ކްރިމިނަލް ކޯޓަށް މި އަހަރު ހުށަހެޅި މައްސަލަތައް އިތުރުވެއްޖެ
ކްރިމިނަލް ކޯޓަށް މި އަހަރު ހުށަހެޅި މައްސަލަތައް އިތުރުވެއްޖެ

ކްރިމިނަލް ކޯޓަށް މި އަހަރު ހުށަހެޅި މައްސަލަތަކުގެ އަދަދު މިދިޔަ އަހަރާ އަޅައިބަލާއިރު ގާތްގަނޑަކަށް ދެ ގުނަ އިތުރުވެފައިވާ ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.

ކޯޓުން އާއްމު ކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން އެ ކޯޓަށް 1563 މައްސަލަ ހުށަހަޅާފައިވެ އެވެ. މިއީ، މިދިޔަ އަހަރު ހުށަހެޅި ޖުމްލަ 806 މައްސަލައާ އަޅައިބަލާއިރު 757 މައްސަލައިގެ އިތުރުވުމެކެވެ.

މި އަހަރު އެންމެ ގިނަ މައްސަލަތައް ހުށަހެޅީ އަހަރުގެ ފަހު ތިން މަހުގެ ތެރޭގަ އެވެ. އޮކްޓޯބަރު މަހުން ފެށިގެން މި މަހުގެ މިހާތަނަށް 210 މައްސަލަ ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުގައިވެ އެވެ. އިސްލާހު ކުރަން އަނބުރާ ޕީޖީ އޮފީހަށް ފޮނުވި މައްސަލަތަކުގެ އިތުރުން އެހެން ހުރިހާ މައްސަލަތައް މިހާރު ކޯޓަށް ބަލައިގެންފައިވާ ކަމަށް ކޯޓުން ބުންޏެވެ.

ކޯޓުން ބުނި ގޮތުގައި މި އަހަރު ހުށަހެޅި ގިނަ މައްސަލަތަކަކީ މުޅިން އަލަށް ހުށަހެޅި މައްސަލަތަކެވެ. އަދި ގިނަ މައްސަލަތަކަކީ މި އަހަރު ހިނގާފައިވާ ހާދިސާތަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތައް ނޫން ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުންޏެވެ.