އަލިރަސްގެފާނަށް ކުރާ މަލާމާތަށް އަލާގެ ރައްދެއް
އަލިރަސްގެފާނަށް ކުރާ މަލާމާތަށް އަލާގެ ރައްދެއް

އަލިރަސްގެފާނު ޝަހީދުވީ ޕޯޗްގީޒުންނަށް ފިލަން ދުވެވަޑައިގަންނަވަނިކޮށް ކަމަށާއި އެ ތަކުރުފާނުގެ ޖިހާދާ ގުޅޭ ގޮތުން ދައްކާ ވާހަކަ ދެކޮޅު ނުޖެހޭ ކަމަށް ބައެއް މީހުން ކިޔައި އުޅެ އެވެ. އެކަމަކު ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް މިރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް އަހުމަދު އަލާ އެ މަލާމާތަށް ރައްދު ދެެއްވައި ހާމަކުރެއްވީ ތަފާތު ވާހަކަތަކެކެވެ.

އަލިރަސްގެފާނަށް ކުރާ މަލާމާތަށް އަލާގެ ރައްދެއް
އަލިރަސްގެފާނަށް ކުރާ މަލާމާތަށް އަލާގެ ރައްދެއް

އަލާ ވިދާޅުވީ އަލިރަސްގެފާނަކީ ފިނޑިއެއްގެ ގޮތުގައި ސިފަކޮށް މީހުން ވާހަކަ ދައްކާ އަޑު އިވޭ ކަމަށާއި އެކަމަކު ދުނިޔޭގެ ތާރީހާއި ރާއްޖޭގެ އާސާރުތަކުން ވެސް ފެންނަން ހުރީ އަލިރަސްގެފާނަކީ "ބަތަލެއް" ގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

"ފަސްދޮޅަސް އަށް ވަނަ އަހަރު ބޮޑު ބަޑިތައް ތަޅާނުލި ނަމަ ވެރި ރަށް މާލެއިން ފެންނަން ހުރީސް. މާލެ ވަށައި ހުރި ކޯއްޓޭތައް، އަލިރަސްގެފާނު ޕޯޗުގީޒުން ގަޔަށް ބަޑި ޖަހަން އުޅުނު ކޯއްޓޭތައް ހުރި ނަމަ ފެނުނީސް،" އަލާ ވިދާޅުވި އެވެ.

އަލިރަސްގެފާނަކީ ހިތްވަރުފުޅު ގަދަ ޝަހުސިއްޔަތެއް ކަމަށާއި އޭރު ގައުމުގައި ހިނގަމުންދިޔަ ގަޑުބަޑުތަކާ ހެދި އެމަނިކުފާނާ އެކު ހަނގުރާމައަށް ނުކުންނާނެ މީހަކު ނެތަސް ޕޯޗުގީޒުންނާ ކުރިމަތިލުމަށް ނުކުންނެވީ ކުޑަވެސް ޖެހިލުންވުމެއް ނެތި ކަމަށް، ތާރީޚް ދިރާސާކުރައްވާ އަލާ ވިދާޅުވި އެވެ.

"އެއްވެސް ބިރެއް ނެތި، ދިވެހި ދައުލަތުގެ ދިފާއުގައި އަލިރަސްގެފާނު ގުރުބާންވެ ވަޑައިގަތީ ތިޔަ ބޭފުޅުންގެ ހައްގުގައި. މިއަދު އަޅުގަނޑުމެން އެއްވެސް ދިވެއްސަކަށް އެމަނިކުފާނު އެ ދެއްކެވި ހިތްވަރަށް މަލާމާތުގެ ބަހެއް ރައްދެއް ނުކުރެވޭނެ،" އަލާ ވިދާޅުވި އެވެ.

"އެމަނިކުފާނުގެ ބުއްދި ގޯސްވެފައި ހުރީއެއް ނޫން، އެކަނިމާއެކަނި ނުކުމެ ބޮޑު ލަޝްކަރަކާ ކުރިމަތިލާން. އެމަނިކުފާނު ނުކުންނެވީ އެވަގުތު ރަސްކަމުގައި ހުންނެވީ އެމަނިކުފާނަށްވީ ހިނދު ދިވެހި އަންނަން އޮތް ޖީލެއްގެ ދިފާއުގައި. ފާއިތުވިހާ ކާބަފައިންގެ ހައްގުގައި އެމަނިކުފާނުގެ ޒިންމާ އަދާކުރެއްވީ،" އިހުގެ ފޮތްތަކާ ހަވާލާދެއްވާ އޭނާ ވިދާޅުވި އެވެ.

އަލާ ވިދާޅުވީ ދިވެހިންނަށްޓަކައި އަލިރަސްގެފާނު ވެދެއްވި ގުރުބާނީގެ ސަބަބުން އިހުގެ މީހުންގެ ހިތުގައި ބިންވަޅު ނެގިފައިވާ ކަމަށެވެ.

ޝަހީދުންގެ ދުވަހަކީ ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ އެއް ވަނަ ދުވަހު ދީނާއި ގައުމުގެ ދިފާއުގައި ޕޯޗްގީޒުންނާ ހަނގުރާމަކޮށް އަލި ރަސްގެފާނު ޝަހީދުވި ދުވަހެވެ. ޝަހީދުންގެ ދުވަސް އަލިރަސްގެފާނަށް ހާއްސަ ވިޔަސް މިހާރު އެ ދުވަސް ފާހަގަކުރަނީ ގައުމުގެ ދިފާއުގައި ޝަހީދުވި އެތައް ބަތަލުންނެއްގެ ޒިކުރާ އާކުރުމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި އަލާ ވިދާޅުވީ އޭޝިއާ ސަރަހައްދުގައި އޮތް އެންމެ މުސްކުޅި ދައުލަތުގެ ގޮތުގައި ރާއްޖެ ދެމި އޮތީ ބަޔަކު މީހުން އެ ދައުލަތުގެ އިސްތިގުލާލާއި އަމިއްލަވަންތަކަމުގެ ދިފާއުގައި ޝަހީދުވުމުން ކަމަށެވެ.

އޭރު ވެސް ރާއްޖެ އޮތީ ވިޔަފާރީގެ ކާރޫބާރޫ ބޮޑު މަގެއްގައި ކަމަށާއި ރާއްޖެއަކީ ދުނިޔެއަށް "ދިމާ ހާއްޔަށް" ފެންނަން އޮތް ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހާ ވަރަށް މުހިއްމު ތަނެއްގައި އޮތްއިރު ވެސް ރާއްޖޭގެ އަމިއްލަވަންތަ ގައުމެއްގެ ގޮތުގައި ދެމި އޮތުމުގެ ސިއްރަކީ މުހިއްމު ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ތާރީޚުން އެނގޭ ގޮތުގައި އަލިރަސްގެފާނު ޝަހީދުވީ ރާއްޖޭއަށް ވެރިވެގަތުމަށް އައި ޕޯޗުގީޒް މީހުންނާ ހަނގުރާމަ ކުރައްވަން ހުންނަވަނިކޮށް، މާލޭ ހުޅަނގުފަރާތު އަތިރިމަތީގަ އެވެ. ބުނެވޭ ގޮތުގައި ޕޯޗުގީޒުންގެ އަތްދަށަށް ރާއްޖެދިޔައީ އަލިރަސްގެފާނު ޝަހީދުވެވަޑައިގަތުމަށްފަހު އެވެ. ޢަލިރަސްގެފާނު ފަސްދާނުލެވުނު ކަމަށް ތާރީޙުގައި ބުނަނީ އަވަހާރަވެގެން ވެއްޓިވަޑައިގަތް ތަނުގަ އެވެ. އެއީ އަލިރަސްގެފާނު ޒިޔާރަތް މިހާރު އޮންނަ ތަނެވެ.