04 މާޗް 2022 - 14:17

މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)، ފާއިތުވި ތިން އަހަރު ތެރޭ، 47 މިލިއަން ޑޮލަރު (724 މިލިއަން ރުފިޔާ) އިން 110 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ)ގެ ކުންފުންޏަކަށް ވެފައިވާ ކަމަށް މާލީ ރިޕޯޓްތަކުން ދައްކައިފި އެވެ.
އެ ކުންފުނިން ނެރުނު މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގެ ރިޕޯޓު ދައްކާގޮތުގައި އަހަރު ނިމުނު އިރު އެ ކުންފުނީގައި ނަގުދު ފައިސާގެ ގޮތުގައި 4.8 މިލިއަން ޑޮލަރު އެއްބަހުއްޓެވެ. އަދި 6.4 މިލިއަން ޑޮލަރުގެ ޓީބިލް ފަދަ ޝޯޓް ޓާމް އިންވެސްޓްމަންޓްތައް އެ ކުންފުނީގައި ހުރި އިރު، އެހެން އިންވެސްޓްމަންޓުތަކާއި ހަރުމުދަލުގެ އަގު 98 މިލިއަން ޑޮލަރަށް އަރަ އެވެ.
އެމްޓީޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު އިބްރާހިމް ލަތީފް "މިހާރު" އަށް ވިދާޅުވީ އާ މެނޭޖްމަންޓުން އެ ކުންފުންޏާ ހަވާލުވި އިރު ކުންފުނީގެ ހާލަތު އޮތީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށެވެ. އެ ކުންފުންޏަކީ 100 ޕަސެންޓް ދިވެހި ހިއްސާދާރުން ހިމެނޭ ކުންފުންޏަކަށްވުމުން އަނބުރާ ކޮޅަށް ޖަހަން ކުރި މަސައްކަތް ކާމިޔާބު ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުންފުންޏަށް ލިބޭ ކޮންމެ ކުރިއެރުމަކީ ވެސް އަޅުގަނޑުމެންގެ ހިއްސާދާރުންނަށްވާ ފައިދާއެއް. މިއީ ހުސް ދިވެހި ހިއްސާދާރުން ތިބޭ ކުންފުންޏަކަށްވާއިރު މި ކުންފުނި ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނުމަށް އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތް ވަރަށް ކާމިޔާބު،" ލަތީފް ވިދާޅުވި އެވެ.
އާ މެނޭޖްމަންޓް ހަވާލުވުމުގެ ކުރިން 2018 ވަނަ އަހަރު ނިމުނު އިރު އެ ކުންފުނީގައި ނަގުދު ފައިސާގެ ގޮތުގައި 2.3 މިލިއަން ޑޮލަރު ހުރި އިރު، ހަރު މުދަލުގެ އަގު ހުރީ 44 މިލިއަން ޑޮލަރުގަ އެވެ.
ކުއާޓަލީ ރިޕޯޓުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ވެސް އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ވަނީ 17.5 މިލިއަން ޑޮލަރު (269.8 މިލިއަން ރުފިޔާ) ލިބިފަ އެވެ. އެއީ 2020 ވަނަ އަހަރާ އަޅާ ބަލާއިރު 17.4 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. އެ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 120،017 ޑޮލަރު (1.85 މިލިއަން ރުފިޔާ) އެވެ.
މިދިޔަ އަހަރަކީ އެ ކުންފުންޏަށް ރެކޯޑު އަދަދަކަށް ފައިދާވި އަހަރެއް ކަމަށް އެމްޓީޑީސީން ބުންޏެވެ. ފައިދާ ބޮޑުތަނުން އިތުރުވީ އެ ކުންފުނީގެ ރަށްތަކެއްގެ ލީސް މުއްދަތު އިތުރުކޮށް ބައެއް ރަށްތައް ސްބްލީސް ކުރުމުންނެވެ.
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު "މިހާރު" އަށް ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށެވެ. އެގޮތުން، އެ ކުންފުނީގެ ޕްރޮޕަޓީތައް އިތުރުކޮށް، ކުންފުނީގެ ރަސްމީ އޮފީހެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު ވާނީ އަމިއްލަ އޮފީސް އިމާރާތް ކުރުމަށް ހުޅުމާލެއިން ބިމެއް ވެސް ގަނެފައި. އެތަނުގެ މަސައްކަތް ވަރަށް އަވަހަށް ފަށައި އިރާދަ ކުރެއްވިއްޔާ އަންނަ އަހަރުގެ މެދު ތެރޭ އެތަން ހުޅުވޭނެ،" ތަޒްމީލް ވިދާޅުވި އެވެ.
އެމްޓީޑީސީން ވަނީ 11 އަހަރަށް ފަހު 2020 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ ހިއްސާގެ ފައިދާ ވެސް ބަހަން ފަށައިފި އެވެ. މި އަހަރު ވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބޮޑު އަދަދެއް ބަހާނެ ކަމަށް ތަޒްމީލް ވިދާޅުވި އެވެ.