ޗެއާޕާސަންގެ އިންތިހާބުގެ ތާރީހާ މެދު ހިޔާލުތަފާތުވުމެއް
ޗެއާޕާސަންގެ އިންތިހާބުގެ ތާރީހާ މެދު ހިޔާލުތަފާތުވުމެއް

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު މިހާރު ބާއްވަން ކަނޑައަޅާފައިވާ ތާރީހާ މެދު އެއްބަސްނުވެވި ހިޔާލުތަފާތުވުން އުފެދިއްޖެ އެވެ.

ޗެއާޕާސަންގެ ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ހުށަހެޅުއްވީ އިންތިހާބު ރޯދަމަހާ ދިމާވާތީ، އެހެން ތާރީހަކަށް ހަމަޖައްސައިދެއްވުމަށެވެ.

އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ކެންޑިޑޭޓް ހުށަހެޅުއްވީ އަވަސްކުރަން ނުވަތަ މިހާރު އޮތް ތާރީހުގައި ބޭއްވުމާ މެދު އަލުން ވިސްނުމަކަށް ދާން ކަމަށް ކެމްޕޭން މެނޭޖަރު، އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

ޗެއާޕާސަންގެ މަގާމުގެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވީ އިންތިހާބު މިހާރު ކަނޑައަޅާފައި އޮތް ތާރީހުގައި ބާއްވަން ނުވަތަ އެއަށް ވުރެން އަވަސްކުރިއަސް އިއުތިރާޒެއް ނެތް ކަމަށެވެ.

އިންތިހާބު ލަސްކުރަން އިންތި ތާއީދެއް ނުކުރައްވަ އެވެ.

"މިހާރު އޮތް ތާރީހުގައި ނުވަތަ އަވަހަށް ބާއްވަން ކެންޑިޑޭޓުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ދަންނަވާފައި އޮތީ. އެކަމަކު ލަސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އިންތިގެ ތަރުޖަމާން، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވި އެވެ.

ޗެއާޕާސަންގެ އިންތިހާބުގެ ތާރީހަށް ބަދަލެއް ގެންނަ ނަމަ އެކަން ކުރެވޭނީ ގައުމީ މަޖިލީހުން ފާސްކޮށްގެންނެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، އިންތިހާބު ބޭއްވުމުގެ 60 ދުވަސް ކުރިން، އެ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވައިލަން ވާނެ އެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިގެންވާ ލިސްޓެއް މަހެއް ކުރިން އިއުލާންކުރަން ޖެހޭތީ އެ ލިސްޓު މިހާރު އޮތީ އާއްމުކޮށްފަ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަނަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވައި އިންތިޒާމުކޮށް ،ހިންގައި ބެލެހެއްޓުމުގެ ޒިންމާ އަދާކުރައްވާ ޕާޓީގެ އެންމެ އިސް ފަރާތެވެ. އެމްޑީޕީގެ އެންމެ އިސް ގުނަންތައް ކަމަށްވާ ކޮންގްރެސް އާއި ގައުމީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ވެސް ޗެއާޕާސަން އެވެ.

ޕާޓީގެ އިންތިހާބުތައް ރާވައި އިންތިޒާމު ކުރުމާއި ދާއިރާތަކުގެ އިންތިހާބާއި އިދާރީ ކަންކަމާއި ޕާޓީގެ އުސޫލުތަކަށް ރައްކާތެރިވެ، މެމްބަރުންގެ ތެރޭގައި ޑިމޮކްރަސީގެ މިންގަނޑުތަކާއި ބައިވެރިވުމާއި ހަމަހަމަކަން ކުރިއެރުވުމަށް މަސައްކަތް ކުރައްވުމަކީ ވެސް ޗެއާޕާސަން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެކެވެ.

މި އިންތިހާބު ކާމިޔާބު ކުރުމުގެ ކެމްޕޭންގައި ފެންނަނީ އެމްޑީޕީގެ ހިޔާލުތަފާތުވުންތައް ބޮޑުވެ ދެ ފަޅިން ބަހުގެ ހަމަލާތައް ބަދަލުކުރުމާ އެކު ތުހުމަތުތައް އަޅުވާ މަންޒަރެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދާ އެކު ނުކުންނެވި ފައްޔާޒުގެ ކެމްޕޭނަށް ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށް، ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތާ އެކު މަޖިލީހަށް އިއްޔެ ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތް އިންތިގެ ކެމްޕޭންގައި އުޅުއްވާ މަޖިލިސް މެމްބަރުން ހުށަހެޅުއްވި މައްސަލައާ ގުޅިގެން، މެމްބަރުންގެ މެދުގައި ހޫނު ބަހުސެއް ހިނގި އެވެ. އޭގެ ތެރޭގައި، މި ސަރުކާރު ގެނައުމަށް މަސައްކަތްކުރީ އެމްޑީޕީގެ ވަކި ފެކްޝަނަކުން ކަމަށެވެ. މި ވާހަކަ އަށް ރައްދު ދެއްވި މެމްބަރުން ވިދާޅުވީ އެ ދަރަޖަ އަށް ޕާޓީގެ ބައެއް މެމްބަރުންގެ މަސައްކަތް ބަލައިނުގަތުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

ކެމްޕޭނުގެ ހަމަލާތައް ހޫނުވުމުން، ފައްޔާޒް ރޭ ކުރުބަޔާނެއް ނެރުއްވައި، އެކަކު އަނެކަކަށް އިލްޒާމު ނާޅުވައި އޭނާގެ ސަޕޯޓަރުން ރީތި ކެމްޕޭނެއް ކުރަން ގޮވައިލެއްވި އެވެ.