04 މާޗް 2022 - 12:44

ފަލަސްޠީނުގެ ބިމަކީ ތާރީޚީ ގޮތުންނާއި ދީނީގޮތުން ބަލާއިރު ޔަހޫދީންގެ ހައްގެއް ކަމަށް ދަޢުވާ ކުރެވެ އެވެ. މިގޮތުން ތާރީޚީ އެއް ސަބަބެއް ކަމުގައި ބުނަނީ އިބްރާހީމްގެފާނާއި ޔަޢުޤޫބުގެފާނާ ހަމައިން ފެށިގެން މޫސާގެފާނާއީ ޔޫޝަޢުގެފާނާ ހަމައަށް އެ މީހުންގެ ކާބަފައިން އެ ބިމުގައި ދިރިއުޅެމުން ދިއުމެވެ. ދެވަނަ ކަމަކަށް ދާއޫދުގެފާނާއި ސުލައިމާނުގެފާނުގެ ޒަމާނުގައި އެ މީހުންގެ ރަސްކަން އެބިމުގައި ކުރެވުމެވެ. ތިންވަނަ ކަމަކަށް މީލާދީން 70 ވަނަ އަހަރުން ފެށިގެން ޔަހޫދީންތައް އެބިމުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފަހާލެވުން އަންނަންދެން ވެސް އެ ބިމުގައި ޔަހޫދީން ދިރިއުޅެމުން ގެންދިއުމެވެ.
ދީނީގޮތުން ބަލާއިރު އެއް ސަބަބެއް ކަމުގައި އެ މީހުން ބުނަނީ ކަންޢާންގެ ބިމާއި އެބިމުގެ ވަށައިގެންވާ ބިންތައް (ނީލަކޯރުން ފެށިގެން ފުރާތު ކޯރާ ޖެހެންދެން) މިލްކު ކޮށްދެއްވާނެ ކަމުގެ ވަޢުދު ﷲ ކުރައްވާފައިވާ ކަމަށް އެ މީހުންގެ މުޤައްދަސް ފޮތުގައި އައިސްފައި ވުމެވެ. މިގޮތުން ބިންދެއްވާނެ ކަމުގެ ވަޢުދު އައިސްފައި ވަނީ އިބްރާހީމްގެފާނުގެ ނަސްލުގެ މީހުންނަށް ކަމަށް ވާއިރު އެކަލޭގެފާނުގެ ނަސްލަކީ އެމީހުން އެކަނި ކަމަށް ވުމެވެ. ދެވަނަ ކަމަކަށް ޔަހޫދީންނަކީ އެހެން އެންމެންގެ ތެރެއިން ﷲ އިޚްތިޔާރު ކުރެއްވި ގައުމު ކަމަށް ވުމެވެ.
މި ދަޢުވާތަކުގެ ތެރެއިން ތާރީޚީ ގޮތުން ހައްގު އޮންނަ ކަމަށް ބުނާ ދައުވާ އަށް ބަލާއިރު ފާހަގަ ކުރެވޭ އެންމެ ފުރަތަމަ ކަމަކީ ޔަހޫދީން ދުނިޔެއަށް އައުމުގެ އެތައް ހާސް އަހަރެއް ކުރިން ފަލަސްޠީނުގެ ބިމުގައި އެހެން ދަރިކޮޅުތައް ދިރިއުޅެމުން ދިޔަ ކަމެވެ. މިގޮތުން އެ ބިމުގެ އުތުރު ބައިގައި މީލާދީގެ ކުރިން 3000 އަހަރުން ފެށިގެން ފީނީޤީން ދިރިއުޅުނެވެ. އެއަށް ފަހު މީލާދީގެ ކުރިން 2500 ވަނަ އަހަރުން ފެށިގެން އެބިމުގެ މެދުތެރޭގައި ޢަރަބި ކަންޢާނީ ދަރިކޮޅުގެ މީހުން ދިރިއުޅެން ފެށިއެވެ. އެއަށްފަހު މީލާދީގެ ކުރިން 1200 ވަނަ އަހަރުން ފެށިގެން ކްރީތު ޖަޒީރާގެ ފަލަސްޓީނު ކިޔާ ބަޔަކު ޔާފާ އާއި ޣައްޒާ އާ ދެމެދުގެ ބިންތަކުގައި އުޅެން ފެށި އެވެ. ކަންޢާނީން މި ބައިމީހުނަށް ފަލަސްޠީނީން އޭ ކިޔެވެ. އެ މީހުންނަށް ނިސްބަތްކޮށް މުޅި އެބިމަށް ވެސް ފަލަސްޠީންގެ ނަން އާންމު ކުރެވިގެން ދިޔަ އެވެ. މިބިމުގައި ޢަރަބިން ދިރިއުޅުން ދުވަހަކު ވެސް ނެތިގެނެއް ނުދެ އެވެ. ޔަހޫދީން އެބިމަށް ޔޫޝަޢުގެފާނާ އެކުގައި ވަނުމަށް ފަހު އެ ބިމުގައި ދިރިއުޅެމުން ދިޔަ އެހެން ޤަބީލާތަކާ އެކު ތަފާތު ހަނގުރާމަތައް ކުރުމަށް ފަހު މީލާދީން 70 ވަނަ އަހަރުން ފެށިގެން އެ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބޭރުކޮށްލެވިގެން ދިޔަ އެވެ.
ދެވަނަ ކަމަކީ މިހާރު ފަލަސްޠީނުގައި އުޅެމުންދާ ގިނަ ޔަހޫދީންނަކީ ޔަޢުޤޫބުގެފާނުގެ ދަރިފަސްކޮޅު (ބަނީ އިސްރާއީލް) ގެ މީހުން ކަމަށް ނުވުމެވެ. ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އެމީހުންނަކީ ރަޝިޔާގެ ދެކުނުގައި އޮންނަ ޚަޒަރް ކިންގްޑަމްގެ ނަސްލުގެ ބައެކެވެ. އެމީހުންގެ ކާބަފައިން ދުވަހަކު ވެސް ފަލަސްޠީނުގެ ބިމުގައި ފައި ޖައްސާލާފައި ވެސް ނުވެ އެވެ.
ތިންވަނަ ކަމަކީ ބަނީއިސްރާއީލުން ފަލަސްޠީންގައި ދިރިއުޅުނީ އެންމެ ގިނަވެގެންވެސް ފަސް ވަރަކަށް ގަރުނު ކަމުގައި ވުމެވެ. އެއަށްފަހު އެމީހުން އެރަށުން ބޭރުކޮށްލެވިގެން ދިޔަ އެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެއީ އެމީހުންނަށް ﷲ ދެއްވި އުޤޫބާތެކެވެ.
ދެން އޮތީ ދީނީގޮތުން ބަލާއިރު ހައްގު އޮންނަ ކަމަށް ކުރާ ދައުވާ އެވެ. މި ދައުވާއަށް ބަލާއިރު ފާހަގަ ކުރެވޭ އެއްކަމަކީ ކުރިން ވެސް ބަޔާންކުރި ފަދައިން ހުރިހާ ޔަހޫދީންނަކީ ބަނީއިސްރާއީލުން ނޫން ކަމެވެ. އާލްޢިމްރާނު ސޫރަތުގެ 65 އިން 68 އަށް އޮތް އާޔަތްތަކުން އެނގޭ ގޮތުގައި އެމީހުން އިބްރާހީމްގެފާނާ މެދުގައި ޖަދަލު ކުރަމުން ގެންދިޔައީ ތައުރާތާއި އިންޖީލު ބާވާލެއްވިފައި ވަނީ އިބްރާހީމްގެ ފާނަށް ފަހުގައިކަން ހަނދާން ނައްތާލައި ތިބެ އެވެ. އެމީހުން ޖަދަލު ކުރަމުން ގެންދިޔައީ އެ މީހުންނަށް ނޭނގޭ ކަންކަމާ މެދުގަ އެވެ. ވީއިރު އިބްރާހީމްގެފާނަކީ ޔަހޫދީއެއް ކަމަށް ނުވަތަ ނަޞާރާއެއް ކަމަށް އެމީހުން ކުރި ދަޢުވާ ކަނޑައެޅިގެން ބާޠިލުކަން ﷲ ބަޔާން ކުރެއްވި އެވެ. އަދި އިބްރާހީމްގެ ފާނަކީ ޙަނީފިއްޔަ މުސްލިމެއްކަން ބަޔާން ކުރެއްވި އެވެ. މީގެ އިތުރުން އިބްރާހީމްގެ ފާނާ ނިސްބަތް ވުމުގައި އެންމެ އައުލާވެގެން ވަނީ މާތްނަބިއްޔާ ﷺ އާއި އެކަލޭގެފާނަށް ތަބާވީ މުއުމިނުންކަން ﷲ ބަޔާން ކުރެއްވި އެވެ. އަދި އަލްބަޤަރާ ސޫރަތުގެ 140 ވަނަ އާޔަތުގައި ﷲ ބަޔާންކުރައްވަނީ އެމީހުންގެ ދަޢުވާތައް ޞައްޙަ ނޫން ކަމެވެ. މިގޮތުން އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނާއި އަސްބާޠު އެއީ ޔަހޫދީން ނުވަތަ ނަޞާރާއިން ކަމުގައި ނުވާނެ ކަމަށެވެ.
ދެވަނަ ކަމަކީ، އެމީހުންގެ މުޤައްދަސް ފޮތްތަކުގައި ހުރި ކަމަށް އެ ދަޢުވާ ކުރާ ނައްޞުތަކަކީ އޭގެ ސައްހަކަން ކަށަވަރު ކުރެވެން ނެތް ނައްސުތަކަކަށް ވުމެވެ. ސަބަބަކީ އެ މީހުންނަކީ އެމީހުންގެ ޢަހުދު އުވާލައި ފޮތުގެ ކަލިމަތައް އޭގެ އަސްލުން ނަގައި ތަޙުރީފު ކުރި ބައެއް ކަމުގައި ﷲ ބަޔާން ކުރައްވާފައި ވުމެވެ. (އަލްމާއިދާ 13).
ތިންވަނަ ކަމަކީ، އެ މީހުންގެ ފޮތުގައި ހުރި ވާހަކަ ސައްހަ ކަމަށް ބެލިޔަސް އެމީހުންގެ ފޮތުގައި ސަރީހަކޮށް އެމީހުން އެ ބުނާ ވާހަކަތައް ނެތުމެވެ. އެ މީހުންގެ ފޮތްތަކުން ވެސް އެނގެން އޮތީ އިބްރާހީމްގެފާނަށް ކަންޢާންގެ ބިން ﷲ ދެއްވި ކަމެވެ. އަދި މި ވަޢުދު އެތައް ފަހަރަކު ތަކުރާރު ކުރެއްވި އިރު އިބްރާހީމްގެފާނަށް އިސްމާޢީލުގެފާނު ލިބިވަޑައިގެންފައިވީ ނަމަވެސް އިސްޙާޤުގެފާނު ލިބިވަޑައިގެންފައި ނުވާ ކަމެވެ. ބަނީ އިސްރާއީލު އަކީ އިސްޙާޤުގެފާނުގެ ދަރިކަލުން ޔަޢުޤޫބުގެފާނުގެ ދަރިފަސްކޮޅެވެ. މިކަން މިހެން އޮތަސް އިބްރާހީމްގެފާނުގެ ނަސްލަށް ދެއްވި ނިޢުމަތެއްގެ ގޮތުގައި ބަލައި އެދަރިކޮޅަށް ވެސް އެބިމުން ހައްގު ކަމުގައި ބަލަމާ ހިނގާށެވެ. ނަމަވެސް ސުވާލަކީ އެއީ އަބަދުގެ އަބަދަށް އޮތް ވަޢުދެއް ހެއްޔެވެ؟ ހަގީގަތަކީ ﷲ އެވައުދު ކުރައްވާފައި ވަނީ އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ ނަސްލުގެ މީހުން އީމާންކަން މަތީ ދެމިތިބި ހިނދު ދެއްވި ނިޢުމަތެއްގެ ގޮތުގަ އެވެ. މިކަން އިތުރަށް ކަށަވަރު ވަނީ ބަނީއިސްރާއީލުންގެ ތެރެއިން ނަބީން ލެއްވި ކަމާއި އެ މީހުންގެ ތެރެއިން ރަސްރަސްކަލުން ލެއްވި ކަމާއި އެ ޒަމާނުގެ އެއްވެސް ބަޔަކަށް ނުދެއްވާ ފަދަ ނިޢުމަތްތައް ﷲ ދެއްވިކަން އަލްމާއިދަތު ސޫރަތުގެ 20 ވަނަ އާޔަތުގައި ﷲ ބަޔާން ކުރެއްވުމަށް ފަހު 21 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައިވާ ބަސްފުޅުންނެވެ. އެ އާޔަތުގެ މާނައަކީ "އޭ އަހުރެންގެ ގައުމުގެ މީހުންނޭވެ! މުޤައްދަސްވެގެންވާ ބިމަށް ތިޔަބައިމީހުން ވަންނާށެވެ! އެ ބިމަކީ ތިޔަބައިމީހުންނަށްޓަކައި ﷲ ކަނޑައަޅުއްވާފައިވާ ބިމެވެ. އަދި ތިޔަބައިމީހުން ފުރަގަސްދީ އެނބުރި ނުގަންނާށެވެ! އޭރުން ތިޔަބައިމީހުން ގެއްލެނިވެގެންވާ ބަޔަކު ކަމުގައި ވެގެން ހިނގައިދާނެ އެވެ."
މި އާޔަތުގައި މި ބަޔާންކުރާ ބިން، ބަނީއިސްރާއީލުންނަށް ކަނޑައެޅިގެންވަނީ އަބަދަކަށް ނޫން ކަމަށް ތަފްސީރު ޢިލްމުވެރިން ވިދާޅުވެ އެވެ. އޭގެ ހެއްކަކީ އެމީހުން ﷲ އަށް ފުރަގަސްދީ އެނބުރި ހިނގައްޖެ ނަމަ އެމީހުން ގެއްލެނިވެގެންދާނެ ކަމަށް އޮތުމެވެ. ތާރީޚީ ގޮތުން ބަލާއިރު ވެސް އެމީހުން ފަލަސްޠީނުގެ ބިމުން ނެރެލެވި، އެކި ދިމަދިމާއަށް އުކާލެވިގެންދިޔަ އެވެ. އަނެއްކޮޅުން ބަލާއިރު ބިން ވާރުތަކޮށްދިނުން އޮންނަނީ ﷲ އަށް އީމާންވާ ޞާލިޙު އަޅުންނަށް ކަމުގައި ޒަބޫރުގައި ލިޔުއްވިގެންވި ކަމަށް ޤުރްއާނުގައި ބަޔާން ކުރައްވާފައި ވެ އެވެ. (އަލްއަންބިޔާއު). ބަނީއިސްރާއީލުންނަކީ ބިމުގައި ފަސާދަކުރި ބައެއް ކަން ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވެ އެވެ. އަދި އޭގެ ސަބަބުން ﷲ އެމީހުންނަށް ލަޢުނަތް ލެއްވިކަން ވެސް ބަޔާން ކުރައްވާފައިވެ އެވެ.
ހަތަރުވަނަ ކަމަކީ އެމީހުންގެ ފޮތްތަކުގައި އަދި ކީރިތި ޤުރްއާނުގައި ވެސް ބަޔާންވެފައި އެވާ ބިން ދެއްވި ކަމުގެ ވަޢުދު ހަގީގަތުގައި ފުދިގެން ހިގައްޖެ ކަމެވެ. އެއީ ޔޫޝައުގެފާނާ އެކު އެ މީހުން އެ މުޤައްދަސް ބިމަށް ވަދެ އެތަނުގައި އެތައް ދުވަހެއް ވަންދެން އުޅެވުމެވެ. ނަމަވެސް އެ މީހުން ފުރަގަސްދީ ބިމުގައި ފަސާދަ ކުރުމުން އެމީހުން ބިމުން ބޭރުކޮށްލެވިގެން ދިޔައީ އެވެ.
ފަސްވަނަ ކަމަކީ ﷲ ގެ ވަޢުދުތައް އަބަދުވެސް އަންނަނީ ޝަރުޠަކާ އެކުގައި ކަމަށް ވުމެވެ. އެއީ އެކަލާނގެއަށް އަޅުވެތިވުމާއި ހެޔޮލަފާވުމާއި ބިމުގައި ފަސާދަ ނުވުމުގެ ޝަރުތެވެ. ތައުރާތުގައި ވެސް މިކަން ވަނީ ބަޔާން ކުރައްވައިފަ އެވެ. އެ މީހުން އެ ޝަރުތުތައް ފުރިހަމަ ނުކުރާ ނަމަ ﷲ ގެ ވަޢުދުގެ ފޮނިމީރުކަން އެ މީހުންނަށް ނުލިބޭނެ ކަމަށެވެ. އަލްއަޢުރާފް ސޫރަތުގެ 128 ވަނަ އާޔަތާއި އަލްއަންބިޔާއު ސޫރަތުގެ 105 ވަނަ އާޔަތާއި އައްނޫރު ސޫރަތުގެ 55 ވަނަ އާޔަތާއި އަލްޙައްޖު ސޫރަތުގެ 41 ވަނަ އާޔަތުން މިކަމަށް އިތުރަށް ދަލީލު ލިބިގެން ދެ އެވެ.
ވީމާ މިހުރިހާ ކަމަކުން އެނގިގެން ދަނީ ދީނީގޮތުންބަލާއިރު ޔަހޫދީންނަށް ހައްގެއް އޮތީ ޔަހޫދީންގެ ތެރެއިން ﷲ އަށް އީމާންވީ މީހުންނަށް އެކަނި ކަމެވެ. ﷲ އަށް ފުރަގަސްދީ ބިމުގައި ފަސާދަ އުފެއްދި މީހުންނަށް އެ ވަޢުދުން ހައްގެއް ނެތް ކަމެވެ. ހަމައެއާ އެކު ބަނީއިސްރާއީލުންގެ ތެރެއިން ނުހިމެނޭ ބަޔަކަށް (އެމީހުން ޔަހޫދީން ކަމަށް ވިއަސް) އެ ވަޢުދުން ހައްގެއް ނެތް ކަމެވެ. ތާރީޚީ ގޮތުން ބަލާއިރު އެމީހުން އެވަނީ އެބިމުން ބޭރުކޮށްލެވިފަ އެވެ. ވީމާ ތާޜީޚީ ދައުވާއެއްގެ ހައްގެއް ނެތެވެ. ދެންއޮތީ މިހާރު އެތަނަށް އަރައި އެތަނުގައި ވަޒަންވެރިވަމުންދާ ދިއުމެވެ. އެކަން ސައްހަތޯ ނުވަތަ ނޫންތޯ ބަހުސް ކުރުން އެއީ އަދި އެހެން ކަމެކެވެ.