03 މާޗް 2022 - 06:36

މަޝްހޫރު ފަންނާނުންގެ އަގު ވަޒަންކުރުމަށްޓަކައި ހޮލީވުޑް ވޯކް އޮފް ފޭމް ގައި ދެމުން އަންނަ ތަރި، ހޮލީވުޑްގެ މަޝްހޫރު ތަރި ބެނެޑިކްޓް ކަމްބަބެޗް އަށް ލިބިއްޖެ އެވެ.
މަޝްހޫރު ފަންނާނުންގެ އަގުވަޒަން ކުރުމުގެ ގޮތުން ހޮލީވުޑް ބްރޯޑްކާސްޓިން ކޮމިޝަނުން ދެމުން އަންނަ ތަރިއަކީ ވޯކް އޮފް ފޭމްގެ މަގުމަތީގައި ހާއްސަ ނަމެއް ޖަހައި ދެވޭ ތަރިއެކެވެ.
ޑޮކްޓާ ސްޓްރޭންޖްގެ ރޯލުން ފެންނަ ބެނެޑިކްޓަށް އެ ތަރި ހަވާލުކޮށްފައި ވަނީ އިއްޔެ އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގެ ތެރޭގަ އެވެ. އެ ރަސްމިއްޔާތުގައި ބެނެޑިކްޓާއި އޭނާގެ އަންހެނުން ސޯފީ ހަންޓާ ވެސް ވަނީ ބައިވެރިވެފަ އެވެ.
އެ ރަސްމިއްޔާތުގައި ބެނެޑިކްޓު ވަނީ ހޮލީވުޑްގައި މަސައްކަތްކުރި ފަންނާނުންގެ އިތުރުން އާއިލާ މެމްބަރުންނަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އޭނާގެ ދައްތަ އަށް އެ ތަރި ވަނީ ހަދިޔާކޮށްފަ އެވެ. ބެނެޑިކްޓުގެ ދައްތަ ވަނީ މިދިޔަ އަހަރު މަރުވެފަ އެވެ.
ހޮލީވުޑް ވޯކް އޮފް ފޭމްގައި ހޮލީވުޑްގެ އެންމެ ބޮޑެތި ތަރިންތައް ހިމެނެ އެވެ. އޭގެ ތެރޭގައި ކުރީގެ ލެޖެންޑުންނާއި މިހާރުގެ ފަންނާނުން ވެސް ހިމެނެ އެވެ.