03 މާޗް 2022 - 06:31

މީގެ ހަތަރު އަހަރު ކުރިން 2018 ވަނަ އަހަރު ނެރުނު ފިލްމު "ޒީރޯ" އަށް ފަހު ޝާހު ރުކް ހާންގެ ފިލްމަކަށް ސަޕޯޓަރުން އިންތިޒާރުގައި ތިއްބާ އޭނާގެ ކުރިއަށް އޮތް ފިލްމު ނެރޭނެ ތާރީހު އިއްޔެ އިއުލާންކޮށްފި އެވެ.
ޝާހުގެ އާ ފިލްމު "ޕަތާން" ގެ ޝޫޓިންތައް ކުރިއަށް ދާތާ އަހަރެއްހާ ދުވަސްވެއްޖެ އެވެ. އެ ފިލްމު ރިލީޒްކުރަން ނިންމާފައި ވަނީ އަންނަ އަހަރު ޖެނުއަރީ 25 ގަ އެވެ.
ތާރީހު އިއުލާންކޮށް ޝާހު ބުނީ އެ ފިލްމު މާ ބޮޑަށް ލަސްވިކަން އެނގޭ ކަމަށާއި އެކަމަކު އެ އިންތިޒާރަށް ވަރަށް އަވަހަށް ނިމުމެއް އަންނަން ގާތްވެފައިވާ ކަމަށެވެ. އަންނަ އަހަރު އޭނާގެ ސަޕޯޓަރުން ސިނަމާތަކުން ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ޝާހު ބުންޏެވެ.
އެ ފިލްމު ހިންދީގެ ބަހުގެ އިތުރުން ތަމަޅަ އަދި ތެލޫގޫ ބަހުން ވެސް ނެރޭނެ އެވެ.
އެކަން އިއުލާންކުރުމާ އެކު ސަޕޯޓަރުން އުފާފާޅުކުރަމުން އަންނައިރު "ކިންގް" އަނބުރާ އައީ ކަމަށާއި އަނެއްކާ ވެސް ބޮކްސް އޮފީހުގައި ކުރިއަށް ޖެހިލާނެ ކަމަށް ބުނެ އެވެ.
ޔަޝް ރާޖް ފިލްމްސް އިން އުފައްދާ "ޕަތާން" ގައި ޝާހުއާ އެކު ދީޕިކާ ޕަދުކޯން އާއި ޖޯން އަބްރަހަމް ވެސް ފެންނާނެ އެވެ.
އެ ފިލްމުގެ ތާރީހު އާންމުކުރި އިރު ޝާހު ހިއްސާކުރި ވީޑިއޯގައި ޖޯން އަބްރަހަމް އާއި ދީޕިކާ ފިލްމާ ގުޅޭ ގޮތުން ވާހަކަދައްކާ ތަން ފެނެ އެވެ. ވީޑިއޯ އިން އެމީހުންގެ މޫނު ފެނުނަސް ޝާހު ވާހަކަ ދައްކާއިރު އޭނާގެ މޫނު ހުރީ ފުސްކޮށްލައިފަ އެވެ.
އެ ފިލްމުގައި ޝާހު ފެންނާނީ ވަރަށް ތަފާތުކޮށް ކަމަށް ކުރިން ވެސް އަޑު ފެތުރިފައިވެ އެވެ. އެހެންވެ ބެލެވެނީ ޓީޒާގައި ޝާހުގެ މޫނު ނުފެންނަނީ ފިލްމަށް ސަޕޯޓަރުން ބަލާހިތުން އިންތިޒާރުކުރެވުމެވެ.