ޕާސްޕޯޓް ހިފެހެއްޓުމަކީ ޖުޑިޝަރީގެ ސިޔާސީ ޖަރީމާއެއް: ސިޔާމް
ޕާސްޕޯޓް ހިފެހެއްޓުމަކީ ޖުޑިޝަރީގެ ސިޔާސީ ޖަރީމާއެއް: ސިޔާމް

ރާއްޖޭގައި އަދުލު އިންސާފު މިހާރު އޮތީ "ކުޑަ ކުއްޖާއަށް ކުޑަ ގޮތް، ބޮޑު މީހާއަށް ބޮޑު ގޮތް" ކަމަށާއި އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަކީ ޖުޑިޝަރީން ހިންގި ސިޔާސީ ޖަރީމާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމް މިއަދު ތުހުމަތު ކުރައްވައިފި އެވެ.

ޕާސްޕޯޓް ހިފެހެއްޓުމަކީ ޖުޑިޝަރީގެ ސިޔާސީ ޖަރީމާއެއް: ސިޔާމް
ޕާސްޕޯޓް ހިފެހެއްޓުމަކީ ޖުޑިޝަރީގެ ސިޔާސީ ޖަރީމާއެއް: ސިޔާމް

ޖުޑިޝަރީގެ މައްސަލަ ބޮޑުވެއްޖެ ކަމަށް، ވަރަށް ބޮޑަށް ފާޑުވިދާޅުވެ ސިޔާމްގެ ނުރުހުން ކޯޓުތަކަށް އަމާޒުކުރެއްވީ ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލްއާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލާގައި ސަން ޓްރެވެލް އިން ހިލްޓަން އަށް ދައްކަން ޖެހޭ 28 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދެއްކި މައްސަލާގައި، އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކޮށްފައި ވަނިކޮށެވެ.

ޕާޓީގެ އެތެރޭގެ ކަމެއް އަދި ސިޔާސީ އެއްވެސް ހަރަކާތެއް ވެސް ނުހިންގާތާ ގިނަ ދުވަސްވެފައިވާ އެމްޑީއޭ އިން މިއަދު ވަނީ ކުއްލިއަކަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައިފަ އެވެ. އޭގެ ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވައި ސިޔާމް ވިދާޅުވީ އޭނާގެ ޕާސްޕޯޓް ހިފެއްޓީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމަށް ލޯޔަރުން ވިދާޅުވެފައިވާ ކަމަށެވެ.

"ޖެހިގެން އުޅޭ މައްސަލައަކީ މެނޭޖްމަންޓް ކުންފުންޏޭ ކިޔާ އިޒްރޭލުގެ ކުންފުންޏެއް. އެ ކުންފުނިން އަަޅުގަނޑުމެންނާ އެކީ އެގްރީމެންޓެއް ހެދީ އަޅުގަނޑުމެން ހިންގައިގެން ލިބޭ އެއްޗަކަށް ވުރެ މާ މަތީ އަދަދެއް ދޭނެ ކަމަށް. އެހެން ނަމަވެސް އެ އެގްރީމަންޓުގައި ސޮއިކުރި ފަހުން އެ ބުނި ގޮތާ ހިލާފަށް ހުރިހާ ކަންތައްތަކުން ވައްކަންކުރީ. މިހެން ގޮސް ހަތަރު ދުވަހުގެ ތެރޭގައި މުޅި ކުންފުނި ބޭންކްރަޕްޓް ކޮށްލީމަ އެގްރީމެންޓް ކެންސަލް ކުރީ،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވި ގޮތުގައި ޖުޑިޝަރީ ސިޔާސީވެފައި އޮތް ވާހަކަ ދައްކަވަން ފެއްޓެވީ އޭނާއަށް ބޭއިންސާފެއް ތަޖުރިބާ ކުރައްވަން ޖެހިވަޑައިގަތުމަކުން ނޫނެވެ. ކޯޓުތަކުން "ޓަސްލާފައި" މީހުން ހޯދައި ނުފެނިގެން ކަމަށް ބުނެ ފޮޓޯ ވެސް އާންމުކުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން މީހުންގެ އަބުރު ކަތިލެވޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ސިޔާސީ ބޭފުޅުން ތިއްބަވައިގެން ކޯޓުތަކުން ހުކުމްކުރަންވާ ގޮތް ގާޒީންނަށް އަންގަވަނީ ޖޭއެސްސީން ކަމަށެވެ.

"ސަދޫމާއި މި ގައުމާ ކޮބާތޯ ތަފާތަކީ. ގާޒީން މި ތިބެނީ ގޭގައި. ޖުޑީޝަލް ސާވިސް ކޮމިޝަނުން މި ލިޔުއްވަނީ މިގޮތަށޭ ހުކުމް ކުރަންޖެހޭނީ. މިގޮތަށް ނުކޮށްފިއްޔާ ގާޒީން ގެއަށޭ ފޮނުވާލާނީ. މިއީތޯ އިންސާފަކީ،" ސިޔާމް ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ގިނައިން ޓެކްސް ދައްކަނީ އޭނާ ކަމަށާއި މިއީ ބޭރުގެ ގައުމެއް ނަމަ އެކަމަށް އޭނާއަށް ސެލިއުޓް ކުރާނެ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގެއްލުންތަކެއް ވިޔަސް އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަކީ މާބޮޑު ކަމެއް ނޫން ކަމަށެވެ. އެކަމަކު އެއީ ދިން ވަރަށް ބޮޑު އަނިޔާއެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

ޖުޑީޝަރީގައި ހުސް ސިޔާސީ ބޭފުޅުން ތިއްބެވުމުން ރައްޔިތުންނަށް ލިބޭނީ ކޮން އިންސާފެއްތޯ ސުވާލު އުފައްދަވައި ޝިޔާމް ވިދާޅުވީ ސިޔާސީ މީހުން ތިބެއްޖެ ނަމަ، އެ މީހުން ކަންތައްކޮށްދޭނީ އެ ބަޔަކު ނިސްބަތްވާ ޕާޓީއަށް ނުވަތަ ތާއީދުކުރާ މީހުންނަށް އެކަނި ކަމަށެވެ. އޭނާގެ ފާޑުވިދާޅުވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރެއްވި އެވެ.

"ސިޔާސީ އެންމެ ބޮޑު ޕާޓީގެ ލީޑަރު އިނދެގެން ކިހިނެއްތޯ އަދުލު އިންސާފެއް ގެންނާނީ. ގެނެވޭނެ ގޮތެއް ވިސްނާލާ. ރާއްޖޭގައި ހިންގި އެންމެ ބޮޑު ސިޔާސީ ކޮރަޕްޝަން، އެމްއެމްޕީއާރުސީގެ މައްސަލައިގެ އެންމެ ބޮޑު މަންފާއެއް ލިބުނީ ކޮން ފަރާތަކަށްތޯ،" ނަޝީދަށް އެމްއެމްޕީއާރުސީގެ ހިޔާނާތް ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރައްވައި ސިޔާމް ވިދާޅުވި އެވެ.

ނަޝީދަށް ބަހުގެ ހަމަލާތަކެއް ސިޔާމް އަމާޒުކުރެއްވި އިރު ކުރިން ވެސް އޭނާ ވަނީ އަމިއްލަ ވިޔަފާރި ފުނޑާލަން ނަޝީދު ނުފޫޒު ފޯރުއްވާ ކަމުގެ ތުހުމަތު ކުރައްވައިފަ އެވެ.

ސިޔާމް ދެން ވައުދުވެވަޑައިގަތީ ޖުޑިޝަރީ އިސްލާހު ކުރެއްވުމުގެ މަސައްކަތް އޭނާ ކުރެއްވުމަށެވެ.

އެމްޑީއޭގެ ސަރުކާރެއް ނުވަތަ އެ ޕާޓީން ތާއީދުކުރާ ސަރުކާރެއްގައި ވެސް، ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ނުބައިތިއްބާނެ ކަމަށް ވިދާޅުވި އެވެ.

ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން އޮތީ ސިޔާމްގެ ސަން ޓްރެވަލްސް އަށް އަންގައިފަ އެވެ. އެހެން ނަމަވެސް އެ ފައިސާ އެ ކުންފުނިން ނުދައްކާތީ ހިިލްޓަން އިން ވަނީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ރާއްޖޭގެ ކޯޓުތަކަށް މައްސަލަ ހުށަހަޅައިފަ އެވެ.

ސިންގަޕޫރު އާބިޓްރޭޝަނުން ހިލްޓަނާ އެއްކޮޅަށް މައްސަލަ ނިންމާފައި ވަނިކޮށް ސިވިލް ކޯޓުން 2017 ވަނަ އަހަރު ވަނީ ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ހުކުމްކޮށްފަ އެވެ. ނަމަވެސް އެ ހުކުމް ހައި ކޯޓުން ބާތިލުކުރުމުން އަލުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ނިމުނީ ހިލްޓަން ކޮޅަށެވެ.