02 މާޗް 2022 - 12:39

ހުޅުމާލޭގެ ހިޔާ ސަރަހައްދުގެ ފުރަތަމަ ސްކޫލް މި އަހަރު ހުޅުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށުމާ އެކު، ހުޅުމާލޭގެ އާބާދީ އެތައް ގުނައެއް އިތުރުވެފައިވެ އެވެ. ދެ ވަނަ ފިޔަވަހީގައި އެކަނި ވެސް 10،000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. ނަމަވެސް، އެ މީހުންގެ ކަންބޮޑުވުމަކީ ކައިރި ހިސާބެއްގައި ސްކޫލެއް ނެތުމެވެ.
ދެވަނަ ފިޔަވަހީގައި ހިއްކި ސަރަހައްދުގައި ދެ ސްކޫލެއް އިމާރާތްކުރަން ދެ ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ. އެއީ "ސަލާހުއްދީން ސްކޫލް" އާއި އާރްސީސީއާ ހަވާލުކުރި ސްކޫލެވެ.
މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ތާރު އެޅުމަށް މަގު ބަންދުކޮށްފައި އޮތުމުން ސްކޫލް އިމާރާތްކުރަން އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެހެންވެ، މަސައްކަތްތައް ލަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ކުރިއަށް އޮތް 15 ވަރަކަށް ދުވަހުގެ ތެރޭގައި މަގުތަކުގައި ތާރު އަޅައި ހުޅުވާލުމުން ބާރު ސްޕީޑުގައި އެ މަސައްކަތް ގެންދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އޮފިޝަލް ވިދާޅުވީ އަމިން ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެން ހަދާ ސަލާހުއްދީން ސްކޫލް މި އަހަރުގެ ފަހުކޮޅަށް ނިންމަން މަސައްކަތްކުރާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.
އެ ސްކޫލް އަޅަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރީ، މި މަހަށް ނިންމާ ގޮތަށް، 118 މިލިއަން ރުފިޔާ އަށެވެ.
މި ސަރުކާރުގެ ޕްލޭނަކީ ސްކޫލްތަކުގެ ކިޔެވުން އެއް ދަންފަޅި އަށް ބަދަލުކުރުމެވެެ. އެ ސިޔާސަތަށް ބަލައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވެސް، މިހާރު ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރު ސްކޫލުތައް އިމާރާތްކުރަން ޖެހޭނެ އެވެ. ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 14 ސްކޫލެއް އިމާރާތް ކުރާނެ ބިން ކަނޑައަޅައި އެޗްޑީސީން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފައިވެ އެވެ.