20 ޑިސެމްބަރ 2016 - 13:28

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އޮބްޒާވަރުންނަށާއި މޮނީޓަރުންނަށް ވުމަށް ފޯމު ހުށަހެޅުމުގައި އިލެކްޝަންސް ކޮމިޝަނުން ހުރަސް އެޅި ކަމަށް އެމްޑީޕީން ބުނާ ވާހަކަ ދޮގުކޮށް، ފޯމު ހުށަހެޅުމަށް ދިން މުއްދަތު އިތުރު ވެސް ކޮށްދީފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އެމްޑީޕީން ކުރިން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުގައިވާ ގޮތަށް ކެންޑިޑޭޓުންގެ ފަރާތުން ނުވަތަ ޕާޓީތަކުގެ ފަރާތުން އޮބްޒާވަރުންނާއި މަންދޫބުން ކަނޑައެޅުމަށް ދިން މުއްދަތު މިދިޔަ ބުދަ ދުވަހު ހަމަވި އިރު އިލެކްޝަންސް ކޮމިޝަނުން އެކިއެކި އުކުޅުތަކާއި ހީލަތްތައް ބޭނުންކޮށްގެން އެ ފުރުސަތަށް ހުރަސް އަޅާފައިވާ ކަމަށެވެ.
އެގޮތުން އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވުމަށް ފޯމު ހުށަހަޅަން ޖެހެނީ އިންޓަނެޓްގެ ޒަރީއާ އިން ނަމަވެސް މުއްދަތު ހަމަވާން ކައިރި ވި އިރު ވެސް އީސީގެ ސާވާތައް ބިޒީވެ، އެކަމަށް ހުރަސްތައް ކުރިމަތިވި ކަމަށް ބުންޏެވެ. އަދި އެ ކޮމިޝަނުގައި ޝަކުވާ ކުރުމުން، އިންޓަނެޓުން ނޫން ގޮތަކަށް ވެސް ފޯމު ހުށަހެޅިދާނެ ކަމަށް ސިޓީއަކުން ޕާޓީތަކަށް އެންގި ކަމަށާއި އެކަމަކު އެހެން އެންގީ، (ފޯމު ހުށަހެޅުމުގެ) މުއްދަތު ހަމަވަނިކޮށް ހަފުތާ ބަންދާ ދިމާކޮށް ކަމަށް އެމްޑީޕީން ބުންޏެވެ.
އެހެންވެ، އެމްޑީޕީން ހުށަހެޅި ގިނަ ނަންތަކެއް އީސީން ބަލައިނުގަތް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އެކަމަކު އެމްޑީޕީގެ ބަޔާން ދޮގުކޮށް، އެ ކޮމިޝަނުން ބުނީ އިންތިހާބާ ގުޅޭ ގޮތުން ހަފުތާއަކު އެއް ފަހަރު ސިޔާސީ ޕާޓީތަކާ ބައްދަލު ކުރަމުން އަންނަ ކަމަށާއި މި ބައްދަލުވުންތަކުގައި ހުށަހަޅާ ގޮތުގެ މަތިން، އެކި ކަންކަމުގައި އެ ކޮމިޝަނުން ދީފައިވާ މުއްދަތު ގިނަ ފަހަރު އިތުރު ކޮށްދީފައިވާ ކަމަށެވެ.
އަދި އޮބްޒާވަރުންނާއި މަންދޫބުންނަށް ވުމަށް ފޯމު ހުށަހެޅުމުގައި ދަތިތަކެއް ކުރިމަތިވާކަން އެމްޑީޕީން ފާހަގަކޮށް، އެ ކޮމިޝަނަށް ސިޓީ ފޮނުވުމުން، އެހެން ގޮތަކަށް ވެސް ފޯމު ހުށަހެޅިދާނެ ކަމަށް ބަޔާންކޮށް، މުއްދަތު ހަމަވުމުގެ ފަސް ދުވަސް ކުރިން އެ ޕާޓީ އަށް އަންގާފައިވާނެ ކަމަށް އީސީން ބުންޏެވެ.
"ރައްޔިތުންނަަށް އޮޅުން އަރާ ގޮތަށް، ނެރެފައިވާ ދޮގު މައުލޫމާތު ހިމެނޭ ނޫސް ބަޔާން މި ކޮމިޝަނުން ކުށްވެރި ކުރަމެވެ. އަދި ލޯކަލް އިންތިހާބު ފަދަ ބޮޑު އިންތިހާބެއް ކުރިމަތި ވެފައިވަނިކޮށް، މީހުންގެ ހިތުގައި ކޮމިޝަނާ މެދު އޮންނަ އިތުބާރު ގެއްލޭ ފަދަ އަމަލެއް ނުހިންގުމަށާއި މި ކޮމިޝަނުގެ ހުރުމަތް ކެނޑޭ ފަދަ ގޮތަކަށް އަމަލު ނުކުރުމަށް އެމްޑީޕީ އަށް އިލްތިމާސް ކުރަމެވެ." އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވެ އެވެ.