03 މާޗް 2022 - 18:25

ފިހާރައަކަށް އެކި ދުވަސްތައް މަތިން ވަގު ސްލިޕް ފޮނުވައިގެން އެއް ލައްކައަށްވުރެ ގިނަ ރުފިޔާގެ މުދާ ނެގި މައްސަލައެއްގައި އިއްޔެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ ހުޅުމާލޭގެ ފިހާރައަކުން މިދިޔަ ޖެނުއަރީ މަހުގެ އެކި ދުވަސްތަކުގައި ވަގު ސްލިޕް ފޮނުވި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.
ވަގު ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން އެ ފިހާރައިން ނެގި ތަކެތީގެ ތެރެއިން އަށްޑިހަ ހާހަށްވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
އެ މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.