ފަހު ވަގުތުގެ ގޯލުން ލިވަޕޫލް ދެ ވަނަ އަށް
ފަހު ވަގުތުގެ ގޯލުން ލިވަޕޫލް ދެ ވަނަ އަށް

ލިވަޕޫލް (ޑިސެމްބަރު 20) – އިތުރު ވަގުތުގެ ތެރޭ ސަޑިއޯ މާނޭ ޖެހި ލަނޑާ އެކު ވާދަވެރި އެވަޓަން 1-0 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމަށް ލިވަޕޫލް ރޭ އަރައިފި އެވެ.

ލިވަޕޫލް 37 ޕޮއިންޓާ އެކު ދެ ވަނަ އަށް އެރިއިރު އެ ޓީމު ވަނީ އެއް ވަނައިގައި 43 ޕޮއިންޓާ އެކު އޮތް ޗެލްސީއާ ހަ ޕޮއިންޓަށް ގާތްކޮށްފަ އެވެ. ކުރިން ދެ ވަނައިގައި 36 ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ސިޓީ ވަނީ ތިން ވަނަ އަށް ވެއްޓިފަ އެވެ. އާސެނަލް އޮތީ 34 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލުން ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެ ޓީމުގެ ހަމަލާތައް މަތަކުރުމުގައި އެވަޓަންގެ ގޯލްކީޕަރު މާޓިން ސްޓެކެލެންބާގް އަދި އޭނާ އަށް އަނިޔާވުމުން ބަދަލުގައި އެރި ޔޮއެލް ރޮބްލެސް މުހިއްމު ދައުރެއް އަދާކުރި އެވެ.

ދެ ޓީމު ހަމަހަމަވެގެން މެޗު ނިމެން ދަނިކޮށް ލިވަޕޫލް މޮޅުވީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި އަށް މިނެޓުގެ ތެރެއިން ހަތަރު ވަނަ މިނެޓުގަ އެވެ. އެ ޓީމުގެ ޑެނިއަލް ސްޓަރިޖް އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ ގޯލް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު، އެވަޓަންގެ ދެ ޑިފެންޑަރުން ކައިރިން އަރައި މާނޭ ވަނީ ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.

ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް ބުނީ ފުރަތަމަ ހާފުގައި އޭނާގެ ޓީމުގެ ފަރާތުން އެންމެ މޮޅު ކުޅުން ނުފެނުނު ނަމަވެސް އެއީ ދަށް ހާފެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

"ދެ ވަނަ ހާފުގައި އެވަޓަންގެ ކުޅުން އަހަރެމެން ހުއްޓުވިން. އަހަރެމެން މާ މޮޅަށް ކުޅުނިން. އަހަރެމެން އެންމެ ފުރުސަތެއް ވެސް އެވަޓަން އަށް ނުދެން،" ކްލޮޕް ބުންޏެވެ.

އެވަޓަންގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ ބަލިވުން ހައްގު ނޫން ކަމަށާއި ވަރަށް ގިނަ ކަންތައްތައް މެޗުގައި ދިޔައީ އޭނާގެ ޓީމާ ދެކޮޅަށް ކަމަށެވެ. އެގޮތުން ގޯލްކީޕަރަށް އަނިޔާވުމާއި އެ ޓީމުގެ މެދުތެރެ އޮޕަރޭޓްކުރާ މިޑްފީލްޑަރު ޖޭމްސް މެކާތީ އަށް އަނިޔާވުން މައްސަލަ ދިމާވި ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން ކޫމަން ވަނީ ލިވަޕޫލުގެ ޑެޔާން ލޮވްރެން އަށް ރަތްކާޑު ދައްކަން ޖެހޭ ކަމަށް ބުނެފަ އެވެ.

"ކުޅުންތެރިން ވަރަށް ރަނގަޅަށް ޕާފޯމްކުރި. މި މެޗުގެ ފުރަތަމަ ހާފަކީ މި ސީޒަނުގައި އަހަރެމެން ދެއްކި އެންމެ މޮޅު ކުޅުން،" ކޫމަން ބުންޏެވެ. "އެކަމަކު ވަރަށް ގިނަ ކަންތައްތަކެއް އަހަރެމެންނާ ދެކޮޅަށް ގޮސްފައިވަނީ."