ލީޕްޒިގުގެ ކޯޗު ގެންދަން ބަޔާނުން ބޭނުންވެއްޖެ
ލީޕްޒިގުގެ ކޯޗު ގެންދަން ބަޔާނުން ބޭނުންވެއްޖެ

މިއުނިކް (ޑިސެމްބަރު 20) – ޖަރުމަން ލީގުގައި އާދަޔާހިލާފު ކާމިޔާބެއް ހޯދަމުން އަންނަ ރެޑްބުލް ލީޕްޒީގުގެ ކޯޗު ރާފް ހޭޒަންހަޓްލް ގެންދަން ބަޔާން މިއުނިކުން ބޭނުންވެއްޖެ އެވެ.

ބަޔާން މިއުނިކް މަޝްހޫރުވެފައިވަނީ ޖަރުމަނުގެ އެހެން ޓީމުތަކުން ވިދާލާ ކުޅުންތެރިން ގަންނަން ކްލަބެއްގެ ގޮތުގަ އެވެ. ޖަރުމަން ލީގުގެ ވާދަވެރިކަން ކުޑަވަނީ ބަޔާނުން ކަންތައް ކުރާ ގޮތުން ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެ އެވެ.

ބަޔާނުގެ ރައީސް އުލީ ހޮއެނެސް ވިދާޅުވީ ކުރިމަގުގައި އެ ކްލަބުން ކޯޗެއް ހޯދާއިރު ހޭޒަންހަޓްލް އަކީ ވާދަކުރާނެ ކެންޑިޑޭޓެއް ކަމަށެވެ.

"ރާފް ހޭޒަންހަޓްލް އަންނަނީ އާރްބީ ލީޕްޒީގުގައި ވަރަށް ފުރިހަމަ މަސައްކަތެއް ކުރަމުން. އަހަރެމެން ޖަރުމަން ކޯޗެއް ހޯދާ ނަމަ ޝޯޓްލިސްޓްކުރާ ތިން ކެންޑިޑޭޓުންގެ ތެރޭގައި އޭނާ ހިމެނޭނެ. މިވަގުތު އަހަރެމެން ކޯޗެއް ހޯދުމުގެ ވިސްނުމެއް ނުގެންއުޅެން. އެކަމަކު މުސްތަގުބަލުގައި އޭނާ އަށް ޝައުގުވެރިވޭ،" ހޮއެނެސް ވިދާޅުވި އެވެ.

ހޭޒަންހަޓްލް އަށް ޕްރިމިއާ ލީގުގެ އާސެނަލުން ވެސް ޝައުގުވެރިވެ އެވެ. އާސެން ވެންގާ އަށް ފަހު އެ ޓީމު ހަވާލުކުރަން ހޭސެންހަޓްލްއާ އެ ކްލަބުގެ ޑިރެކްޓަރުން ވަނީ މަޝްވަރާ ވެސް ކޮށްފަ އެވެ.

އޮސްޓްރިއާގެ ގައުމީ ޓީމާއި އޮސްޓްރިއާ އާއި ޖަރުމަން ލީގުގެ ބައެއް ކްލަބްތަކަށް ވެސް ކުޅެފައިވާ ހޭޒަންހަޓްލް، 49، ވަނީ ޖަރުމަނުގެ ބައެއް އާދައިގެ ޓީމުތަކަށް މީގެ ކުރިން އިރުޝާދުދީފަ އެވެ.

މި ސީޒަނުގައި ޖަރުމަން ލީގަށް ޕްރޮމޯޓްވި ލީޕްޒިގް އޮތީ 36 ޕޮއިންޓާ އެކު ލީގުގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ބަޔާން މިއުނިކަށް ވެސް އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.