އެމްޑީޕީ ޗެއާޕާސަންކަމަށް މެމްބަރު އަސްލަމްގެ ތާއީދު ފައްޔާޒަށް
އެމްޑީޕީ ޗެއާޕާސަންކަމަށް މެމްބަރު އަސްލަމްގެ ތާއީދު ފައްޔާޒަށް

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ގެނައުމަށް އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ތާއިދުކުރައްވައިފި އެވެ.

އަންނަ މަހުގެ 16 ގައި ބާއްވާ ވާދަވެރިކަން ބޮޑު އިންތިހާބުގައި ފައްޔާޒާއެކު ދެން ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ކުރިން ހިމެނިވަޑައިގެންނެވި އަސްލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އިތުރަށް ހަރުދަނާކޮށް ކާމިޔާބުކުރުމަށް، ޗެއާޕާސަންގެ މަގާމަށް ފައްޔާޒު ގެނައުމަށް ތާއިދުކުރަން ނިންމަވާފައިވާ ކަމަށެވެ.

އޭނާއަކީ، ސިޔާސީ ގޮތުން ރަނގަޅު އަދި އަވަސް ނިންމުންތައް ނިންމަވައި ގޮތުގައި ހުންނެވި، އަމިއްލަ އުސޫލުތަކުގައި ހިފަހައްޓަވާ ބޭފުޅެއް ކަމަށް، ފައްޔާޒާއެކު ނަންގަވާފައިވާ ފޮޓޯއަކާއެކު ކުރެއްވި ޓްވީޓުގައި އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ އެންމެ ދުވަސްވީ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަސްލަމް، ފައްޔާޒަށް ތާއިދުކުރައްވަން ނިންމެވިއިރު، އިންތިހާބުގައި ވާދަކުރައްވާ ދެ ބޭފުޅުންގެ ކެމްޕެއިނަށް މިއަދު ވަނީ އައްޑުއަށް ވަޑައިގެންފަ އެވެ. ނަމަވެސް އަސްލަމް މި ވަގުތު ހުންނެވީ މަޖިލީހުގެ ރަސްމީ ދަތުރެއްގައި އެމެރިކާގަ އެވެ.

އައްޑު އަކީ މާލެ ފިޔަވައި އެމްޑީޕީގެ އެންމެ ގިނަ ސަޕޯޓަރުން ތިބި ތަނެވެ.

މަޖިލީހުގައި އައްޑޫގެ ދާއިރާތައް ތަމްސީލްކުރައްވާ ހަތް މެމްބަރުން ތިއްބެވިއިރު، އޭގެ ތެރެއިން ގިނަ ބޭފުޅުން ތާއިދުކުރައްވަނީ ފައްޔާޒަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެމްބަރުން ތިބީ ފައްޔާޒާ އެކުގަ އެވެ. އަދި ނަޝީދާއި އެ މަނިކުފާނުގެ އަރިސް މެމްބަރުން ތާއީދު ކުރައްވަނީ އިންތި އަށެވެ.

ޗެއާޕާސަންގެ އިންތިހާބާއެކު، އެމްޑީޕީގެ ދެ ފެކްޝަން ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެ އަރައިރުންތައް ޕާޓީގެ ގައުމީ މަޖިލީހުގެ ވަސްއެޕް ގްރޫޕާއި މަޖިލީހުގެ ތަޅުމުގައި ވެސް ކޮށްފައި ވެ އެވެ.

އެގޮތުން، އިންތިއަށް ތާއިދުކުރައްވާ މެމްބަރުން މި ސަރުކާރަށް ކޮރަޕްޝަނާއި ނާއިންސާފުގެ ތުހުމަތުކުރާއިރު، ފައްޔާޒާއެކު ތިއްބެވި މެމްބަރުން ވަނީ، އިދިކޮޅު ޕާޓީއެއްގެ ދައުރު ވެރިކަން ކުރާ ޕާޓީގެ ބައެއް މެމްބަރުން އަދާކުރާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.