އަބްރަމޮވިޗާ އެކު ޗެލްސީގެ ޗެއާމަން އާއި އެމްޑީ ވެސް ގެއްލިދާނެ: ރިޕޯޓް
އަބްރަމޮވިޗާ އެކު ޗެލްސީގެ ޗެއާމަން އާއި އެމްޑީ ވެސް ގެއްލިދާނެ: ރިޕޯޓް

ލަންޑަން (މާޗް 4) - ރަޝިއާ އާއި ޔޫކްރޭންގެ ހަނގުރާމައިިގެ ސަބަބުން ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް ޗެލްސީ ވިއްކާލުމުގެ މަސައްކަތް ފަށާފައިވާއިރު، ޗެލްސީގެ ޗެއާމަން ބްރޫސް ބަކް އާއި މެނޭޖިން ޑިރެންޓަރު މަރީނާ ގްރަނޮވްސްކައިއާ ވެސް ޗެލްސީއަށް ގެއްލިދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އެމެރިކާގެ ލޯޔަރު ބްރޫސް ބަކް ޗެލްސީގެ ޗެއާމަންކަމުގެ މަގާމާ ހަވާލުވީ 2004 ވަނަ އަހަރުގެ މާޗު މަހު އެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު އަބްރަމޮވިޗް އެ ކުލަބުގެ ހިންގުން، ކުލަބުގެ ފައުންޑޭޝަނުގެ ޓްރަސްޓީންނާ ހަވާލު ކުރިއިރު، އެ ހަ ޓްރަސްޓީގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ.

ބަކް ވަނީ ޗެލްސީގެ ކުރީގެ ތަރިންނަށް އެ ކުޅުންތެރިން ފުޓުބޯޅައިންް ރިޓަޔާ ކުރުމުން ވެސް އެކި އެހީތައް ފޯރުކޮށްދޭން ކުލަބުގެ 'ޕާސްޓް ޕްލެއާސް ޓްރަސްޓް' އުފައްދައިފަ އެވެ. މީގެ އިތުރުން އޭނާ އަކީ އިނގިރޭސި ވިލާތުގެ އެންމެ ހައި ޕްރޮފައިލް ދެ ލޯޔަރުންގެ ތެރޭގައި 2009 ވަނަ އަހަރު ރޭޓް ކުރެވުނު ލޯޔަރެކެވެ.

ފުޓްބޯޅައިގެ އެންމެ ބާރުގަދަ އަންހެނުންގެ ލިސްޓުގައި ފާހަގަ ކޮށްލެވޭ މަރީނާ 2013 ވަނަ އަހަރު ޗެލްސީގެ ބޯޑާ ގުޅުމުގެ ކުރިން އޭނާ ވަނީ ރޯމަން އަބްރަމޮވިޗުގެ ޗީފް އެސިސްޓެންޓެއްގެ ގޮތުގައި ދިގު މުއްދަތަކަށް މަސައްކަތް ކޮށްފަ އެވެ.

މަރީނާ ވަނީ 2016 ވަނަ އަހަރު އިނގިރޭސި ފުޓުބޯޅައިގެ ރެކޯޑް ފީއަކަށް ނައިކީއާ އެކު ޗެލްސީގެ ކިޓްތައް އުފައްދަން ހަވާލު ކޮށްފަ އެވެ. ނައިކީއާ އެކު އަހަރަކަށް 60 މިލިއަން ޕައުންޑުގެ އެއްބަސްވުމެއް ހަދާފައި ވަނީ 2032 އާ ހަމައަށެވެ. އަދި މިދިޔަ އަހަރުގެ ގޯލްޑަން ބޯއީ އެވޯޑްސްގައި ޔޫރަޕްގެ ފުޓްބޯޅައިގެ އެންމެ މޮޅު ކްލަބް ޑިރެކްޓަރުގެ މަގާމު ވެސް މަރީނާ އަށް ވަނީ ލިބިފަ އެވެ.

ރަޝިއާގެ ވެރިންނާއި އަބްރަމޮވިޗާ ދެމެދު ގާތް ގުޅުމެއް އޮންނަ ކަމަށް ރިޕޯޓް ކޮށްފައި ވުމަކީ ބައެއް އިންވެސްޓަރުން ޗެލްސީއާ ދެމެދު މުއާމަލާތް ކުރަން ނުރުހިދާނެ ކަމެކެވެ. ނަމަވެސް އޭނާ ވަނީ ތިން ބިލިއަނެއްހާ ޕައުންޑަށް ޗެލްސީ ވިއްކާލަން ނިންމައިފަ އެވެ.