އަދިތުޔާ އާއި ޝްވެތާ އަށް ލިބުނީ އަންހެން ކުއްޖެއް
އަދިތުޔާ އާއި ޝްވެތާ އަށް ލިބުނީ އަންހެން ކުއްޖެއް

އިންޑިއާގެ މަޝްހޫރު ޓީވީ ހޯސްޓް އަދިތުޔާ ނާރަޔަނާއި އޭނާގެ އަނބިމީހާ ޝްވެތާ އަގަރްވާލަށް އަންހެން ދަރިއަކު ލިބިއްޖެ އެވެ.

އިންސްޓަގްރާމު މެދުވެރިކޮށް އަދިތުޔާ އިއްޔެ ހިއްސާކުރީ އޭނާ އަށް މިދިޔަ މަހުގެ 24 ވަނަ ދުވަހު އަންހެން ދަރިއަކު ލިބިފައިވާ ކަމަށެވެ. ކުއްޖާގެ ނަމެއް އަދި ފޮޓޯއެއް ވެސް ހިއްސާއެއް ނުކުރެ އެވެ.

އޭނާ އެ ޕޯސްޓް ހިއްސާކުރީ އެމީހުންގެ ކައިވެނީގެ ފޮޓޯއަކާ އެކު އެވެ.

އަދިތުޔާ އާއި ޝްވޭތާ ކައިވެނިކުރީ 2020 ގަ އެވެ. އެ ދެ މީހުން ރައްޓެހިވީ އެކީގައި ކުޅުނު ފިލްމު 2010 ގެ "ޝަޕިތު" ގެ މަސައްކަތް ކުރި ދުވަސްވަރެވެ.

ލަވަކިޔުންތެރިއެއްގެ ގޮތުގައި އަދިތިޔާ، 34، ކުރިން ބޮޑަށް ފާހަގަކުރެވެމުން އައި ނަމަވެސް މި ފަހުން އޭނާ ބޮޑަށް ފެންނަނީ ޓީވީ ޝޯތައް ހޯސްޓްކުރުމުގަ އެވެ. މިދިޔަ އަހަރު އޭނާ ހޯސްޓްކުރި ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް 12" އަށް ފަހު ދެން ޓީވީ ޝޯތައް ހޯސްޓް ނުކުރާނެ ކަމަށް އޭނާ ބުންޏެވެ.

އޭރު އޭނާ ޝޯ ހޯސްޓް ނުކުރާނެ ކަމަށް ބުނީ މިއުޒިކީ ކެރިއަރަށް ފޯކަސް ކުރުމުގެ ގޮތުންނެވެ. އެކަމަކު އޭގެ ފަހުން އަދިތިޔާ އަކީ މިހާރު ޒީޓީވީން ގެނެސްދޭ "ސާރޭގާމާޕާ" ގެ ހޯސްޓް ވެސް މެ އެވެ.