ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން ހަތަރު ކުންފުންޏަކުން ބީލަން ހުށަހަޅައިފި
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން ހަތަރު ކުންފުންޏަކުން ބީލަން ހުށަހަޅައިފި

ހދ. ހަނިމާދޫ އިންޓަނޭޝަން ޓާމިނަލް ތަރައްގީ ކުރަން ހަތަރު ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށް، ބީލަން ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ އެއާޕޯޓް ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހަޅަން ހުޅުވާލި ފުރުސަތު މިއަދަށް ވަނީ ހަމަވެފަ އެވެ. މި ފުރުސަތުގައި ހަތަރު ކުންފުންޏަކުން ބީލަން ހުށަހެޅި ކަމަށް މިނިސްޓްރީން ބުނި ނަމަވެސް އެއީ ކޮން ކުންފުނިތަކެއް ހާމައެއް ނުކުރެ އެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން ހަމަޖެހިފައިވަނީ އެއާބަސް 320 އާއި ބޮއިން 737 މަރުކާގެ ބޯޓުތަކަށް ހިދުމަތް ދެވޭ ގޮތަށެވެ. އެހެންވެ، 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް ހަދަން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރުމަށް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮޖެކްޓް ނިމުމުން، މެދުއިރުމައްޗާއި، ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދުއަށް އޮޕަރޭޓް ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ހަނިމާދޫ އެއާޕޯޓް ބޮޑު ކުރަން ބީލަމަށް ހުޅުވާލީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ. މިއީ އިންޑިއާ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ ޕްރޮޖެކްޓަކަށްވުމުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ އިންޑިއަން އެގްޒިމް ބޭންކުގެ ފަރާތުން ޝޯޓް ލިސްޓްކޮށްފައިވާ ފަރާތްތަކަށެވެ.

މިއީ ރާއްޖޭގެ އުތުރުގައި އިގްތިސާދީ މައި ހަބެއް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދެވޭ މުހިއްމު މަޝްރޫއެކެވެ. އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މި އަހަރުގެ މެދު ތެރޭގައި ފެށޭނެ އެވެ.