02 މާޗް 2022 - 06:24

އާދިއްތަ ދުވަހާ ގުޅޭ
"ފެންވެރީތަ؟" މީޒާ ސުވާލުކުރިއެވެ.
"އާނ!" ހާސްނުވާކަން ދައްކަން މަސައްކަތްކުރަމުން ޖަނާން ބުންޏެވެ. "ތެމިގެންވިއްޔަ އާދެވުނީ."
އެއީ ތެދެއްކަމެއް ނުވަތަ ދޮގެއްކަމެއް މީޒާއަކަށް ނޭނގެއެވެ. ވާރޭ އެބަ ވެހެއެވެ. ތެމުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު ހަމަޖެހޭ ގޮތް ދައްކަން ޖަނާން މަސައްކަތްކުރީ ކީއްވެގެންކަމެއް މީޒާއަކަށް ނޭނގެއެވެ. ނުވަތަ އެއީ މީޒާއަށް ހީވި ގޮތެއް ހެއްޔެވެ؟ ދެން އިތުރު ވާހަކައެއް ނުދެކެވެއެވެ. ދެ މީހުން ނިދަން އޮށޯތް އިރު ވެސް، އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. އެކަމަކު ޔަގީނުން ވެސް މީޒާ ދައްކަން ބޭނުން ބައިވަރު ވާހަކަ ހުއްޓެވެ.
"މެހެރީން ކޮޓަރީގަ އޭސީއެއް ހަރުކުރަންވީނު." މީޒާ ބުންޏެވެ.
"އާނ! ހަރުކުރަންވީ! މީޒާ ވިއްޔަ ހަރުނުކުރާށޭ ބުނީ،" ޖަނާންގެ ރާގުގައި މާ ބޮޑު އުފާވެރިކަމެއް ނެތެވެ. "އެކަމަކު ކުއްލިއަކަށް މި ގަޑީގަ ތިހެން ތި ބުނީ ކީއްވެ؟"
މީޒާ ހިތަށްއެރިއެވެ. މެހެރީންގެ ކޮޓަރީގެ ދޮރު ލައްޕައިފައި ބަހައްޓަން ބޭނުންވާތީއެވެ. ހާއްސަކޮށް ރޭގަނޑު އެ ދޮރު ތަޅުލައިފައި ބަހައްޓަން ބޭނުންވާތީއެވެ. އެ ތަނަށް ޖަނާން ވަންނަހެން ހީވާތީ، ވަނަނުދޭންވެގެންނެވެ. އެ ހުރިހައި ވާހަކައެއް ބުނެފާނަމެވެ. އެހެނަސް، އެއިން އެއްވެސް ވާހަކައެއް މީޒާ ނުބުނެއެވެ. ހުރިހައި ވާހަކައެއް އެތެރެއަށް ހިންދައިލީއެވެ.
"ކަމެއްނުވޭ!" މީޒާ ބުނެލިއެވެ.
މެހެރީންގެ ކޮޓަރީގައި އޭސީއެއް ހަރުކުރިއެވެ. އެއީ މެހެރީނަށް ލިބުނު ކާމިޔާބެއްކަމުގައި މެހެރީން ހީކޮށްފާނޭ މީޒާ ހިތަށްއެރިއެވެ. އެހެން ހީވިޔަ ނުދޭން މީޒާއަށް ކުރެވޭނެ ކަމެއް ނެތެވެ. އެއަށް ވުރެ މާ ބޮޑު ކަމެއް މީޒާއަށް ކުރިމަތިވިއެވެ. މެހެރީން އައުމުން ޖަނާން ގޭގައި ހަރުލާން ފެށިއެވެ. ގެއަށް ވަންނާނެ ފުރުސަތެއް ނުލިބުނު ޖަނާން ގެއިން ބޭރަށް ނުނިކުތުމަކީ މީޒާއަށް މައްސަލައެކެވެ. ޖަނާން ބައްޕަގެ ވިޔަފާރި ދެން ވެސް ވީ ފުޅަލެވެ. ހަންޏެއް ނޫނެވެ. މެހެރީން ފެނުމުން ޖަނާންގެ މޫނަށް އުފާވެރިކަން ވެރިވެއެވެ. މީޒާ ފެނުނަކަސް އެހެނެއް ނުވެއެވެ. މެހެރީން ގޭގައި ހުއްޓަސް ހުންނަނީ ވަރުގެ ކޮޅަށް ނަލަހެދިގެންނެވެ. ހީވަނީ ދެންމެދެންމެ ޕާޓީއަކަށް ހިނގައިދާނެހެންނެވެ. އޭނަ ޖަހައިފައި ހުންނަ ސެންޓުން އާދަޔާހިލާފު މީރުވަހެއް ދުވައެވެ. މެހެރީން ހިނިތުންވެފައި ނުހުންނަ ވަގުތެއް ނުދެއެވެ. އޭނަގެ އިސްތަށިގަނޑު ހުންނަލެއް ރީތިކަމުން އެ އިސްތަށިގަނޑަށް ނުބަލައި މީޒާއަކަށް ވެސް ނުހުރެވެއެވެ. ޖަނާނަށް ވާނެ ވަރު މީޒާއަށް ވިސްނެއެވެ. އެކަމަކު މެހެރީން ނަލަހެދުން މީޒާއަކަށް މަނައެއް ނުކުރެވޭނެއެވެ. ސެންޓުފުޅިއެއް ނުފޮރުވޭނެއެވެ. މެހެރީންގެ އިސްތަށިގަނޑު ކޮށައެއް ވެސް ނުލެވޭނެއެވެ. ކުރެވޭނެ ހަމަ އެކަނި ކަމަކީ މެހެރީނަށް ނުބެލުމެވެ. މީޒާއަކަށް އެ ކަމެއް ނުކުރެވެއެވެ.
މީޒާ ފިކުރުބޮޑުވާން ފެށިއެވެ. މެހެރީނަށް ފާރަލެވެން ފެށިއެވެ. ޖަނާނާއި މެހެރީންގެ މެދުގައި ގުޅުމެއް އޮތްކަމުގެ އެއްވެސް ހެތްކެއް މީޒާއަކަށް ނުފެނުނެވެ. އެންމެ ހެތްކެއް ފިޔަވައެވެ. އެއީ ޖަނާނާއި މެހެރީން އެކަކު އަނެކަކަށް ބަލާ ގޮތެވެ. އެ ބެލުމުގައި ފުން މާނައެއް ނެތިއެއް ނުދާނެކަން މީޒާއަށް ކަށަވަރެވެ. ޖަނާން ކުރިން އެ ގޮތަށް ބެލީ މީޒާއަށެވެ. އެ ތަޖުރިބާ މީޒާ ކޮށްފިއެވެ. އެއީ ލޯތްބެވެ. ހިތާއި ހިތުގެ ބަހުރުވައެވެ.
މެހެރީން ހަވީރު ދުވަންދާން ފެށިއެވެ. އެ ގަޑިއަށް ޖަނާން ގެއްލެން ފެށިއެވެ. އެއީ މީޒާއަށް ޖަވާބު ހޯދަން އުނދަގޫ ނަންބަރެއް ނޫނެވެ. ބޭރު ކޮންމެވެސް ތާކުން މެހެރީނާއި ޖަނާން ބައްދަލުކުރަނީއެވެ. އެ ކަމަށް ފަންޑިތައެއް ހަދަން މީޒާއަށް މަޖުބޫރުވިއެވެ. އަނބިމީހާގެ ބަދަލުގައި މީޒާ ވާންޖެހުނީ ފިރިމީހާގެ ހަށިފާރަވެރިޔަކަށެވެ. މީޒާ ހުރީ ދަނޑިވަޅެއްގެ އިންތިޒާރުގައެވެ. އެހެން ހުއްޓައި، ހަވީރު ދުވަން ދިޔަ އަންހެންކުއްޖަކު ގަދަކަމުން ލާންޗަކަށް އަރުވައިގެން ގެންދިޔަ ޚަބަރު ނޫސްތަކަށް އެރިއެވެ. މީސްމީޑިޔާގައި އެ އަޑު ގަދަވިއެވެ.
"އަހަންނަކަށް ނުފެނޭ މެހެރީން ދުވަން ފޮނުވާކަށް،" މީޒާ އެ ވާހަކަދެއްކީ ހެޔޮއެދިގެންކަމަށް ހެދިގެންނެވެ. "މި ގޭގަ އެބަ ހުރި ދުވާ މެޝިނެއް. އެއަށް އަރަންވީނު. ޖަނާގެ ބެލުމުގެ ދަށުގަ އޭނަ ހުއްޓާ އޭނައަށް ކަމެއްވެއްޖެއްޔާ ޔޯ؟"
"އަހަރެން ވެސް ތިހެން ހިތަށްއެރި،" ޖަނާން ބުންޏެވެ. "އެކަމަކު މީޒާއަށް ގެނައި އެއްޗެއް މެހެރީން ބޭނުންކުރުން އެހާ ރަނގަޅު ނުވެދާނެތީ އަހަން ނުކެރިފަ މި ހުންނަނީ."
ދުވަން ބޭރަށް ނުދާން މެހެރީން އެއްބަސްވިއެވެ. އެއްވެސް ޝަކުވާއެއް ނެތިއެވެ. މެހެރީން ބޭނުންވި ގޮތަކީ އެއީހެން މީޒާއަށް ފަހުން ހީވިއެވެ. ކަސްރަތު ހެދުމުގައި މެހެރީން ދުވަންއަރައި ހުންނަ މަންޒަރު ބަލާކަށް މީޒާއަކަށް އެހާ ފަސޭހައެއް ނޫނެވެ. މެހެރީން ހުންނަލެއް ފޮނިކަމާއި ނަލަކަމުންނެވެ. ދުވާމެޝިނަށް އަރާ އިރު ތުންފަތުގައި ލިޕްސްޓިކު ޖައްސާނީ ކާކު ހެއްޔެވެ؟ ސެންޓުޖަހައިގެން ހުންނާނީ ކާކު ހެއްޔެވެ؟ މެހެރީން ހީވަނީ ފިލްމީތަރިއެއްހެންނެވެ. އެޑިޑާސްއިން ސްޕޮންސަރުކޮށްފައިވާ މޮޑެލްއެއްހެންނެވެ. ދުވަނީ އެހާމެ ގޮތް ބޮޑުކޮށެވެ. ޖަނާނަށް އެއީ ޓީވީޝޯއެކެވެ. ކޮންމެވެސް އެއްޗެކޭ ކިޔައިގެން، ދުވާމެޝިނު ކައިރިއަށް، އެ ގަޑިއަށް ޖަނާން އާދެއެވެ. ނޫންކަމަށް ހެދިފައި މެހެރީނަށް ބަލަން އިނދެއެވެ. މީޒާއަކަށް ހެޔޮ އެއް ގޮތެއް ވެސް ނެތެވެ. ބޮލުގަރިހުން ހައްތަހާ ވީ ގަދައެވެ. އެކަމަކު ގޭގެ އެކަކަށް ވެސް އެ މައްސަލަ ބޮޑެއް ނުވެއެވެ. އެކެއްގެ މައްސަލަތަކުގެ ތެރެއަށް އަނެކަކު ވަނުމަކީ އެ ގޭގައި އޮންނަ ކަމެއް ނޫނެވެ.
މީޒާއަށް ފެނުނީ މެހެރީނާ ގޭގެ އެހެން މީހުންގެ ގުޅުން ބޮޑުވާ ތަނެވެ. އެ މީހުންގެ ވައްޓަފާޅިޔާއި މެހެރީންގެ ވައްޓަފާޅި އެއްގޮތްކަމުންނެވެ. ބުނާހެން ހީވާ ކަހަލައެވެ. އެ މީހުން ބޭނުންވަނީ މެހެރީން ކަހަލަ ކުއްޖަކާ ޖަނާން އިންނާށެވެ. މެހެރީން ހުރުމުން މީޒާއަށް ވަރަށް ފަސޭހަ ވެސް ވެއެވެ. ދެ ކުދިންގެ ހުރިހައި ކަމެއް މެހެރީން ވަރަށް ކުޅަދާނަކަމާ އެކު ބަލަހައްޓައެވެ. ހީވަނީ ތަޖުރިބާކާރު މަންމައެއްހެންނެވެ. ހުސް ވަގުތެއް ލިބިއްޖެއްޔާ މެހެރީން އިންނާނީ ފޯނު ހިފައިގެންނެވެ. މީޒާއަަށް ލަފާކުރެވޭ ގޮތުގައި މެހެރީން ތަމުރީނު ހޯދަނީ ނެޓުންނެވެ. އެހާ މޮޅަށް މެހެރީން އެ ކަން ކުރަނީ ޖަނާންގެ ހިތް އަތުލާށެވެ. ކަންދައްކާށެވެ. އެ ނޫން އެއްވެސް ކަމެއް ނެތެވެ.
މީޒާ ހިތަށްއެރިއެވެ. ކޮންމެ ގޮތެއް ވިޔަސް މީޒާއަކަށް މެހެރީން ގެއިން ބޭރަކަށް ނުލެވޭނެއެވެ. މެހެރީންގެ ކުށެއް ނެތެވެ. ބަރާބަރަށް ޒިންމާ އަދާކުރެއެވެ. އަނެއްކޮޅުން، ގޭގެ ވެރިމީހަކީ ޖަނާނެވެ. އެކަމަކު، ކެތްނުކުރެވިގެން މެހެރީން އަމިއްލައަށް ގެއިން ނުކުންނަ ވަރު ކުރެވިދާނެއެވެ. ރުޅިއައިސްގެން އެންމެ ލަފުޒެއް ވެސް މެހެރީނާ ދިމާއަށް މީޒާ ނުބުނަނީހެވެ. އެއީ ދިގު މަގެކެވެ. ވަގުތު ނަގާނެ ކަމެކެވެ. ނުވާނެ ކަމެއް ނޫނެވެ.
ރޭގަނޑު ކުދިން ނިންދަވައިފައި މެހެރީން ކޮޓަރިން ނުކުތް އިރު ގަޑިން ނުވައެއް ޖަހަނީއެވެ. މީޒާ ހުރީ ތައްޔާރަށެވެ. މުޅި ދުވަހު ކުދިންގެ ހުރިހައި ކަމެއް ބެލެހެއްޓުވީ މެހެރީން ލައްވައެވެ. އޭނަ ވަރުބަލިވާނެކަން ވެސް މީޒާއަށް އެނގެއެވެ.
"މެހެރީން!" މެހެރީން ބޮޑުކޮޓަރިއަށް ނުކުތުމާ އެކު މީޒާ ގޮވައިލިއެވެ.
މެހެރީން އައުމުން މީޒާ ސޯފާގައި އިށީނެވެ. ކުޑަމޭޒަށް ފައިނެގިއެވެ.
"ފައިގެ ނިޔަފަތި ކަނޑައިލެވިދާނެތަ؟" މީޒާ ސުވާލުކުރިއެވެ.
މެހެރީން ވަގުތުން އެއްބަސްވިއެވެ. ނިޔަފަތިކަނޑާ ދަތި ބަލައި ދިޔައެވެ. އެ ފަދަ ކަމެއް މީޒާ ދުވަހަކު ވެސް ނުބުނާތީ މެހެރީން ކުޑަކޮށް ހައިރާންވިއެވެ. ނިޔަފަތިކަނޑައި ނިމެންދެން މީޒާ ޓީވީބަލަން އިނީއެވެ. ނިމިގެން މެހެރީން ތެދުވިއެވެ.
"މެހެރީން! އަހަރެންގެ ފޯނުދީބަލަ!" މީޒާ އެދުނެވެ.
މެހެރީން ހީކުރީ މީޒާގެ ފޯނު އޮތީ ކޮޓަރީގައިކަމަށެވެ. ހަމަ ހިނގައިގަތްތަނާ މީޒާ ގޮވިއެވެ. މެހެރީން އައިސް މީޒާ ގާތަށް ހުއްޓުނެވެ.
"ފޯނު މި އޮތީ އަހަރެންގެ ހަރުވާޅުގެ ޖީބުގަ." މީޒާ ބުންޏެވެ.
މެހެރީނަށް ސިހުމެއް ލިބުނުކަން ޔަގީނެވެ. އެހެނަސް، ކެތްތެރިކަމާ އެކުގައި މީޒާގެ ޖީބުން ފޯނު ނެގިއެވެ. މީޒާއަށް ދިނެވެ. އެ ކަމަކީ މެހެރީނަށް ބުރަކަމެއް ނޫނެވެ. ހުތުރުކަމެއް ވެސް ނޫނެވެ. މެހެރީނަށް އުނދަގޫވީ އޭގެ މާނައެވެ. ޒާތީގޮތުން މީޒާ ޖައްސައިލި ޖައްސައިލުމެވެ. ކީއްވެގެންކަން ވެސް މެހެރީނަށް ވިސްނެއެވެ. ޖަނާން މާ ކުރިން އެ ހުރިހައި ފިލާވަޅެއް ނަގައިދީފިއެވެ.
ދަންވަރު ދޭއްޖަހަނިކޮށް މީޒާ އައިސް މެހެރީނަށް ގޮވިއެވެ.
"މިރޭ ޝަހުދާ އިރުއިރުކޮޅާ އެބަ ހޭލާ،" މީޒާ ބުންޏެވެ. "ދޭބަލަ އެ ކޮޓަރީގަ އޮންނަން."
ކުދިން ތިބޭ ކޮޓަރިއަށް މެހެރީން ދިޔައެވެ. ޝަހުދާއެއް ނެހޭލައެވެ. އެއީ ކީއްވެގެން މީޒާ ކުރި ކަމެއްކަން މެހެރީނަށް ވިސްނުނެވެ. މެހެރީން ގާތަށް އައީ ހިންޏެވެ. ހަމަޖެހިލައިފައި އެނދުގައި އޮށޯތެވެ. އިރުކޮޅެއް ނުވެ ނިދުނެވެ. ހަމަ ނިދޭ އިރަށް މީޒާ އައިސް ގޮވައިލިއެވެ.
"ދެން ދޭ މެހެރީންގެ ރޫމަށް،" މީޒާ ބުންޏެވެ. "އަހަރެންކަން ނޭނގެ ތި ތާ އޮންނާނީ."
ހަމަ އެއްވެސް ސުވާލެއް ނުކޮށް މެހެރީން ތެދުވެގެންދިޔައެވެ. މެހެރީނަށް އަނިޔާވާ ކަހަލަ އެއްވެސް ކަމެއް މީޒާ ނުކުރެއެވެ. މީޒާ ކުރަން ފެށީ ކުދިކުދި ޖެއްސުމެވެ. މެހެރީން ދުވާމެޝިނަށް އަރާ ވަގުތާ ދިމާކޮށް، ދަރިންގެ ކޮންމެވެސް ކަމެއް މެހެރީނަށް ޖައްސައެވެ. ކުދިންގެ އަންނައުނު އަލަމާރި، މެހެރީން ލައްވައި ދުވާލަކު ދެ ދަޅައަށް ތަރުތީބުކުރުވައެވެ. މެހެރީން ވަރަށް ހިތްވަރުގަދައެވެ. ރުޅިއެއް ނައެވެ. ޖަނާން ގާތުގައި ޝަކުވާއެއް ވެސް ނުކުރިއެވެ. އެ ކަމާ ވެސް ރުޅިއައީ މީޒާއެވެ. ރުޅިއައިސްގެން މީޒާ އެ ވާހަކަދައްކާނީ ކާކު ކައިރީގައި ހެއްޔެވެ؟ މެހެރީންގެ އެއްވެސް ވާހަކައެއް ހަފީޒާއަކަށް މީޒާ ނާންގައެވެ. އެނގޭކަށް ވެސް ބޭނުމެއް ނޫނެވެ. ހިތާމައަކީ މީޒާ އަތުގައި އެ ބާރު ނެތްކަމެވެ.
މީޒާގެ ދަރިން ބަލަން ވަރަށް ރީތި އަންހެންކުއްޖަކު ގެއަށް ގެނައިކަން ހަފީޒާއަށް އެނގުނެވެ. ހަފީޒާގެ ރައްޓެއްސެއްގެ ފަރާތުންނެވެ. ކުދިން ބަލަން މީހަކު ގެނައުމަކީ ހައިރާންވާންޖެހޭ ވަރުގެ ކަމެއް ނޫނެވެ. މައްސަލައެއް ވެސް ނޫނެވެ. ހަފީޒާއަށް މައްސަލައަކަށްވީ މީޒާ އެ ވާހަކަ ސިއްރުކުރުމެވެ. ކިނބިއްސެއްއެޅުނަސް ހަފީޒާ ގާތުގައި ބުނާ ދަރިފުޅު، މެހެރީން ގެއަށް ގެނައިކަން ސިއްރުކުރީ ކީއްވެގެން ހެއްޔެވެ؟ އޭގެ ފަހަތުގައި އޮތީ ކޮން ހަގީގަތެއް ހެއްޔެވެ؟
"މެހެރީން ކިޔާ ކުއްޖަކު ތި ބައިގަ އުޅޭތަ؟" މީޒާއަށް ގުޅައިފައި ހަފީޒާ ސުވާލުކުރިއެވެ.
ނުނިމޭ