02 މާޗް 2022 - 12:32

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި، ޔޫކްރޭންގެ ވެރިރަށް ކިޔޭވް އަށް ހަމަލާތައް ދޭނެ ކަމަށް އިންޒާރު ދިނުމަށް ފަހު، ކިޔޭވް އަށާއި ދެ ވަނަ އަށް އެންމެ ބޮޑު ސަހަރު ކަމަށްވާ ޚަރްކީވް އަށް ވަރުގަދަ ހަމަލާތަކެއް ދެމުން އެބަދެ އެވެ.

ޚަރްކީވްގެ މެދުތެރޭގައި ހުރި ސަރުކާރުގެ ބައެއް އިމާރާތްތަކަށް ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކުން އިއްޔެ ވަނީ މިސައިލް ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތަކުގައި އާންމުންގެ ބައެއް މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވި އެވެ.

އެ ސަހަރުގެ މެދުތެރޭގައި އޮންނަ މިނިވަންކަމުގެ މައިދާނާ ވަރަށް ކައިރީގައި ހުރި ސަރުކާރުގެ އޮފީސް އިމާރާތްތަކަށާއި އޮޕެރާ ހައުސް އާއި ކޮންސަޓް ހޯލަށް ދިން ހަމަލާތަކުގައި މަދުވެގެން 21 މީހަކު މަރުވެ އިތުރު 112 މީހުން ޒަހަމްވި އެވެ. އެހަމަލާތަކަށް ފަހު ރަޝިޔާގެ ވައިކުޑައިގެ ލަޝްކަރުގައި ހިމެނޭ ސިފައިންގެ ބަޔަކު ޚަރްކީވް އަށް ފައިބައި، އެ ސަހަރު ހިފުމުގެ މަސައްކަތް ފެށި އެވެ.
ޔޫކްރޭންގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ރަޝިޔާ ސިފައިން ވައިކުޑައިގައި ފޭބީ ޚަރްކީވްގައި ހުރި އަސްކަރީ ހޮސްޕިޓަލަކަށެވެ. ވައިކުޑައިގެ ސިފައިން އެ ސަހަރަށް ފޭބުމާ އެކު، ޔޫކްރޭން ސިފައިންގެ ވަރުގަދަ ރައްދު ހަމަލާތަކެއް ކުރިމަތިވި ކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ ހުޅަނގުގެ މީޑިއާތަކުން ބުނެ އެވެ.
ނަމަވެސް ޔޫކްރޭންގެ ސިފައިންގެ ރައްދު ހަމަލާތަކުގެ ކުރިމަތީގައި ރަޝިޔާ ސިފައިންނަށް ކުރިއެރޭނެ ގޮތެއް ނުވުމުން، ރަޝިޔާ ސިފައިންގެ ހަމަލާތައް މިހާރު ވަނީ ވަރުގަދަކޮށްފަ އެވެ.
އިއްޔެގެ މެންދުރު ކުރިން ރަޝިޔާ ސިފައިން ވައިގެ މަގުން ދިން ހަމަލާތަކުގައި، ވެރިރަށް ކިޔޭވްގައި ހުރި ޓީވީ ޓަވަރު ވަނީ ގޮއްވާލައިފަ އެވެ. އެ ޓަވަރު ގޮއްވައިލުމުގެ ސަބަބުން ޔޫކްރޭންގެ ގައުމީ ޓީވީ ޗެނަލްތަކުގެ ހިދުމަތް ގަޑިއިރުތަކަކަށް މެދުކެނޑިގެން ދިޔަ އެވެ.
ބައެއް ނޫސްތަކުން ބުނާ ގޮތުގައި ރަޝިޔާ ސިފައިންނާއި ޔޫކްރޭން ސިފައިންނާ ދެމެދު މިއަދު އެންމެ ވަރުގަދަ އަށް ހަމަލާތައް ބަދަލުކުރަމުން ދަނީ ޚަރްކީވްގެ މަގުތަކުގަ އެވެ. ރަޝިޔާ ސިފައިން ރެޔާއި މިއަދު ދިން ހަމަލާތަކުގައި ޚަރްކީވްގެ ބައެއް އިންޖީނުގެތަކަށް ވެސް ހަމަލާ ދީފައިވާ ކަމަށް ނޫސްތަކުން ބުނެ އެވެ.
ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި ގޮތުގައި ޚަރްކީވްގެ މަދަނީ ތަންތަނަށް ރަޝިޔާ ސިފައިން ދެމުންދާ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާތަކެކެވެ. ރަޝިޔާ ސިފައިން އިއްޔެ ހަމަލާތައް އަމާޒުކުރި ތަންތަނަކީ ޔޫކްރޭން ސިފައިންގެ މަގާމުތަކެއް ނޫން ކަމަށާއި އެއީ އާންމުން ވަޒީފާ އަދާކޮށް އާންމުން ހިދުމަތް ހޯދާ ތަންތަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވިލާތުގެ އިއްތިހާދުގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ބޭއްވި ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން، ރައީސް ޒެލެންސްކީ ވިދާޅުވީ ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ހިންގަނީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށެވެ. އަދި މިއީ ވިލާތުގެ އިއްތިހާދުގެ އެއްބާރުލުމާއި އެހީތެރިކަން ޔޫކްރޭނަށް އެންމެ ބޮޑަށް ބޭނުންވާ ވަގުތު ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.
"ވިލާތުގެ އިއްތިހާދު އޮތީ އަހަރެމެންނާ އެކުގައިކަން ސާބިތުކޮށްދީ. އަހަރެމެން މި ގޮތުގައި ހަލާކުވެދާން ދޫކޮށްނުލާނެ ކަން ވިލާތުގެ އިއްތިހާދުން ސާބިތުކޮށްދީ،" ޒެލެންސްކީ ވިދާޅުވި އެވެ.
ގާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމަށް ފަހު ވިލާތުގެ އިއްތިހާދުން ބުނީ، އެ އިއްތިހާދުގެ މެންބަރުކަން ހޯދުމަށް އެދި ޔޫކްރޭނުން ހުށަހެޅި ހުށަހެޅުން ދިރާސާކުރާނެ ކަމަށެވެ.