ފަހަރިކޮއްކޮއާ ބެހިފައި ސަލާމަތްވި މީހަކު ހައި ކޯޓުން 15 އަހަރަށް ޖަލަށް
ފަހަރިކޮއްކޮއާ ބެހިފައި ސަލާމަތްވި މީހަކު ހައި ކޯޓުން 15 އަހަރަށް ޖަލަށް

އަނބިމީހާގެ 15 އަހަރުގެ އަންހެން ކޮއްކޮއަށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާ ލިބުނު މީހެއްގެ މައްޗަށް މެޖިސްޓްރޭޓް ކޯޓަކުން ސާބިތު ނުވި ހުކުމެއް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ދަށު ކޯޓުގެ ނިންމުން ބާތިލްކޮށް އެ މީހާ 15 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

ރަށެއްގައި 2018 ވަނަ އަހަރު ހިންގި މި އަމަލާ ގުޅިގެން، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު ކުއްޖާއާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުން ކުށްވެރިވެ ޖަލަށް ލާފައިވަނީ އަބްދުﷲ ސާލިމް ކިޔާ މީހެކެވެ. ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީ ކުއްޖާގެ އައިޑެންޓިޓީ ހާމަވެދާނެ މައުލޫމާތު ކޯޓުން ވަނީ ސިއްރުކޮށްފަ އެވެ.

ސާލިމްގެ މައްޗަށް 2019 ވަނަ އަހަރު ދައުވާކޮށްފައިވަނީ އޭރު އޭނާ ކައިވެނިކޮށްގެން އުޅުނު މީހާގެ ކޮއްކޮ ގޮވައިގެން ސައިކަލް ދުއްވަން ގޮސް، ކުއްޖާގެ ގައިގައި ބައްދައި، ޖިންސީ ނިޔަތެއްގައި ދޮން ދިން ކަމަށް ބުނެ އެވެ.

ޖިންސީ ގޯނާ ލިބުނު ކުއްޖާ މި ވާހަކަތައް އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ އާއި ބޭބެގެ އަނބިމީހާ އާއި ބޭބެގެ 17 އަހަރުގެ އަންހެން ދަރިފުޅަށް ކިޔައިދީފައިވެ އެވެ. އެހެންވެ މި މީހުން ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައި ވާއިރު ދައުވާ ލިބުނު މީހާ ކުޑަކުއްޖާ އަށް ވައިބައިން ފޮނުވާފައިވާ މެސެޖުތަކެއް ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. އެކަމަކު މެޖިސްޓްރޭޓް ކޯޓުގައި ހިންގި ޝަރީއަތުގައި ސާލިމް ވަނީ ދައުވާގައި އެ ބުނާ އަމަލު ކުރި ކަމަށް އިންކާރުކޮށްފަ އެވެ. އެހެންވެ ހުކުމްކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގައި ބުނާ މިންވަރަށް ހެކި ނެތް ކަމަށް ބުނެ ކުށް ސާބިތުނުވާ ކަމަށެވެ.

މީގެ އިތުރުން، ސާލިމް އެ އަމަލު ހިންގީ 2018 ވަނަ އަހަރުގެ މެއި މަހު ކަމަށް ވެފައި އެ ވާހަކަ މީހުން ގާތު ކުއްޖާ ދެއްކީ އަނެއް އަހަރުގެ ޖެނުއަރީ މަހު ކަމަށް ވާތީ އެހާ ދުވަހު މިކަން މައްސަލައަކަށް ނުވެ އޮތް ކަމަށާއި ކުއްޖާ އެ ވާހަކަ ދެއްކުމުން ވެސް ކަމާބެހޭ ފަރާތަށް ރިޕޯޓް ނުކޮށް ވެސް މަސް ދުވަސް ހޭދަވި ކަމަށް މެޖިސްޓްރޭޓް ކޯޓުން ސާލިމާ އެއްކޮޅަށް ކުރި ހުކުމުގައިވެ އެވެ. ކުއްޖާ އެ ވާހަކަ ދެއްކިޔާ ނުދޭން ސާލިމް ބިރު ދެއްކިކަން އެނގެން ނެތް ކަމަށާއި ކުއްޖާގެ ދައްތަގެ ކައިވެނި ރޫޅިދާނެތީ ކުއްޖާ އެ ވާހަކަ ނުދައްކާ ހުރީކަން އެނގެން އޮންނަ ކަމަށާއި ދައްތަ އާއި ސާލިމްގެ ކައިވެންޏަށް އާއިލާ ނުރުހޭތީ ބަދަލު ހިފަން ޖެއްސި މައްސަލައެއް ކަމަށް ބުރަވެވޭ ކަމަށް ވެސް މެޖިސްޓްރޭޓް ކޯޓުގެ ހުކުމުގައި އޮތެވެ. ސާލިމް ފޮނުވާފައި ހުރި މެސެޖުތަކަކީ ވެސް މާ ފަހުން ފޮނުވާފައި ހުރި މެސެޖު ކަމަށާއި އެއާ ސާލިމާ ގުޅުވާނުލެވޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

މި ހުކުމާ އެކު ސާލިމް މިނިވަންވެ ދޫވެފައި ހުއްޓާ ދައުލަތުން ހުކުމް އިސްތިއުނާފު ކުރުމުން ބެލި މައްސަލާގައި އިއްވި ހުކުމުގައި ސުޕްރީމް ކޯޓުގެ ނިންމުމަކާ ހަވާލާދީ ބުނެފައި ވަނީ ކުޑަކުދިިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުކުރުމަކީ އެއް ނަންބަރު އަނެއް ނަންބަރާ އެއްކޮށްގެން ނެރޭ ހިސާބު ނަންބަރެއްގެ ގޮތުގައި ކުރެވޭ ކަމެއް ނޫން ކަމަށެވެ. އަދި ކުށް ސާބިތުކުރުމަށް ވަކި އަދަދަކަށް ހެކި ހާމަކުރުމުގެ ބަދަލުގައި، މައްސަލާގައި ކުއްޖާ ދީފައިވާ ހެކިބަހަކީ އާދަޔާ ހިލާފަށް ގަބޫލުކުރެވޭ ހެކިބަހެއް ނަމަ އޭގެ މައްޗަށް ކުށް ސާބިތުކުރެވޭނެ ކަމަށެވެ.

ދައުވާގައި ބުނާ ކުށް ސާލިމް ކުރި ކަމަށް ކުއްޖާގެ ބަޔާނުންނާއި ސާލިމް އެ ކުއްޖާއަށް ފޮނުވާފައި ހުރި މެސެޖުތަކުން ޝައްކެއް ނެތް މިންވަރަށް އެނގެން އޮންނަ ކަމަށެވެ. އޭގެ ތެރެއިން ޗެޓްލޮގެއްގައި، ހާދިސާ ހިނގި ރޭ ކުރި ކަންތަކުގެ ވާހަކަ ސާލިމް އަމިއްލައަށް ފޮނުވި މެސެޖެއްގައި ވެސް އޮތެވެ. އަދި އެ ވާހަކަ އެހެން މީހުން ގާތު ނުދެއްކުމަށާއި އެ ކުއްޖާ ކޮށްފައިވާ އެހެން ކަންތައްތަކެއް އެނގޭ ކަމަށާއި އެ ކަންތައްތައް ފަޅާއަރުވާލާނެ ކަމަށް ބުނެ އިންޒާރުދީ ބިރު ދައްކާ ގޮތަށް ކޮށްފައިވާ މެސެޖުތަކެއް ވެސް ހުރިކަން ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ކުއްޖާއާ މެދު ހިންގި އަމަލަކީ އާއިލީ ގޮތުން އޮތް ގުޅުމުގެ ތެރެއިން ކުރި ކަމެއް ނޫން ކަމަށާއި އެއީ ޖިންސީ ނިޔަތެއްގައި ކުރި ކަމެއްކަން އެކަން ކޮށްފައިވާ ގޮތާއި ސާލިމްގެ މެސެޖުތަކުން އެނގޭ ކަމަށާއި އެހެންވެ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށް، ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހުސައިން މަޒީދުގެ އިއްތިފާގުން މިދިޔަ މަހުގެ 28 ގައި އިއްވެވި ހުކުމުގައިވެ އެވެ.

ސާލިމްގެ މައްޗަށް ދައުވާކުރި މާއްދާގެ ދަށުން ދެވޭ އެންމެ ބޮޑު އަދަބަކީ 18 އަހަރަށް ޖަލަށް ލުމެވެ. އޭނާގެ މައްޗަށް އިއްވި 15 އަހަރުގެ ހުކުމަކީ އެ މާއްދާގެ ދަށުން ދެވޭ އެންމެ ކުޑަ އަދަބެވެ.

މި ހުކުމް ކުރި އިރު ސާލިމް ހުރީ ބަންދުން ދޫވެފައި ކަމަށް ވާތީ، ހުކުމާ އެކު އޭނާ ހައްޔަރުކޮށް ހުކުމް ތަންފީޒުކުރަން ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރުމަށް ވެސް ހުކުމުގައި ފުލުހުންނަށް އަމުރުކޮށްފައިވެ އެވެ.