ޓެނިސް ކުޅުންތެރިޔާ އެލީނާގެ ހުރިހާ ފައިސާގެ އިނާމެއް ޔުކްރެއިންގެ އަސްކަރިއްޔާ އަށް
ޓެނިސް ކުޅުންތެރިޔާ އެލީނާގެ ހުރިހާ ފައިސާގެ އިނާމެއް ޔުކްރެއިންގެ އަސްކަރިއްޔާ އަށް

މިހާރު ކުރިއަށްދާ އަންހެނުންގެ އިންޓަނޭޝަނަލް ޓެނިސް މުބާރާތް ކަމަށްވާ "މޮންޓެރީ އޯޕެން" ގައި ޔުކްރެއިންގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އެލީނާ ސްވިޓޮލިނާ އަށް ލިބޭ ހުރިހާ ފައިސާގެ އިނާމެއް އެ ގައުމުގެ އަސްކަރިއްޔާ އަށް ހަދިޔާކުރަން އޭނާ ނިންމައިފި އެވެ.

ދުނިޔޭގެ ރޭންކިންގައި 15 ވަނާގައި ހިމެނޭ 27 އަހަރުގެ އެލީނާ ބުނި ގޮތުގައި ރަޝީއާ އިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، އެ މުބާރާތުގައި ވާދަކުރާ ރަޝިއާ އާއި ބެލަރޫސްގެ ކުޅުންތެރިންނާ ދެކޮޅަށް އޭނާ ނުކުޅެން ވެސް ވަނީ ނިންމައިފަ އެވެ.

ހަނގުރާމައާ ގުޅިގެން ރަޝިއާ މިހާރު ވަނީ އެ މުބާރާތުން ބާކީ ވެސް ކޮށްފަ އެވެ. ރަޝީއާ އަށް ބައިވެރިނުވެވޭ ގޮތް ހެދުމުން، އެ ގައުމުގެ ކުޅުންތެރިން ފަހުން އެ މުބާރާތުގައި ކުޅެފައި ވަނީ ގައުމު ރަމްޒުނުކޮށްދީ، މިނިވަން ކުޅުންތެރިންގެ ގޮތުގަ އެވެ.

އެލީނާގެ އެ ނިންމުމަށް ފަހު، މިދިޔަ އަންގާރަ ދުވަހު އެލީނާ ވަނީ އެ މުބާރާތުގައި ރަޝިއާގެ ކުޅުންތެރިއަކާ ދެކޮޅަށް ކުޅެ، މޮޅުވެފަ އެވެ.

"މިއީ އަހަންނަށް ވަރަށް، ވަރަށް ހާއްސަ އިވެންޓެއް. މި މުބާރާތުން ލިބޭ ހުރިހާ ފައިސާގެ އިނާމެއް އަހަރެން ހަދިޔާކުރީ ޔުކްރެއިންގެ އަސްކަރިއްޔާ އަށް،" އެލީނާ ބުންޏެވެ.

އެލީނާ އަކީ 2020 ވަނަ އަހަރު "މޮންޓެރީ އޯޕެން" ޗެމްޕިއަން ވެސް މެ އެވެ. އެ މުބާރާތުގެ ދެ ވަނަ ބުރުގައި އޭނާ ދެން އެންމެ އަވަހަށް ވާދަކުރާނީ ބަލްގޭރިއާގެ ކުޅުންތެރިޔަކާ އެވެ. އެ މުބާރާތުގެ އެއް ވަނަ އަށް ދާ ކުޅުންތެރިއަކަށް 31،000 ޑޮލަރު ލިބޭނެ އެވެ.