04 މާޗް 2022 - 06:57

ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސް އިން ރަޝިއާގައި ހިންގަމުން އައި ހުރިހާ ޕްރޮޖެކްޓުތަކާއި އަދި އެ ގައުމުގެ އުފެއްދުންތައް ގަތުން ވެސް އިއްޔެ އެއްކޮށް ހުއްޓާލައިފި އެވެ.
ނެޓްފްލިކްސްގެ އެ ނިންމުން އައިސްފައި ވަނީ ރަޝިއާ އިން މިހާރު ޔުކްރެއިނަށް ދެމުންދާ ހަމަލާތަކާ ގުޅިގެންނެވެ.
އެ ނިންމުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ނެޓްފްލިކްސްގެ ރަޝިއާ ސީރީޒެއް ކަމަށްވާ "ޒާޓޯ" ގެ ޝޫޓިންތައް ވެސް ވަނީ ހުއްޓާލައިފަ އެވެ. އެ ސީރީޒްގެ ބޮޑު ބައެއް ޝޫޓްކޮށް ވަނީ ނިމިފަ އެވެ.
ނެޓްފްލިކްސް އިން ވެސް ވަނީ އެ ޕްލެޓްފޯމުން ރަޝިއާގެ ހަބަރުތައް ގެނެސްދިނުން ވެސް ހުއްޓާލައިފަ އެވެ. އެއީ ރަޝިއާގެ ގާނޫނުން އެ ޕްލެޓްފޯމަށް ލާޒިމްކޮށްފައި އޮތް ކަމެކެވެ.
ރަޝިއާ އިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ވަރަށް ގިނަ މަޝްހޫރު ކުންފުނިތަކުން ވަނީ އެ ގައުމަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ފޭސްބުކާއި ޓުވިޓާ އެޕަލް ފަދަ ކުންފުނިތަކުން ވެސް ވަނީ އެ ގައުމަށް ދަތިކޮށްފަ އެވެ.