެސް ލިބިފައި ވަނީ 57 ޕޮއިންޓެވެ. ނަޕޯލީ އަށް ދެވަނަ ލިބެނީ ލީގްގައި މި ދެ ޓީމު ވާދަކުރި ފުރަތަމަ މެޗު ރަށުން ބޭރުގައި 1-0 އިން ނަޕޯލީ އިން ކާމިޔާބު ކޮށްފައި ވާތީ، ހެޑް-ޓު-ހެޑް ޕޮއިންޓުން ކުރި ލިބޭތީ އެވެ. އޭސީ މިލާނާ ދެކޮޅަށް ނަޕޯލީ އަމިއްލަ ދަނޑުގައި މާދަމާ ރޭ ކުޅޭ މެޗުގައި ކޮންމެ ނަތީޖާއެއް ނުކުތަސް އިންޓަ އަށް އަނެއްކާ ވެސް އެއްވަނަ މަގާމު ވަގުތީ ގޮތުން ގެއްލޭނެ އެވެ.
ލީގް ޓޭބަލްގެ ހަތަރު ވަނައިގައި އޮތް ޔުވެންޓަސް މާދަމާ ރޭ ކުޅޭނީ 16 ވަނައިގައި އޮތް ސްޕެޒިއާއާ ދެކޮޅަށެވެ. ފަސްވަނައިގައި އޮތް އެޓަލާންޓާ އާއި ހަވަނައިގައި އޮތް އޭއެސް ރޯމާ މިރޭ ބައްދަލުކުރާނީ ރޯމުގަ އެވެ.