03 މާޗް 2022 - 07:32

އެއީ ދޮގެކެވެ. އާނއެކެވެ. އަހަރެން މިޔަށް ފޮނިތޮށިކާފޫރުތޮޅިލީ އެވެ. އެކަމަކު މިލްނާ ޝަފީއުގެ މި ވާހަކައެއް ފެށިގެން ގޮސް ނިމޭއިރު މިކަމަކާ ދެކޮޅެއް ވެސް ނުހަދާނެ އެވެ. ފާޑުފާޑަށް ހިޖާބު އަޅަން ބޭނުންވާ އެންމެނަށް މި އޮތީ 'މިލްނާގެ މިލިއަން ސްޓައިލް' ގެ ވާހަކައެވެ. ސަމާސާ ރާގެއްގައި މިހެން ކިޔަސް، ސަމާސާ އިސްޓައިލްތަކެއް ނޫނެވެ. މީހަކު ކޮސްވެ އާޝޯހުކޮށްލާވަރު އިސްޓައިލްތަކެކެވެ.

އެކަމަކު އޭގެ ކުރިން، މިލްނާ ޝަފީއު ނުވަތަ 'މިލީ' މިއީ ކާކުތޯ އަދި ކޮން ކަމެއް ކުރާ މީހެއްތޯ ބަލައިލަމާ ހިނގާށެވެ. ސަބަބަކީ ހިޖާބުން އަހަރެމެން އެންމެން އަޖާއިބުކުރަން އެނގުނަސް އޭނާގެ ރަސްމީ މޭޒު މުޅިން އެހެން ދާއިރާއެއްގައި ބަހައްޓާފައި ހުރީމަ އެވެ.

ސ. ފޭދޫ އަށް އުފަން، -- މިހެން ބުނީމަ ހިތަށް އަރާނީ ހިޖާބިސްޓުންނާ އެކު ސ. ފޭދޫ އެހެންވީމަ މި އުޅެނީ ވަރަށް ވެސް ކުރީގާތާދޯ އެވެ. މިދިޔަ ހަފުތާއެއްގައި ވެސް އަހަރެމެން 'މިހާރުގެ އިސްޓައިލް ހޮވުމަކަށް' ގެނެސްދިނީ ސ. ފޭދޫގެ ހުނަރުވެރިއެކެވެ. މިފަހަރު ޥެސް ހަމަ އެ ރަށަށް ނިސްބަތްވާ ފިސާރި ކަނބަލެކެވެ.

އުމުރުން 30 އަހަރުގެ މިލްނާ އަކީ އޭސް އޭވިއޭޝަން، އޭސް ޓްރެވަލްސް އަދި އޭސް އޭވިއޭޝަން މޯލްޑިވްސްގެ އެޗްއާރް މެނޭޖަރެކެވެ. އޭސް އޭވިއޭޝަން މޯލްޑިވްސް އަކީ ސްރީ ލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓެވެ.

ރަށުގައި ހުރެގެން އޭލެވެލް ފުރިހަމަކުރުމަށް ފަހު އޭނާ އެންމެ ފުރަތަމަ ބޭނުންވީ މެޑިސިންގެ ދާއިރާއިން ކުރިއަށްދާށެވެ. އެކަމަކު އެޑްވާންސް ނާސިން ފުރިހަމަކޮށް އައިޖީއެމްއެޗުގައި އަށެއްކަ މަސް ދުވަހު މަސައްކަތްކޮށް ލިބުނު ތަޖުރިބާ އަށް ފަހު އޭނާގެ ހިތަށް އެރީ ސިއްހީ ދާއިރާ އަކީ އޭނާ ކުރިއަށް ދާން އެންމެ ރަނގަޅު ދާއިރާއެއް ނޫން ކަމަށެވެ.

އެއަށް ފަހު މަޑުމަޑުން ގޮސް އޭނާ ހަމަޖެހިލީ މިވަގުތު މަސައްކަތްކުރަމުން އަންނަ ދާއިރާގަ އެވެ. ނަމަވެސް ހަގީގަތަކީ މި އެވެ. އޭނާގެ ހިތް އަބަދުވެސް އޮތީ ފެޝަނާއި މޭކަޕާއި ކުލައިގެ ދުނިޔެއަކަށް ގެނބިގެއްލިފަ އެވެެ.

އެ ދުނިޔެ އޭނާ ސިފަކޮށްލަ ދިނީ މިހެންނެވެ.

"އާއިލާ އަކީ ވެސް ވަރަށް މޭކަޕްކޮށް ރީތިވާ ހިތްވާ މީހުން، ރީއްޗަށް ހެދުން އަޅާ ހިތްވާ މީހުން ގިނަ އާއިލާއެއް. ވަކިން ހާއްސަކޮށް އަޅުގަނޑުގެ އާންޓަކީ ވަރަށް މޭކަޕްކޮށް އަބަދުވެސް ރީތިވެލައިގެން ހުންނަ މީހެއް،" މިލީ އެ ދުނިޔެ ސިފަކޮށް ފަރިކުރަމުން ކިޔައިދިނެވެ.

"އަޅުގަނޑު ހަނދާންވޭ އާންޓްގެ ޑްރެސިން ޓޭބަލެއް ހުންނާނެ އޭރު. އެ ޑްރެސިން ޓޭބަލުން މޭކަޕްކޮށް ރިތިވާން ފެށުނީ. އެކަން ހުއްޓުވި މީހަކު ނެތް. އަނެއްކޮޅުން މަންމަ އަކީ ވެސް ވަރަށް ފެޝަނަލަބްލް މީހެއް"
"އަޅުގަނޑު ހަނދާން ހުންނަން ފެށީއްސުރެން މަންމަ އަކީ ވެސް، އަބަދުވެސް މަސްކަރާ، އައިލައިނާ އަދި ލިޕްސްޓިކެއް ގެންގުޅުނު މީހެއް. މަންމަ އަކީ ވަރަށް ބޮޑު އިންސްޕިރޭޝަނެއް."
މިލީ އުޅެ ބޮޑުވީ، ރީތިވާ ހިތްވާ މީހުންގެ، ރީތި މީހުންގެ، މިނިވަން ކުލަ ދުނިޔެއެއްގަ އެވެ. އެހެންވެ މި ފެންނަ ގޮތަށް ރީއްޗަށް އަބަދުވެސް، ހުރިހާ ވަގުތަކުހެން ހެދުން އެޅުމާއި ރީއްޗަށް، އެކި ފާޑުފާޑުގެ ސްޓައިލްތަކަށް ނަލަވެފަރިވުން ވެފައި ވަނީ މިލީގެ 'އެވްރިޑޭ ރޫޓިން' ގެ ތަރުތީބުގައި ހިމެނޭ މުހިންމު ވަނައަކަށެވެ.
އެކަމަކު މިލީ ބުނަނީ އޭނާގެ ލައިފާއި ސްޓައިލް އެއްކޮށް ބަދަލުކޮށްލި އަހަރަކަށްވާނީ 2013 ކަމަށެވެ.
"އަހަރެން ކުރިން ހީކުރަނީ އަހަރެން މިއީ އެއްވެސް ކްރިއޭޓިވިޓީއެއް ނެތް މީހެއް ކަމަށް. އެކަމަކު ބައެއް މީހުން މިހާރު ބުނޭ ފަހަރެއްގައި މިއީއޭ މިލީގެ ކްރިއޭޓިވް ސައިޑަކީ،" ދެ ހާސް ނުވަ ވަނަ އަހަރު ބުރުގާ އެޅުމަށް ފަހު އޭގެ ތިން އަހަރު ފަހުން ހިޖާބީ ފެޝަންގެ ސިލްސިލާއެއް އުފަންކޮށް މިހާރު ކޮންމެ ދުވަހަކުވެސް އެ ސިލްސިލާގެ އެޕިސޯޑެއް ފުރިހަމަކުރަމުން އަންނަ ޒުވާނާ ކިޔައިދިނެވެ.
"އަބަދުވެސް އާ ކަންކަން ދަސްކޮށް ތަޖުރިބާކުރަން ބޭނުންވާ މީހެއް މިލީ އަކީ. އަޅުގަނޑު މިއީ އެއްގޮތަކަށް ވެސް މީހުންގެ ހިޔާލު ހޯދައިގެން ސްޓައިލްތަކަކަށް ހެދުންއަޅައި އުޅޭ މީހެއް ނޫން. އަމިއްލަ އަށް ނިންމަނީ މި ހުރިހާ ސްޓައިލްތަކެއް ވެސް."
އޯކޭ އެވެ. އެންމެ އިންޓްރެސްޓިން ހިސާބަށް މި އާދެވުނީ އެވެ. އެކަމަކު ބައެއް މީހުން ހިތަށް އަރާނީ ހިޖާބެއްގައި ދެން އޮންނާނީ ކޮން އިންޓްރެސްޓިން ސްޓޯރީއެއްތޯ އެވެ. އިންޓްރެސްޓިން ސްޓޯރީ އަކީ އެ ހިޖާބު މިލީގެ ލައިފުގައި އޭނާ ކޮންމެ ދުވަހަކުވެސް އަޅާ ގޮތެވެ.
"މިއީ ހުސް އަޅުގަނޑުގެ އަމިއްލަ ސްޓައިލް. އެކަމަކު އެއްވެސް މީހަކު ގަބޫލެއް ވެސް ނުކުރާނެ އަޅުގަނޑު މިހެން ބުންޏަސް،" މިލީ ބުންޏެވެ.
"އެނގޭތަ އަސްލު މިގޮތަށް ހިޖާބެއް ސްޓައިލްކުރާ ނަމަ އަހަރެންގެ އިމޭޖިނޭޝަންއަށް އެ ސްޓައިލެއް އެންމެ ފުރަތަމަ އަންނާނީ. އެއްވެސް ވަރަކަށް އެހެން މީހުންގެ ހިޖާބު ސްޓައިލްތަކާއި ޓިއުޓޯރިއަލް ވީޑިއޯތަކެއް ނުބަލަން އަޅުގަނޑު. ވަކި މީހަކު ހިޖާބު އަޅާ ގޮތަކަށް ނޫން މިލީ މި އަޅަނީ. ނުވަތަ ސްޓައިލް މިކުރަނީކީ. މިއީ ހަމަ މިލީގެ އަމިއްލަ ސްޓައިލްތަކެއް."
ދެން އަދި އެއަށް ވުރެ ސަޅި ވާހަކައެކެވެ. -- ކޮންމެ އަހަރަކަށް ވަކި ސްޓައިލެކެވެ. ކޮންމެ މުނާސަބަތަކަށް ވަކި ސްޓައިލެކެވެ. ދުވާލަކަށް، ވަރަށް ހާއްސަ ދެ ސްޓައިލެކެވެ.
ޝިފޯން ފޮތީގެ މަޑު، މޮޅި، އޮމާން ކަމުގައި މިލީ ކިޔައިދިނެވެ.
"ހިޖާބު ސްޓައިލްތައް ތަޖުރިބާކުރެވުނު އަދަދެއް ސީދާ ބުނާކަށް ނޭނގޭ. އެކަމަކު 2013 އިން ފެށިގެން ކޮންމެ އަހަރު އަހަރެން ވަކި ހިޖާބު ސްޓައިލްތަކެއް ހުންނާނީ ބޭނުންކޮށްފައި. އެކި މުނާސަބަތުތަކަށް ހަފުލާތަކަށް ހާއްސަވާ ގޮތަށް. އޮފީހަށް ދާން ވެސް ވަކި ސްޓައިލެއް. އިވްނިން ވެއާ ވެސް ތަފާތުވާނެ،" އޭނާ ކިޔައިދެމުންދިޔައެވެ.
"އަހަރެންގެ ޑެއިލީ، އެވްރިޑޭ ލުކްސް އަށް ހަމަ އަމިއްލަ އަށް, އަމިއްލަ ހިޖާބީ ސްޓައިލްތަކެއް ކްރިއޭޓްކޮށް ތަރުތީބުކޮށްފައި ހުންނާނީ ކޮންމެ އަހަރަކު ވެސް. ކޮންމެ އަހަރަކު ވެސް އަހަރެން ހިޖާބު އަޅާ ސްޓައިލް ތަފާތުވާނެ"
"ދުވާލެއްގެ މައްޗަށް ނަމަ، އޮފީހަށް ދާނީ ވަކި ހިޖާބު ސްޓައިލެއްގައި. ދެން ބޭރަށް ދާ ނަމަ އަޅާނީ އަނެއްކާވެސް އެހެން ސްޓައިލެއް. އާންމުކޮށް ދުވާލަކަށް ދެ ހިޖާބާއި ސްޓައިލް"
ދެން މި އަންނަނީ ސީދާ މިގޮތަށް ނުވަތަ "މިލީގެ ސްޓައިލް" ތަކަށް ހިޖާބުއަޅައި މި ތަރުތީބަކަށް ތަރުތީބުވާހިތްވާ ކުދިންނަށް ހާއްސަ ސެގްމަންޓެކެވެ. އާންމުކޮށް، ހިޖާބީއެއްގެ ހިތުގައި އުފެދޭނެ ފުން ސުވާލުތަކަށް ހާއްސަ ބައެކެވެ.
1- މިލީ ތިހާ ސަޅި ހިޖާބު ހޯދަނީ ކޮންތާކުން ހެއްޔެވެ؟
2- އަހަރެންގެ މި ހިޖާބު، އަހަންނަށް ވުރެ ގިނަ ދުވަހަށް، މި އައުކަންމަތީގައި ގެންގުޅޭނީ ކިހިނެއް ހެއްޔެވެ؟
3- މިލީގެ ހިޖާބުގެ ކުލަތައް ޗޫޒްކުރަނީ ކިހިނެތް ހެއްޔެވެ؟
4- ތިގޮތަށް ހިޖާބު އަޅަން އާންމުކޮށް ކިހާ ވަގުތެއް ހޭދަވޭ ހެއްޔެވެ؟
5- ހިޖާބް ޝޮޕިންއެއްގައި އަހަރެން އިސްކަންދޭވީ ކޮން ކޮން ކަންތައްތަކަކަށް ހެއްޔެވެ؟
ހައްތަހާ ވެސް މިކަހަލަ ސުވާލެވެ. އެކަމަކު އަހަރެމެންގެ އަތުގައި އޮތީ ވަރަށް ކުރު ފޮނި ޖަވާބެކެވެ. -- މިލްނާ ޝަފީއުގެ ސްޓައިލެވެ.
"ވަކި ހާއްސަ ބްރޭންޑެއްގެ ހިޖާބުތަކެއް ހޯދާކަށް އަޅުގަނޑު ނޫޅެން ޝޮޕްކުރާއިރަކުން. އަބަދުވެސް ޗޫޒްކުރަނީ ސޮފްޓް ޝިފޯން މެޓީރިއަލްސް. އެކަމަކު ހިޖާބަކަށް ވުރެ ކުރިން އަބަދުވެސް ގޮތް ނިންމަނީ އަޅާނެ ހެދުމާއެކު. އެއަށް ފަހު ހެދުމާ ގުޅޭ ގޮތަކަށް އަބަދުވެސް ހިޖާބު ހޯދަނީ،" މިލީ ކިޔައިދިނެވެ.
"ހިޖާބު ގަންނައިރު އެންމެ މުހިންމުކަމެއް ދެނީ އޭގެ ދިގު މިނަށް. އެއީ އެކި ސްޓައިލްތަކަށް ބޭނުންވާނީ އެކި ވަރުވަރުގެ ހިޖާބު. ހިޖާބު ދިގުވުމަކީ ކޮންމެގޮތެއްވިޔަސް ސްޓައިލްކުރާއިރު ވަރަށް ފަސޭހަކޮށްދޭ ކަމެއް"
"އާންމުކޮށް އަޅުގަނޑު ބޭނުންވާ ކުލަ އާއި މެޓީރިއަލް އާއި އޭގައިވާ ސޮފްޓްކަން ހިތްހަމަޖެހޭ ވަރަށް ލިބުނީމަ އެއޮތީ ބޭނުންވާ ހިޖާބު އަތުޖެހިފައި"
"ގިނަ ދުވަހަށް އެ ހިޖާބެއް ހަލާކުވިޔަ ނުދީ ގެންގުޅެން ބޭނުން ނަމަ ކުލަތައް ވަކިކޮށްލާފައި ދޮވުން އެއީ މުހިންމު ކަމެއް. އަޅުގަނޑު ވެސް މިއީ ކަމުދާ ކުލައެއްގެ ހިޖާބެއް ލިބިއްޖެ ނަމަ ހަމަ ފުދޭވަރަކަށް ދުވަހަށް އެ ހިޖާބެއް ވަރަށް ބަލައިގެން ގެންގުޅޭ ހިތްވާ މީހެއް."
މިލީގެ މި ވާހަކައިގައި މިހާރު މިލިއަން ލަފުޒު ހަމަވެއްޖެހެން ހީވާން ފަށައިފިއެވެ. އެހެންވީމަ ކުރުކޮށްލަމާ ހިނގާށެވެ. މިހާރު ޖަވާބު ނުލިބެނީ ކޮން ސުވާލަކަށް ހެއްޔެވެ؟ އާނއެކެވެ. މި ސުވާލަށެވެ. -- އާންމުކޮށް މިލީގެ ތި ސްޓައިލް ބޮލުގައި އަޅައި ފަރިވެލަން ނަގާނީ ކިތައް މިނެޓް ހެއްޔެވެ؟
"އެހާ ގިނަ ވަގުތެއް ނުނަގާ އަސްލު އަހަރެންނަކަށް މިގޮތަށް ރެޑީވެލާކަށް. އާ ހިޖާބު ސްޓައިލެއް ޓްރައިކުރާ ނަމަ އެންމެ ފުރަތަމަ އެ ސްޓައިލް ކްރިއޭޓްކުރަނީ ބޮލު ތެރޭގައި. އެއަށް ފަހު އެގޮތަށް އާ ސްޓައިލެއް ޓްރައިކޮށްލަން ގިނަވެގެން 15 މިނެޓް ނަގާނީ،" މިލީ ބުނެލިއެވެ.
އެހެންވީމަ މިލީގެ ހާއްސަ ޓިއުޓޯރިއަލްސްތަކެއް ގެނެސްދޭން ކިހިނެތްވާނެ ހެއްޔެވެ؟
"ބައެއް ދުވަސް ދުވަހު ހިތަށް އަރާ އެގޮތަށް ހިޖާބު ސްޓައިލިން ވީޑިއޯ ގެނެސްދޭން ވެސް. ހިތަށް އަރާ 2013 ވަނަ އަހަރުން ފެށިގެން އަހަރެން މިހާތަނަށް ޓްރައިކުރި ހުރިހާ ސްޓައިލްތަކެއް ގެނެސްދޭން ވެސް. އެކަމަކު ވަގުތު ނުވެގެން ހަމަ އެކަން ނުވަނީ."
ދެން ކޮން ސުވާލެއް ހެއްޔެވެ. ސުވާލެއް ނޫނެވެ. މިލީގެ އެންމެ ހާއްސަ މެސެޖަކީ ކޮބައި ހެއްޔެވެ؟
"އައި ޑޯން ގޯ ފޯ ދަ ކޮމްފޯޓް. ބޮޑަށް ދަނީ އަހަރެންނަށް އެ މެޓީރިއަލްސް ގެންގުޅެލަން ފަސޭހަވާނެ މެޓީރިއަލްސްތަކަށް. އިފް ދަ މެޓީރިއަލް އިޒް ގުޑް އައި ކޭން ޑޫ އެނީތިން ވިތު އިޓް،" މިލީ ބުނެދިނެވެ.
"އައި އޯލްވޭސް ގޯ ފޯ ދަ ގުޑް ލުކްސް"
"މިސާލަކަށް މީހުން އަހާނެ، ހީލަކަށް އަރައިގެން ކިހިނެތް ހެއްޔޭ މާލޭގެ މަގުތަކުގައި ހިނގަނީ؟"
"އަޅުގަނޑު މިއީ އޮފީހަށް ދާއިރު އަބަދުވެސް ހީލްއަކަށް އަރައިގެން ދާ މީހެއް. އޮފިޝަލް އެޓަޔާގައި ހުންނަ ނަމަ އަޅުގަނޑަށް ހީވަނީ އަޅުގަނޑު ހުންނަން ޖެހޭނީ ހީލްއަކަށް އަރައިގެންހެން. އިވެންޓަކަށް ނުވަތަ ހަފުލާއަކަށްވިޔަސް ހީލް"
"އެހެންވީމަ މީހުން ބުނާނެ މާ ފަސޭހައެއް ނޫން ހެއްޔޭ އޮފީހަށް ދާއިރު ވެސް ފްލެޓް ފައިވާނަކަށް ނުވަތަ ޝޫއަކަށް އަރައިގެންދާން. އެކަމަކު އަޅުގަނޑު އަބަދުވެސް ދޭ ޖަވާބަކީ މިއީ"
"އިޓްސް ގުޑް ލުކްސް އޯވާ ކޮމްފޯޓް."
އެއީ ތެދެކެވެ. ރީތިވާން ކެރެންޏާމު ގޮތެއް ވެސް ހުންނަން ޖެހޭނެއެވެ. އެކަމަކު އެންމެ ގޮތަކުން އަދި ނުފުދެއެވެ. -- މިލީގެ މިލިއަން ސްޓައިލެވެ. ހިޖާބުން އަޖާއިބެކެވެ.