ކަރަން އަނެއްކާ ވެސް "ސްޓާ ކިޑް" އެއް ބޮލީވުޑަށް ނެރެދެނީ
ކަރަން އަނެއްކާ ވެސް "ސްޓާ ކިޑް" އެއް ބޮލީވުޑަށް ނެރެދެނީ

ބޮލީވުޑްގެ އެކްޓަރު ސަންޖޭ ކަޕޫރާއި މަހީޕް ކަޕޫރުގެ އަންހެން ދަރިފުޅު ޝަނާޔާ ބޮލީވުޑަށް ނެރޭ ޕްރޮޖެކްޓް އިއްޔެ އިއުލާންކޮށްފި އެވެ.

ޝަނާޔާ ބޮލީވުޑަށް ނެރެނީ ދަރްމާ ޕްރޮޑަކްޝަންގެ ވެރިޔާ ކަރަން ޖޯހަރުގެ ފިލްމަކުންނެވެ. ކަރަން ޖޯހަރަކީ ސްޓާރުންގެ ދަރިން ބޮލީވުޑަށް ނެރުމުގައި އިސް ރޯލެއް އަދާކުރާ މީހެކެވެ.

އަނެއްކާ ވެސް "ސްޓާ ކިޑް" އެއް އޭނާ ބޮލީވުޑަށް ނެރެން ތައްޔާރުވަމުން އަންނައިރު އިއްޔެ ޝަނާޔާ ވަނީ އޭނާގެ ފުރަތަމަ ފިލްމުގެ ޕޯސްޓަރު އިންސްޓަގްރާމް މެދުވެރިކޮށް ސޯޝަލް މީޑިއާ އަށް ދޫކޮށްލައިފަ އެވެ. އަދި "ދަރްމާ ފެމެލީ" އާ ގުޅުމުގެ ފުރުސަތު ލިބުމުން ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް އޭނާ ބުންޏެވެ.

ޝަނާޔާ ބުނީ ފިލްމީ މަސައްކަތްތައް ފަށަން ކެތްމަދުވެފައިވާ ކަމަށެވެ. އަދި މި ވަގުތު ބޭނުމީ އެންމެންގެ ހެޔޮ ދުއާ ކަމަށެވެ. ޝަނާޔާ އެ ފިލްމުގައި ފެންނާނީ ނިމްރިތުގެ ރޯލުންނެވެ.

"ބޭދަޅަކް" ޑައިރެކްޓްކުރާނީ ޝަޝަންކް ކައިތާން އެވެ.

އެ ފިލްމުގައި ޝަނާޔާއާ އެކު ދެން ފެންނާނީ ލަކްޝް ލަލްވާނީ އެވެ. އޭނާ އަކީ ސޮނީ ޓީވީން ދެއްކި ޕޯރަސް އިން މަޝްހޫރުވި ފަންނާނެކެވެ. އޭނާ މި ފިލްމުގައި ފެންނާނީ ކަރަންގެ ރޯލުންނެވެ. އަދި އެ ފިލްމުން ފެންނާނެ ދެ ވަނަ އެކްޓަރަކީ ގުރްފަތޭ ސިންގް ފިރްޒާދާ އެވެ. އޭނާ އަކީ ވެސް އާ އެކްޓަރެކެވެ.

މިއީ ތިނެސްކަން ލޯބީގެ ކަންތައްގަނޑެއް ދައްކާނެ ފިލްމެއް ކަމަށް ބެލެވެ އެވެ. އެކަމަކު މިހާތަނަށް ފިލްމުގެ އެއްވެސް އިތުރު ތަފްސީލެއް ހާމައެއްނުކުރެ އެވެ.