ފަރުވާ: ހަކުރު ބަލި ނުރައްކާ، ކާނާ އާއި ކަސްރަތު މުހިއްމު
ފަރުވާ: ހަކުރު ބަލި ނުރައްކާ، ކާނާ އާއި ކަސްރަތު މުހިއްމު

މާފުށާއި މާކުންބެއަކީ ދިވެހިންނަށް އައު ވާހަކަތަކެއް ނޫނެވެ. މާލޫދު ކޭންތަކާއި ސުފުރާތަކަކީ ދިވެހިން މާ ކުރިން ވެސް ދަންނަ ދިވެހީންގެ ގާތް ރައްޓެހިންނެވެ. ކުރު ދޮށިން ހައްސަބާނާ އުސޫލުން ބަނޑުފުރާލަން ދިވެހިންނަށް އެއީ އެއްވެސް ކަމެއް ނޫނެވެ. އެހެނީ މީރު ކެއުމާއި މީރު ބުއިންތަކަކީ ދިވެހިންގެ އަރުތަކަށް ނުހަނު މީރު އެއްޗިއްސެވެ. ޕިއްޒާ އާއިި އެކި ވަރުވަރުގެ ބާގާތަކާއި ސަބްމެރީންތަކެވެ. ފާޑުފާޑުގެ އެނާޖީ ބުއިންތަކެވެ. އެކި ވައްތަރުގެ ޕެކެޓްތަކާއި ޗޮކުލެޓްތަކާއި އައިސްކްރީމްތަކެވެ. ދެން ފޮނި ނުވާންވީ ކީއްވެ ހެއްޔެވެ؟

ފަރުވާ: ހަކުރު ބަލި ނުރައްކާ، ކާނާ އާއި ކަސްރަތު މުހިއްމު
ފަރުވާ: ހަކުރު ބަލި ނުރައްކާ، ކާނާ އާއި ކަސްރަތު މުހިއްމު

ލޭފޮދުގެ ފޮނިކަން އިންތިހާއަށް މަތިވީމަ ވާނުވާ ނޭނގުނީ އެވެ. ހޭއެރި އިރު އޭނާ އޮތީ ހޮސްޕިޓަލުގެ އިމާޖެންސީ ޑިޕާޓުމަންޓުގަ އެވެ. އާއެކެވެ. ކޭމާޓު ޚަބަރު ހުސްވެގެން ވެއްޓުނީ އެވެ. އަވަސް އަވަހަށް ބަނޑުހައިވުމާއި، އަބަދުވެސް ކާހިތްވެފައި ހުރުމަކީ ކޭމާޓު ކޭމާޓަކަށް ވީ ސަބަބެވެ. ގިނަގިނައިން ކަރުހިއްކާ ފެންބޮވައިގަނެ، އަވަސްއަވަހަށް ކުޑަކަމުދާން ޖެހުނުއިރު ނަގަމުން ދިޔައީ ކިހާ ވަރެއްގެ ފުސްގަނޑެއްކަމެއް އޭނާއަކަށް ނޭނގެ އެވެ. އެއީ ކޭމާޓަށް އެއިރު ނުވިސްނުނު ހަގީގަތެވެ. ހަކުރުބަލީގެ އަލާމާތްތަކެވެ.

ހަކުރު ބައްޔަކީ ޗިސްމޭއިން އުފައްދާ އިންސިއުލިން ނަމަކަށް ކިޔާ ކުޑަ ޕުރޮޓީނެއް އުފައްދާ މިންވަރު މަދުވުމުން ނުވަތަ އިންސިއުލިން ފުރިހަމަޔަށް ރަނގަޅަށް މަސައްކަތް ނުކުރުމުން ދިމާވާ ހާލަތެވެ. މި ހާލަތު ދިމާވާން ވަކި އުމުރެއް، ވަކި ޖިންސެއް ނެތެވެ. ޓައިޕް ވަން ޑައިބެޓިކްސް އާއި ޓައިޕް ޓޫ ޑައިބެޓިސް އާއި، ގެސްޓޭޝަނަލް ޑައިބެޓިކްސް އާއި އެހެނިހެން ޑައިބެޓިކްސްތަކަކީ ހަކުރު ބަލީގެ ވައްތަރުތަކެވެ. މިހާރުވެސް ހަކުރުބަލީގެ ދަފްތަރުގައި ޖުމްލަ 285 މިލިޔަނަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ. ހަކުރުބަލީގެ ގާފިލާއާ ގުޅެމުންދާ މީހުންގެ ރޭޓަށް ބަލާއިރު 2030 ވަނަ އަހަރާ ހަމައަށް މި އަދަދު 438 މިލިޔަނަށް ދާނެ ކަމަށް އިންޓަނޭޝަނަލް ޑައިބެޓްސް ފެޑެރޭޝަނުން ލަފާކުރެ އެވެ.

ކަން މިހެން ހުރިއިރު މި ލިސްޓްގައި އެންމެ ވޭނުގައި އުޅެން ޖެހިފައިވަނީ ޓައިޕް ވަން ޑައިބެޓިކް މީހުންނަށެވެ. މި ބަލީގެ ގިނަ މީހުން ހަކުރު ބަލީގެ ދަތުރު ފަށަނީ ޅައުމުރުގަ އެވެ. އެއީ ފެންނަފެނުމަށް ހިކިތޮޅި މީހުންނެވެ. ނަމަވެސް އިންސިއުލިން އަށް މުޅިންހެން ބަރޯސާވެފައި ތިބި މީހުންނެވެ. އެމީހުންގެ ޗިސްމޭއިން އިންސިއުލިން އެއްގޮތަކަށް ވެސް އުފައްދައިނުދޭ ކަހަލަ އެވެ. ފަހަރުގައި އެއީ އާއިލާގެ ފަރާތުން އެމީހަކަށް ވާރުތަވި ޖެނެޓިކް ކަމެއްގެ ނަތީޖާއަކަށް ވެސް ވުން އެކަށީގެންވެ އެވެ. ނުވަތަ އޭނާގެ ދިފާއީ ނިޒާމަށް އައި ބަދަލެއްގެ ސަބަބުން ދިމާވި ކަމަކަށް ވުން ވެސް އެކަށީގެންވެ އެވެ. އާއްމު ގޮތެއްގައި ޓައިޕް ވަން ހަކުރު ބަލި އެނގޭ ހިސާބަކީ ޒުވާން ދުވަސްވަރު ހަމަ ހުރެލާފައި ކުއްލިއަކަށް ހެޔަށް ގޮތްވެ ޚަބަރު ހުސްވާ ހިސާބެވެ. އެހިސާބުން ހަކުރު ބަލީގެ ބާބު 1 ފެށުނީ އެވެ.

ދެން އޮތީ ބާބު ދޭކެވެ. އާދެ، ޓައިޕް ޓޫ ހަކުރު ބައްޔެވެ. މި ވައްތަރަކީ އާއްމުކޮށް އުމުރުން 40 އަހަރުން މައްޗަށް ދިއުމުން ޖެހޭ ބައްޔެކެވެ. ނަމަވެސް ފަހަކަށް އައިސް ހަކުރު ބަލީގެ މި ވައްތަރު ވަރަށް ޒުވާން އުމުރުގައި ވެސް ފެންނަލެއް މަދެއް ނޫނެވެ. ފަލަކޮށް، ބިސްކޮށް ތިބޭ ކުދިންނާއި މީހުންނަކީ މި ވައްތަރުގެ ހަކުބަލީގެ ޝިކާރައަށް ފަސޭހައިން ވެގެންދާ ފަރާތްތަކެވެ. އެމީހުންގެ ހަށިގަނޑުން އިންސިއުލިން އުފެއްދި ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ އިންސިއުލިން ރެސިސްޓަންޓް (ނުގުޑާ) ވެފައިވާ ފަރާތްތަކެވެ. ބީއެމްއައި ނުވަތަ ބޮޑީ މާސް އިންޑެކްސް (ބަރުމިނާއި އިސްކޮޅަށް ބަލައި ދުޅަހެޔޮކަން ދެނެގަންނަން ބޭނުންކުރާ މިންގަނޑެއް) 25 ކިލޯގްރާމް ޕާ މީޓަރު ސްކުއާ އަށް ވުރެ މަތި ނަމަ މި ބާވަތުގެ ހަކުރު ބައްޔަށް ފަސޭހައިން ހުށަހެޅެ އެވެ. ބަރުހެލިކަމާއި، ގެސްޓޭޝަނަލް ޑައިބެޓިކްސް ( މާބަނޑުވުމާ ގުޅިގެން ހަކުރު މައްޗަށް ދިއުން) ނުވަތަ ވިހޭ ދަރިފުޅު ހަތަރު ކިލޯއަށް ވުރެ ބަރުވުމުން އެއީ ޓައިޕް-ޓޫ ހަކުރު ބަލި ޖެހިދާނެކަމުގެ ބިރުހުރި ނިޝާންތަކެވެ. ލޭމައްޗަށް ދިއުމާއި، ސަރުބީ މައްޗަށް ދިއުމާއި ޕީސީއޯޑީ ނުވަތަ ޕޮލިސިސްޓިކް އޮވޭރިއަން ސިންޑްރޯމް (އޯވަރީގައި ފެން ނުވަތަ ފެނާއި މަސްހުރި ބޮކިތަކެއް އުފެދުން) އަދި ހިތުގެ ބަލިތަކަކީ މިދެންނެވި ޓައިޕް ޓޫ ހަކުރު ބަލީގެ ދަފުތަރުގައި ތިބާގެ ނަން އެއްވެސް އަގަކާ ނުލައި ޖައްސައިދޭނެ ދެކެފަރިތަ ހަތުރުންނެވެ.

ގިނަ ފަހަރަށް އެފަދަ ހަތުރުންގެ މަޅީގައި މިތުރުން ޖެހިދަނީ ބޭސްވެރިކަމުގެ އިހުރުންގެ ބަސްގަބޫލް ނުކުރުމުގެ ސަބަބުންނެވެ. ފަރުވާކުޑަކުރެވުމުންނެވެ. އަށް ގަޑިއިރު ހައިބަނޑާ ހުރެ ހަދާ ފާސްޓިން ޝުގާ ޓެސްޓް ދެ ފަހަރެއްގެ މަތިން ޓެސްޓްކޮށްގެން 125 މިލިގްރާމް ޕާ ޑެސިލީޓަރަށް ވުރެ މަތި ނަމަ ހަކުރު ބަލި ޖެހުނީ އެވެ. ހަކުރު ބަލީގެ އަލާމާތްތަކާ އެކު ރެންޑަމް ޝުގާ (ވަކި ވަގުތެއް ނެތި ހަދާ ހަކުރު ޓެސްޓް) 200 މިލިގްރާމް ޕާ ޑެސިލީޓަރަށް ވުރެ މައްޗަށް ދިއުމުން ހަކުރު ބަލި ޖެހުނީ އެވެ. ހިމަގްލޮބިން އޭ ވަން ސީ % 6.5 އަށް ވުރެ މައްޗަށް ހިނގައްޖެ ނަމަ ދެން ކަންތަކާ ޖެހުނީ އެވެ.

ހާޓް އެޓޭކާއި ސްޓްރޯކާއި، ކިޑުނީގެ ބަލިތަކާއި ބަނޑު ހިކުމާއި ބަނޑުގެ އުދަގޫތަކާއި، ލޮލުގެ ބަލިތަކުގެ އިތުރުން އައްސިވުމާއި އިހުސާސް ނުކުރެވުން ފަދަ ނާރުގެ ބަލިތަކަށާއި، ޖިންސީ ބަލިކަށިކަމަށް ވެސް ހުށަހެޅުނީ އެވެ. ވިސްނާށެވެ. ތިޔަ ބޯ އެނާޖީ ޑުރިންތަކާއި ޕެކެޓްތަކާއި ފިޒީ ޑްރިންކްތަކާއި، ކާ ޕިއްޒާތަކާއި ސަބްމެރީންތަކާއި ބާގާތައް މަދުކޮށްލާކަށް ނުވޭތޯ އެވެ؟ ހުއްޓާލާކަށް ނުވޭތޯ އެވެ؟ އޭ ހަހަރުވެތި އަޚާ އެވެ. ރަނގަޅު ދިރިއުޅުމެއް ލިބޭނީ ހަވާސް ހޭލައިގެންނެވެ. ހޭލައްވައިގެންނެވެ.

އަވަހަށް ތެދުވާށެވެ. ފަތިސްނަމާދަށެވެ. އެއީ އަޅުކަމުގެ އިތުރުން ކަސްރަތެއް ވެސް މެ އެވެ. އެއަށް ފަހު އައުރަ ނިވާވާ ފަދަ، ފަސޭހަ ހެދުމެއް ލައިގެން، ފައިގެ ބައްޓަމާ ގުޅޭ ބޫޓަކަށް އަރައިގެން ހެނދުނު ކަސްރަތުކުރަން ދަމާ ހިނގާށެވެ. ބާރަށް ހިނގާލާށެވެ. ބައިސްކަލް ދުއްވާލާށެވެ. ފަތައި ވެސް ލާށެވެ. އަދި ކުޅިވަރު ކުޅެހެދޭ ނަމަ ކުޅިވަރު ވެސް ކުޅެލާހަދާށެވެ. ހަމަ އެންމެ 30 މިނެޓަށެވެ. އޭރުން ތިޔަ ލޮކި މަސްތައް ހިނގައިދާނެ އެވެ. ސަރުބީތައް ވިރިދާނެ އެވެ. ހައްޓަށް ހިތްހަމަޖެހުން ލިބިދާނެ އެވެ.

ކަސްރަތު ކުރަންވާނީ ވިސްނައިގެންނެވެ. ބަލައިގެންނެވެ. ހިތުގެ ބައްޔާއި ކިޑުނީގެ ބައްޔާއި، ލޭނާރުތަކާއި ނާރުގެ ބަލިތައް ޖެހިފައިވާ އެއްވެސް ބަލި މީހަކު، ހިނގުން ފިޔަވާ މަތީގައި ދެންނެވި އެއްވެސް ކަސްރަތެއް ނުކުރާށެވެ. އެފަދަ މީހުންނަށް އެއީ ރަނގަޅު ކަސްރަތުތަކެއް ނޫނެވެ. އަދި ދުވާ މެޝިންތަކަށް އަރައިގެން ދުވުމާއި ގިނައިރު ވަންދެން ޖޮގިން ކުރުމާއި، ޖިމަށް ގޮސް ބަރު އުފުލާހެދުމާއި، ސިޑިއަށް އަރައިހަދާ ކަސްރަތުތައް ހަކުރުބަލީގެ މީހުން ކޮށްގެން ނުވާނެ އެވެ.

ކަސްރަތުން ލިބޭ ފައިދާ ތިބާއަށް އެނގޭ ހެއްޔެވެ؟ ކަސްރަތުން އިންސިއުލިންގެ މަސައްކަތް ފުރިހަމަ ގޮތުގައި ފުރިހަމަ ކުރުމަށް އެހީވެދެ އެވެ. ހަކުރުގެ މިންވަރު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް ހޭހަންތެރިވެ އެވެ. ގުޅަބޭހުގެ ގޮތުގައި ހަކުރު ބައްޔަށް ކާ ބޭސްތަކުގެ ޑޯސް (ބޭހުގެ ބާރުމިން) ދަށްކޮށްދެ އެވެ. ޖަހާ އިންސިއުލިން އިންޖެކްޝަނުގެ މިންވަރު މަދުކޮށްދެ އެވެ. ރަނގަޅު ސަރުބީ (އެޗްޑީއެލް) މަތިކޮށްދެ އެވެ. ނުބައި ސަރުބީ (އެލްޑީއެލް، ޓީޖީ) ދަށްކޮށްދެ އެވެ. ފަލަވުމާއި ލޭމައްޗަށް ދިއުމާއި ކެންސަރު ޖެހުމުން ވެސް ދުރުކޮށްދެ އެވެ.

ރައްކާވެތިބިއްޔާ ދަތުރެވެ. ކެއުންބުއިމުގެ އާދަތަކަށް ސަމާލުވާށެވެ. ޚާއްޞަކޮށް ގުލައިސީމިކް އިންޑެކްސް (ކާނާގައި ހަކުރު އެކުލެވޭ މިންވަރު) މަތި ކެއުންތަކާއި ބުއިންތަކަށެވެ. އަދި އެފަދަ ކެއުންތަކާއި ބުއިންތަކާއި ދުރުވާށެވެ. ޕާނާއި ޕިއްޒާ އާއި ސަބްމެރީނާއި ބާގާ އާއި އަލުވި އާއި ދޮންކޭލާއި އެނާޖީ ބުއިންތަކާއި ޕެކެޓްތަކަކީ މި ދެންނެވި ގުލައިސީމިކް އިންޑެކްސް މަތި ކެއުމާއި ބުއިންތަކެވެ. ތިބާގެ ކެއުންބުއިމުގެ ވައްޓަފާޅި ރަނގަޅު ކުރުމަށް ނިއުޓްރިޝަނިސްޓަކާއި (ކާނާއާ ބޭހޭ މާހިރު) ވާހަކަ ދައްކާށެވެ. ނުވަތަ ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ.

ހަކުރު ބަލީގެ މީހުން މަދުވެގެން އަހަރަކު އެއް ފަހަރު ލޮލުގެ ޑޮކްޓަރަކަށް ދައްކަން ވާނެ އެވެ. މަދުވެގެން އަހަރަކު އެއް ފަހަރު މައިކްރޯ އަލްބުމިނޫރިއާ އަށް ސްކްރީން ކުރަންވާނެ އެވެ. ސަރުބީ މައްޗަށް ދިއުމާއި ލޭމައްޗަށް ދާ ނަމަ ގަވާއިދުން ޓެސްޓްތައް ހަދައި އެތެރެހަށީގެ ޑޮކްޓަރަކަށް ނުވަތަ ހަކުބަލީގެ ޚާއްޞަ ޑޮކްޓަރަކަށް (އެންޑޯކުރިނޮލޮޖިސްޓް) ދައްކައިގެން ދޭ އިރުޝާދާ އެއްގޮތަށް ފަރުވާ ކުރިޔަށް ގެންދަވާށެވެ. އަތާއި ފައި ޗެކްކޮށް ފަސޭހަނުވާ ފާރުގަނޑެއް ހުރި ނަމަ ލަސްނުކޮށް ފަރުވާ ހޯދާށެވެ. ބީއެމްއައި 18.5 އާއި 24.9އާ ދެމެދު ހިފެހެއްޓޭތޯ ބަލާށެވެ. އެހެން ނޫނީ މާކުންބޭ ހެދި މާ ކުއްޖަކަށް ވުމުން މާ ބޮޑަށް ފަހުން ރޯން ޖެހިދާނެ އެވެ. ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި ފަސް ވަނައަށް އެންމެ ގިނަ މީހުން މަރުވަނީ ހަކުރު ބަލީގަ އެވެ.