01 މާޗް 2022 - 22:35

ކިއޭވް (މާޗް 1) - ޔުކްރޭނުގެ ވެރިރަށް ކިއޭވްގެ މައި ޓީވީ ޓަވަރު، ރަޝިޔާ ސިފައިންގެ ވައިގެ ހަމަލާތަކުގައި ގޮއްވާލާފައިވާ ކަމަށް ޔުކްރޭން ސަރުކާރުން ބުނެފި އެވެ.
ޔުކްރޭނުގެ ދާޚިލީ ވުޒާރާ އިން ބުނީ ޓީވީ ޓަވަރު ގޮއްވާލުމުން ބައެއް ތަކެއްޗަށް ގެއްލުންތައް ލިބިފައިވާ ކަމަށާއި އެހެންވެ ޓީވީ ޗެނަލްތަކުގެ ޚިދުމަތް ވަގުތުކޮޅަކަށް މެދުކެނޑޭނެ ކަމަށެވެ.
ޔުކްރޭނުގެ އިމަޖެންސީ ސާވިސް އިން ބުނެފައި ވަނީ ޓީވީ ޓަވަރު ގޮއްވާލުމުން ފަސް މީހުން މަރުވެފައިވާ ކަމަށެވެ.
ޔުކްރޭނުގެ ޚާރިޖީ ވުޒާރާ އިން ބުނެފައި ވަނީ މެމޯރިއަލް ސައިޓަކާ ކައިރީގައި ހުރި ޓީވީ ޓަވަރަކަށް ހަމަލާ ދިނުމަކީ ރަޝިޔާ އިން ހިންގި ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ.
ޓީވީ ޓަވަރުގެ އުސްމިނަކީ 380 މީޓަރު (1،250 ފޫޓު) އެވެ.
ޔުކްރޭނުގެ ވެރިރަށުގެ ޓީވީ ޓަވަރު ގޮއްވާލާފައި މިވަނީ ކިއޭވްގެ އެކި އަމާޒުތަކަށް ހަމަލާ ދޭނެކަމުގެ އިންޒާރު ރަޝިޔާ އިން މިއަދު ދީފައި ވަނިކޮށެވެ. ރަޝިޔާ އިން ބުނެފައި ވަނީ ހަމަލާތައް އަމާޒު ކުރާނީ ޓެކްނޮލޮޖީ ސެންޓަރުތަކަށް ކަމަށެވެ. ޓެކްނޮލޮޖީ ސެންޓަރުތަކަށް ހަމަލާ ދޭން އުޅުމުގެ ބޭނުމަކީ ރަޝިޔާއާ ދެކޮޅު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ކަމަށް އޮފިޝަލުން ބުނެ އެވެ.