02 މާޗް 2022 - 08:27

ރަޝިއާ އިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ އެންމެ މަޝްހޫރު ފޯނު އުފައްދާ ކުންފުނި އެޕަލް އިން އެ ގައުމުގައި ވިޔަފާރީކުރުން ހުއްޓާލައި، ބައެއް ހިދުމަތްތައް ދިނުން މެދުކަނޑާލަން ނިންމައިފި އެވެ.
އައިފޯނު އުފައްދާ އެމެރިކާގެ އެ ކުންފުނިން ބުނި ގޮތުގައި ރަޝިއާ-ޔުކްރެއިން ހަނގުރާމައާ ގުޅިގެން ވަރަށް ކަންބޮޑުވާ ކަމަށެވެ.
އެޕަލް އިން ވަނީ ރަޝިއާގައި ޕްރޮޑަކްޝަން ސޭލްސް ހުއްޓާލަން ނިންމައިފަ އެވެ. އަދި އެޕަލް ޕޭ އާއި އެޕަލް މެޕްސްގެ ބައެއް ހިދުމަތްތައް ވެސް މިހާރު ވަނީ އެ ގައުމުގައި ލިމިޓްކޮށްފަ އެވެ.
ގޫގުލް އިން ވެސް ވަނީ ރަޝިއާ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. ރަޝިއާގެ ސަރުކާރުން ފަންޑުކުރާ ނޫސްތަކުގެ ހަބަރުތައް ފަސޭހައިން ނުފެންނަ ގޮތް ހަދާފައިވާއިރު، ޔޫޓިއުބުން ވީޑީއޯތައް ނުފެންނަ ގޮތް ވެސް ވަނީ ހަދައިފަ އެވެ.
ރަޝިއާގައި ވިޔަފާރީ ހުއްޓާލި ދުނިޔޭގެ މަޝްހޫރު އެހެން ބްރޭންޑްތަކުގެ ތެރޭގައި ނޯކިއާ އާއި ނައިކީ ވެސް ހިމެނެ އެވެ. ނެޓްފްލިކްސް އިން ވެސް ވަނީ އެ ސްޓްރީމިން ޕްލެޓްފޯމުން ރަޝިއާގެ ހަބަރުތައް ގެނެސްދިނުން ހުއްޓާލައިފަ އެވެ. އެއީ ރަޝިއާގެ ގާނޫނުން އެ ޕްލެޓްފޯމަށް ލާޒިމްކޮށްފައި އޮތް ކަމެކެވެ.