ވެކްސިން ޖަހާފައިވާ ނަމަ ރާއްޖެ އަންނައިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭ ގޮތަށް ހަދައިފި
ވެކްސިން ޖަހާފައިވާ ނަމަ ރާއްޖެ އަންނައިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭ ގޮތަށް ހަދައިފި

ކޮވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން، ރާއްޖެ އަންނައިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހެ ގޮތަށް އެޗްޕީއޭގެ އުސޫލަށް މިއަދު ބަދަލު ގެނެސްފި އެވެ.

މިހާރު އުސޫލު އޮންނަ ގޮތުން ރާއްޖެ އެތެރެވާތާ 5-7 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ވެސް ޖެހެ އެވެ. އެކަމަކު އުސޫލުގައި އެގޮތަށް އޮތަސް އެ ޓެސްޓް ހެދުމަށް ބައެއް މީހުން މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ.

ޑިރެކްޓަ ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި އިއުލާނުގައި ބުނީ މާދަމާ އިން ފެށިގެން ރާއްޖެ އަންނަ މީހުންގެ ތެރެއިން ކޮވިޑް ވެކްސިން ފުރިހަމަކޮށް 14 ދުވަސްވެފައިވާ ނަމަ، ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭނެ ކަމަށެވެ.

އެ ލުއި ލިބޭނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިމަޖަންސީ ޔޫސް ލިސްޓުގައި ހިމެނޭ ނުވަތަ ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައިވާ ކޮވިޑް ވެކްސިނެއް ޖަހާފައިވާ ނަމަ އެވެ.

އެޗްޕީއޭ އިން ވަނީ ރާއްޖޭގެ ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުން ރާއްޖެއިން ފުރުމުގެ ކުރިން ހަދަންޖެހޭ ޕީސީއާރު ޓެސްޓް ވެސް ހަދަން ނުޖެހޭ ގޮތަށް ބަދަލު ގެނެސްފަ އެވެ.

ރާއްޖެއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެ، ކުރިން އަޅާފައިވާ ބައެއް ހަރުކަށި ފިޔަވަޅުތަކަށް ވެސް އެޗްޕީއޭ އިން ދަނީ ލުއިދެމުންނެވެ. އޭގެ ތެރޭގައި މާލެއިން ރަށްރަށަށް ފުރަމުން ހަދަން ޖެހޭ ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭ ގޮތަށް ވަނީ ބަދަލު ގެެނެސްފަ އެެވެ. އަދި އެއްވެ އުޅުމާއި ހަފުލާތަކާއި އިވެންޓްތަކުގައި އެއްފަހަރާ ބައިވެރިވެވޭނެ މީހުންގެ ލިމިޓް އުވައިލުމާއި ކުޅިވަރު މުބާރާތްތަކަށް މީހުންނަށް ނުވަދެވޭ ގޮތަށް އޮތް އޮތުން ވެސް އޭރު އުވާލި އެވެ.

މިހާރު ކޮންމެ ދުވަހަކު ކޮވިޑް ކޭސްތަކުގެ ޕޮޒިޓިވިޓީ ރޭޓް ހާމަކުރުމުގެ ބަދަލުގައި އެ މައުލޫމާތު ވެސް އާންމުކުރަނީ ހަފުތާއަކު އެއް ފަހަރު އެވެ.