ފައްޔާޒަށް ކުރާ ތުހުމަތު ދިފާއުކުރުން ނަޝީދަށް ކަމުނުދިޔަ
ފައްޔާޒަށް ކުރާ ތުހުމަތު ދިފާއުކުރުން ނަޝީދަށް ކަމުނުދިޔަ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ނުފޫޒު ފޯރުވާ ކަމަށް ކުރާ ތުހުމަތުތައް އޭނާގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު (އިބްރޭ) ދިފާއު ކުރެއްވުމުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ފައްޔާޒް އާ ވާދަ ކުރައްވައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ކެމްޕެއިން ޓީމުން އަންނަނީ އިންތިހާބާ ދިމާކޮށް ސަރުކާރުން އެމްޑީޕީގެ މެމްބަރުންނަށް ވަޒީފާގެ ބިރު ދައްކައި މީހުން ވަޒީފާ އިން ވަކިކުރަމުންދާ ކަމަށް ތުހުމަތު ކުރަމުންނެވެ.

އެ މައްސަލަ ރޭ އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސެޕް ގްރޫޕުގައި ވެސް ވަނީ ހޫނުވެފަ އެވެ.

ފައްޔާޒަށް ކުރާ ތުހުމަތުތައް ދިފާއު ކުރައްވަމުން އެ ގްރޫޕްގައި އިބްރޭ ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީ ތެރޭގައި ވެސް ފައްޔާޒާ ދެކޮޅަށް ކެމްޕެއިން ކުރާ މީހުން ތިބި ކަމަށެވެ. އެ މީހުންނަށް ފައްޔާޒް ބިރު ދައްކާފައިވޭތޯ އިބްރޭ ސުވާލު ކުރި އެވެ. އަދި އެމްޑީޕީ މެމްބަރުންނަށް ވަޒީފާގެ ބިރު ނުދެއްކޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީގެ މީހުންނެއް ވަޒީފާގެ ބިރަކަށް އެ މީހުންގެ ވިސްނުން ބަދަލު ނުކުރާނެ ކަން ޔަގީން،" އިބްރޭ ވިދާޅުވި އެވެ.

އިބްރޭ އަށް ރައްދު ދެއްވަމުން އެ ގުރޫޕްގައި ނަޝީދު ވަނީ އެމަނިކުފާނު ވެސް ހިތު ހުރިހާ އެއްޗެއް ގޮވަމުން ނިކުންނަންވީތޯ ސުވާލު ކުރައްވައިފަ އެވެ.

"އަދި ކަމެއް ކުރިޔަސް އަޅުގަނޑުމެން ވެސް އެބަތިބިކަން ބަލާ ނުލަނީބާ. މީހެއްގެ ވިއްޔާ ގޮތެއް ހުންނަން ވާނެ ކަމަށް ހީކުރީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަ އާ ގުޅިގެން އެ ގްރޫޕަށް ފޮނުވި ދިގު މެސެޖެއްގައި އިބްރޭ ވިދާޅުވީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ދަސްކޮށްދެއްވީ ނަޝީދު ކަމަށާއި މިއަދު ވެސް އިންތިހާބެއްގައި ނަޝީދު ވާދަ ކުރައްވައިފި ނަމަ ކެމްޕެއިން ކުރާނީ އަދި ވޯޓު ލާނީ ވެސް އެމަނިކުފާނަށް ކަމަށެވެ.

ނަމަވެސް 2017 ވަނަ އަހަރު އިބްރޭ އެމްޑީޕީގެ ޕާޓީގެ އިންތިހާބެއްގައި ވާދަ ކުރުމުން "އަސްލު އެމްޑީޕީ" ޓީމުން އޭނާ "ކޮށާލައި" އެންޓި ކެމްޕެއިން ކުރި ކަމަށް އިބްރޭ ވިދާޅުވި އެވެ. އަދި އެ ދުވަހު އޭނާގެ ދިފާގުގައި ނިކުންނެވީ ފައްޔާޒް އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ކަމަށާއި އޭނާ އެކަން އޭނާ ދަންނާނެ ކަމަށް އިބްރޭ ވިދާޅުވި އެވެ.

"އަޅުގަނޑަކީ މި ސަރުކާރާ އެކީ ހުރި މީހެއް ވެސް ނޫން. ނަމަވެސް ފަރުދީ ގޮތުން އަޅުގަނޑު ބޭނުންވާ މީހާ އަށް ތާއީދު ކޮށްގެން މަނިކުފާނު އަޅުގަނޑު ދެކެ ރުޅި ނާންނާނެ ކަން ޔަގީން ކުރަން،" އިބްރޭ ވިދާޅުވި އެވެ.

އޭޕްރިލް 16 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެމްބަރުން ތިބީ ފައްޔާޒާ އެކުގަ އެވެ. އަދި ނަޝީދާއި އެމަނިކުފާނުގެ އަރިސް މެމްބަރުން ތާއީދު ކުރައްވަނީ އިންތި އަށެވެ.

އެމްޑީޕީގެ ތެރޭގައި ވާދަވެރިކަން ބޮޑުވެފައިވާ އިރު ނުފޫޒު ފޯރުވުމުގެ ތުހުމަތުތައް ފެށުނީ ރ. ދުވާފަރު ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ އެމްޑީޕީގެ މެމްބަރަކު ވަކި ކުރަން ރައީސް ނިންމެވި ހިސާބުންނެވެ.

ނަމަވެސް ރައީސް އޮފީހުން ވަނީ އެއީ އިންތިހާބާ ދިމާކޮށް ކުރި ކަމެއް ނޫން ކަމަށް ބުނެފަ އެވެ.