ޓްރީ ޓޮޕްގެ އަހަރީ ދުވަސް: ޑިސްކައުންޓާއެކު ގިނަ ހަރަކާތްތަކެއް
ޓްރީ ޓޮޕްގެ އަހަރީ ދުވަސް: ޑިސްކައުންޓާއެކު ގިނަ ހަރަކާތްތަކެއް

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަތަރުވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބައެއް ޕެކޭޖުތަކުން ޑިސްކައުންޓް ދީ، ހާއްސަ ހަރަކާތްތަކެއް ރާވަން ނިންމައިފި އެވެ.

އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި މިއަދު ބުނީ، ސިއްހީ ދުޅަހެޔޮ ކަމުގެ ޕެކޭޖުތަކުން މި މަހުގެ ނިޔަލަށް 10 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

ރާއްޖޭގައި އެންމެ މަތީ ފެންވަރުގައި ސިއްހީ ހިދުމަތް ދިނުމަށް މީގެ ހަތަރު އަހަރު ކުރިން ހުޅުމާލޭގައި ހުޅުވި ހޮސްޕިޓަލްގެ އަހަރީ ދުވަހަކީ އިއްޔެ އެވެ.

- ވެލް މޭލް (ފިރިހެނުންނަށް ހާއްސަ) ޕެކޭޖް.

- ވެލް ވުމަން 18–34 (18-34 އުމުރުގެ އަންހެނުންނަށް ހާއްސަ) ޕެކޭޖް

- ވެލް ވުމަން 35 (35 އަހަރުން މަތީ އަންހެނުނަށް ހާއްސަ) ޕެކޭޖް

- ހެލްތީ ލިވިން ޕެކޭޖް

- ހާޓް ސްކްރީނިން (ހިތުގެ ބަލިތަކަށް ހާއްސަ) ޕެކޭޖް

ސިއްހީ ދާއިރާ އިން ޒުވާނުން ނެރުމަށް އޯޕަން ޑޭއެއް ވެސް ބާއްވާނެ ޓްރީ ޓޮޕުން ވަނީ ނިންމައިފަ އެވެ. ކެރިއާ ހިޔާރު ކުރުމާ ގުޅޭ މައުލޫމާތާއި ޓްރީ ޓޮޕުގައި ހުރި ވަޒީފާތަކުގެ މައުލޫމާތު އެ ދުވަހު ބައިވެރިންނާ ހިއްސާ ކުރާނެ އެވެ.

ނާސިން ދާއިރާ އަށް ދިވެހިން ނެރުމަށް އެ ހޮސްޕިޓަލުން ވަނީ "ޓްރީ ޓޮޕް ހޮސްޕިޓަލް ނާސިން ސްކޮލާޝިޕް" ވެސް އުފައްދައިފަ އެވެ. އެ ސްކޮލާޝިޕްގެ ދަށުން މިހާރު ވެސް ހަތް މީހަކު އަންނަނީ ނަރުސްކަމުގެ ކޯސްތައް ހަދަމުންނެވެ.

އަހަރީ ދުވަހާ ގުޅުވައިގެން ޓްރީ ޓޮޕުން ވަނީ އެ ހޮސްޕިޓަލުގެ ބައެއް ސާޖަރީތައް ވެސް އަގުހެޔޮ ކޮށްފަ އެވެ. އޭގެ ތެރޭގައި ޖެނެރަލް ސާޖަރީ އާއި ނާރުގެ ސާޖަރީ އާއި ނިއުރޯ ސާޖަރީ އާއި އިންޓާނަލް މެޑިިސިން އާއި އަންހެނުންގެ ހާއްސަ އޮބްސްޓެޓްރިކްސް އަދި ގައިނޮކޮލޮޖީ އާއި ކަށީގެ ބަލިތަކަށް ހާއްސަ ސާޖަރީތައް ހިމެނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މިދިޔަ އަހަރު ވަނީ ފެމިލީ މެޑިސިން ކްލިނިކަކާއި އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހެލްތް ސެންޓަރަކާއި ކެންސަރު ޖެހިފައިވާ މީހުންނަށް ޕެއިން އެންޑް ރިހެބިލިޓޭޓިވް ހިދުމަތްތައް އަދި ކުޑަކުދިންގެ ނިއުޓްރިޝަން ކްލިނިކްގެ ހިދުމުތްތައް ދޭން ފަށައިފަ އެވެ. އެ ހޮސްޕިޓަލުގެ ހުރިހާ ހިދުމަތެއްގައި ވެސް ބޭނުންކުރަނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ އެވެ.