ރަޝިޔާ ސިފައިން ޔޫކްރޭންގެ ޚެރްސޯން ހިފައިފި
ރަޝިޔާ ސިފައިން ޔޫކްރޭންގެ ޚެރްސޯން ހިފައިފި

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން މިހަރު ކުރަމުންދާ ހަނގުރާމައިގައި، ޔޫކްރޭންގެ ދެކުނުގައި އޮންނަ ބަނދަރު ސަހަރެއް ކަމަށްވާ ޚެރްސޯން ހިފައިފި ކަމަށް އެ ސަހަރުގެ މޭޔަރު ވިދާޅުވެއްޖެ އެވެ.

ކަޅު ކަނޑާ ގުޅިފައި އޮންނަ މި ސަހަރުގެ އެންމެ އެތެރޭގައި ރަޝިޔާ ސިފައިން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެ ސަހަރުގެ މޭޔަރު އީގޯރް ކޮލީޚައޭވް ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިން އެ ސަހަރުގެ މެދުތެރެ އަށް ފުރިހަމަ ބާރާ އެކުގައި ވަދެ، ސިޓީ ކައުންސިލްގެ އިމާރާތް ހިފައި، މިހާރު ވަނީ އާންމުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށި ހަނގުރާމައިގައި، ކްރީމިއާގެ ތެރެއިން ޔޫކްރޭނަށް އަރައިގަތް ރަޝިޔާ ސިފައިންގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒުކުރި އެއް ސަރަހައްދަކީ ޚެރްސޯން އެވެ. އެ ސަހަރަށް ވަރުގަދަ ހަމަލާތަކެއް ދޭތާ ހަފުތާއެއް ފަހުން ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ދިޔައިރު، ކައިރީގައި ހުރި އެހެން ސަހަރުތަކަށް ވެސް ރަޝިޔާ ސިފައިން މިހާރު ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

ގާތްގަނޑަކަށް 280,000 މީހުންގެ އާބާދީއެއް އޮންނަ ޚެރްސޯން ސަހަރުގައި މިހާރު ޔޫކްރޭން ސިފައިން ނެތް ކަމަށް އެ ސަހަރުގެ މޭޔަރު ފޭސްބުކްގައި ލިޔުއްވި ލިޔުމެއްގައިވެ އެވެ. އެހެންކަމުން އާންމުން ދިރިއުޅޭ އިމާރާތްތަކަށް ހަމަލާ ނުދިނުމަށް ރަޝިޔާ ސިފައިންނަށް އޭނާ ގޮވައިލެއްވި އެވެ.

މޭޔަރު އެ ސަހަރުގެ ރައްޔިތުންނަށް ގޮވާލައްވާފައިވަނީ، އިމާރާތްތަކުގައި ޔޫކްރޭންގެ ދިދަ ނަގައިގެން ތިބުމަށާއި ރަޝިޔާ ސިފައިން އަންގާ އެންގުންތަކާ އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަށެވެ. ރަޝިޔާ ސިފައިން މިހާރު އަންގާފައިވަނީ ރޭގަނޑު 8:00 އިން ފެށިގެން ހެނދުނު 6:00 އާ ދެމެދު އެއްވެސް މީހަކު ބޭރަށް ނުނުކުތުމަށެވެ.

އޭގެ އިތުރުން ދުވާލުގެ ވަގުތުގައި ވެސް ގެއިން ބޭރަށް ނުކުންނަ ނަމަ، ދެ މީހުންނަށް ވުރެ ގިނަ މީހުން އެއްތަންވެ ނޫޅުމަށާއި ދެ މީހުންނަށް ވުރެ ގިނަ މީހުން އެއްވެސް މަގެއްގެ މަތިން ހިނގާފައި ނުދިއުމަށެވެ. އެއްގަމު އުޅަނދުފަހަރު ދުއްވޭނީ ބަލިމީހުންނާއި ކާބޯތަކެއްޗާއި ބޭހައި އެ ނޫން ޒަރޫރީ އެއްޗެހި އުފުލުމަށް ކަމަށާއި އެފަދަ ހާލަތެއްގައި ވެސް، އާދައިގެ ވަރަކަށް އެންމެ މަޑަކުން އުޅަނދުފަހަރު ދުއްވުމަށް ވަނީ އަންގައިފަ އެވެ.

ޔޫކްރޭން ހަމަލާގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން އެންމެ ވަރުގަދަ ހަމަލާތަކެއް ދެމުން ދަނީ، އެ ގައުމުގެ ދެ ވަނަ އަށް އެންމެ ބޮޑު ސަހަރު ކަމަށްވާ ޚަރްކީވް އަށެވެ. އެ ސަހަރަށް ބޮމާއި މިސައިލާއި ރޮކެޓުން ހަމަލާތައް ދެމުންދާ ކަމަށް އެ ސަހަރުގެ މޭޔަރު ވިދާޅުވެ އެވެ.