02 މާޗް 2022 - 12:12

ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ބަންދު ކުރުމަށްފަހު "ދަ ޓްރެވެލާ"ގެ އޮފީހެއް އަނެއްކާ ވެސް މާލޭގައި އިއްޔެ ހުޅުވައިފި އެވެ.

މއ. ފަޅުގިރީގައި އެ އޮފީސް ހުޅުއްވައިދެއްވީ ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އޭއެމްޖޭ ސާދިގެވެ.
ޓްރެވެލާ އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އޮޕަރޭޓްކުރާ ސްރީ ލަންކާގެ ޓްރެވަލް ކުންފުންޏެކެވެ. އެ ކުންފުނިން ރާއްޖޭގައި ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގެ ހިދުމަތް ވެސް ދެ އެވެ.
ރާއްޖޭގައި ޓްރެވެލާގެ އޮފީހެއް އެންމެ ފުރަތަމަ ހުޅުވީ 2015ގަ އެވެ. ނަމަވެސް ކޮވިޑާ ހެދި ދަތުރުފަތުރުގެ ދާއިރާއަށް އައި ބަދަލުތަކާ އެކު އެ އޮފީސް ބަންދުކުރަން ޖެހުނީ އެވެ.
އެ ކުންފުނީގެ ރާއްޖޭގެ މެނޭޖިން ޑިރެކްޓަރު އާދަމް ޔާމީން ވިދާޅުވީ އޮފީސް އަލުން ހުޅުވާއިރު ކުރިން ވެސް ދެމުން ދިޔަ ހިދުމަތްތައް ލިބޭނެ ކަމަށެވެ. އަދި އެ ކުންފުންޏަކީ ކުރިންވެސް ދިވެހިންގެ އިތުބާރު ލިބިފައި އޮތް ކުންފުންޏެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮވިޑްގެ ބްރޭކަކަށް ފަހު އަލުން ހުޅުވާލާއިރު އަނެއްކާވެސް ކުރިއެކޭ އެއްގޮތަށް ޓިކެޓިން އާއި އިންބައުންޑް ޓުއާތަކާއި އުމްރާ އާއި ހައްޖު ވިސާ ފަދަ ހިދުމަތްތައް ދެމުން ގެންދާނެ،" ޔާމީން ވިދާޅުވި އެވެ.
ޓްރެވެލާ ގެ ޕާޓްނަރުންގެ ތެރޭގައި އެމިރޭޓްސް އާއި ފްލައި ދުބާއީ އާއި ޓާކިޝް އެއާލައިނާއި އިންޑިގޯ އާއި ސިންގަޕޯ އެއާލައިނާއި މެލެޝިއާ އެއާލައިނާއި އިއްތިހާދު އެއާވޭސް އާއި އެއާ އިންޑިއާ އާއި ގަތަރު އެއާވޭސް އާއި ލަންކާގެ ގައުމީ އެއާލައިން ސްރީލަންކަން ވެސް ހިމެނެ އެވެ.